ގެޓީއިމޭޖްސް
މިހާރު ހިނގަމުންދާ ނުރައްކާތެރި ހެކިންގ ކެމްޕޭންތަކަކާ ގުޅިގެން، އައިފޯން ބޭނުންކުރާ ފަރާތްތަކުން ވީއެންމެ އަވަހަކަށް ފޯނުގެ ސޮފްޓްވެއަރ އަޕްޑޭޓްކުރުމަށް އެޕަލް ކުންފުނިން އިންޒާރުދީފިއެވެ.
އެޕަލް އިން މިއިންޒާރު ދީފައިވަނީ ރަޝިއާގެ ޖާސޫސީ އިދާރާތަކާއި ޗައިނާގެ ސައިބަރ ކުށްވެރިންގެ އިތުރުން އެހެނިހެން ހެކަރުންތަކެއް އައިފޯނުތައް ހެކްކުރަމުންދާތީ، ކަމަށް ރިޕޯޓްތައް ބުނެއެވެ.
ގޫގުލް އާއި ސައިބަރ ސެކިއުރިޓީ ކުންފުނިތައް ކަމަށްވާ 'އައިވެރިފައި' އަދި 'ލުކްއައުޓް' އިން ހާމަކޮށްފައިވާ ގޮތުގައި، ހެކަރުން ބޭނުންކުރަމުންދަނީ "ޑާކްސްވޯޑް" އަދި "ކޮރޫނާ" ގެ ނަން ދީފައިވާ ޓޫލްތަކެކެވެ. މިއީ އެޕަލްގެ އޮޕަރޭޓިންގ ސިސްޓަމް (އައިއޯއެސް) ގެ ކުރީގެ ވަރޝަންތައް ބޭނުންކުރާ ފޯނުތައް ހެކްކުރުމަށް ބޭނުންކުރާ ޓޫލްތަކެކެވެ.
މި ޓޫލްތައް ބޭނުންކޮށްގެން ފޯނުތަކަށް ވަދެ، އޭގައިވާ މައުލޫމާތުތައް ފުރިހަމައަށް ކޮންޓްރޯލްކޮށް ވަގަށް ނެގޭނެއެވެ. އައިވެރިފައި ކުންފުނިން ބުނި ގޮތުގައި ޑާކްސްވޯޑް މެދުވެރިކޮށް ފޯނުގެ ވައިފައި ޕާސްވޯޑް، މެސެޖުތައް، ކޯލް ހިސްޓްރީ، ލޮކޭޝަން، ބްރައުޒަރ ހިސްޓްރީ، ސިމް ކާޑުގެ މައުލޫމާތު އަދި ސިއްހީ މައުލޫމާތުތައްވެސް ނެގޭނެއެވެ.
އެޕަލްގެ ތަރުޖަމާނު ސާރާ އޯރޫކް ވިދާޅުވީ މި ޓޫލްތަކުން ހެކްކުރެވެނީ ކުރީގެ އޯއެސް ބޭނުންކުރާ ފޯނުތައް އެކަނި ކަމަށެވެ. އެހެންކަމުން ފޯނުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ އަބަދުވެސް ސޮފްޓްވެއަރ އަޕްޑޭޓްކޮށްފައި ބެހެއްޓުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު އައިއޯއެސް 26 (iOS 26) ގައި މި ނުރައްކަލުން ސަލާމަތްކޮށްދޭނެ ކަމަށް އެޕަލްއިން ބުނެއެވެ. އަދި އައިއޯއެސް 26 އަށް އަޕްޑޭޓް ނުކުރެވޭ ކުރީގެ ފޯނުތައް ބޭނުންކުރާ މީހުންނަށް، މި ހެކަރުންގެ ކިބައިން ސަލާމަތްވުމަށްޓަކައި ޚާއްސަ އަޕްޑޭޓެއްވެސް އެ ކުންފުނިން މިހާރު ވަނީ ނެރެފައެވެ.
ރިސާޗަރުން ހާމަކުރާ ގޮތުގައި މި ހެކިންގ ކެމްޕޭންތަކުގައި ފޯނުތަކަށް ވައިރަސް ފޮނުވަނީ "ވޯޓަރިންގ ހޯލް" އެޓޭކެއް މެދުވެރިކޮށެވެ. މިއީ ހެކްކޮށްފައިވާ ވެބްސައިޓަކަށް ވަދެވުމާއެކު އޮޓަމެޓިކުން ފޯނަށް ވައިރަސް އިންސްޓޯލްވާ ގޮތަށް ފަރުމާކޮށްފައިވާ ނުރައްކާތެރި ހަމަލާއެކެވެ.
ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގެ ސިޓިޒަން ލެބްގެ ސީނިއަރ ރިސާޗަރ ޖޯން ސްކޮޓް-ރެއިލްޓަން ވިދާޅުވި ގޮތުގައި އާންމު މީހަކަށް މިފަދަ ހަމަލާއެއް އަންނަކަން ދެނެގަންނަންވެސް ނޭނގޭނެއެވެ.
މިހާތަނަށް މި ހަމަލާތައް އަމާޒުކޮށްފައިވަނީ ރަޝިއާގެ ޖާސޫސީ އިދާރާތަކުން ޔޫކްރެއިންގެ ރައްޔިތުންނަށާއި، ޗައިނާގެ ހެކަރުން ކްރިޕްޓޯކަރަންސީ ބޭނުންކުރާ މީހުންނަށެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާ، ތުރުކީ އަދި މެލޭޝިއާގެ މީހުންނަށްވެސް އަމާޒުކޮށްފައިވެއެވެ. އެމެރިކާ މީހަކަށް އަދި މި ހަމަލާ އަމާޒުވިކަން އެނގިފައި ނެތް ނަމަވެސް، ފޯނު އަޕްޑޭޓް ނުކުރާ ކޮންމެ މީހަކީވެސް މިކަމުގެ ޝިކާރައަކަށް ވެދާނެ މީހެއްކަމަށް ރިސާޗަރުން އިންޒާރުދެއެވެ.
"ކޮރޫނާ" ޓޫލް އަކީ އެމެރިކާގެ އަސްކަރީ ޑިފެންސް ކޮންޓްރެކްޓަރެއް ކަމަށްވާ އެލް3ހެރިސް (L3Harris) ގެ ކުރީގެ އިސްވެރިޔަކު ރަޝިއާގެ ބްރޯކަރަކަށް ވިއްކާލިކަމަށް އެއްބަސްވެފައިވާ ޓޫލްއެކެވެ. ފަހުން ޗައިނާގެ ހެކަރުންނަށް މި ޓޫލް ލިބި، ފޭކު ވެބްސައިޓްތައް ހަދައިގެން ކްރިޕްޓޯކަރަންސީ ވަގަށްނެގުމަށް ބޭނުންކޮށްފައިވާކަމަށް ގޫގުލްއިން ބުނެއެވެ. އަދި "ޑާކްސްވޯޑް" އުފެދުނު ގޮތް ނޭނގުނު ނަމަވެސް، މިއީވެސް ރަޝިއާގެ ޖާސޫސީ އިދާރާތަކާއި އެހެނިހެން ވިޔަފާރި ކުންފުނިތަކުން ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދާ ޓޫލްއެކެވެ.
އައިވެރިފައި ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ރޮކީ ކޯލް ވިދާޅުވި ގޮތުގައި، އައިފޯނަކީ ހެކް ނުކުރެވޭނެ އެއްޗެއްކަމަށް އޮންނަ ގަބޫލުކުރުން މިކަމުގެ ސަބަބުން ނިމުމަކަށް އަންނަންޖެހެއެވެ. އައިފޯނުތަކަށް އަމާޒުވާ ހަމަލާތަކަކީ މަދު އެއްޗެއް ކަމަށް ހީކުރެވުނު ނަމަވެސް، ހީކުރާ ވަރަށްވުރެ ބޮޑަށް އައިފޯނުތައް ހެކްކުރުން އާންމުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.