ފޮޓޯ: އޭއައި
ޓްވިޓަރގެ ހިއްސާދާރުންނަށް އޮޅުވާލި މައްސަލައިގައި އީލޮން މަސްކް ބިލިއަނަކަށްވުރެ ގިނަ ޑޮލަރު ދައްކަން ޖެހިއްޖެއެވެ.
44 ބިލިއަން ޑޮލަރަށް ޓްވިޓަރ (މިހާރުގެ އެކްސް) ގަތުމުގެ ކުރިން، ކުންފުނީގެ ހިއްސާގެ އަގު ވައްޓާލުމަށްޓަކައި އީލޮން މަސްކް މަސައްކަތްކޮށްފައިވާކަމަށް ސެން ފްރެންސިސްކޯގެ ފެޑެރަލް ޖޫރީއަކުން ވަނީ ކަނޑައަޅައިފައެވެ.
މި މައްސަލައިގައި ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ އީލޮން މަސްކް، ޓްވިޓަރގެ ކުރީގެ ހިއްސާދާރުންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 2.1 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެކަމަށް ވަކީލުން ވަނީ އަންދާޒާކޮށްފައެވެ.
ހިއްސާދާރުންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ، 2022 ވަނަ އަހަރު ކުންފުނި ގަތުމުގެ މަރުޙަލާގައި މަސްކް ދެއްކި އޮޅޭފަދަ ވާހަކަތަކެއްގެ ސަބަބުން ހިއްސާގެ އަގު ވެއްޓި، ހިއްސާ ވިއްކާލަން ޖެހުމުން އެމީހުންނަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ހިއްސާދާރުންގެ ވަކީލު މާކް މޮލަމްފީ ވިދާޅުވީ، މި ޙުކުމުން އަންގައިދޭ ވަރަށް ސާފު މެސެޖެއް އެބައޮތް ކަމަށެވެ. "މުއްސަނދި އަދި ބާރުގަދަ މީހަކަށް ވިޔަސް ޤާނޫނަށް ބޯލަނބަން ޖެހޭނެ. އަދި އެއްވެސް މީހަކީ ޤާނޫނަށްވުރެ މަތީގައި ހުރެވޭނެ މީހެއް ނޫން،" އޭނާ ވިދާޅުވިއެވެ. މަސްކްގެ ވަކީލުން މި ޙުކުމާ ގުޅިގެން އެއްވެސް އެއްޗެއް ބުނަން ވަނީ އިންކާރުކޮށްފައެވެ.
ހަފްތާތަކެއް ވަންދެން ކުރިއަށްދިޔަ މި ޝަރީޢަތުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ 2022 ވަނަ އަހަރުގެ މެއި މަހު މަސްކް ދައްކާފައިވާ ވާހަކަތަކަށެވެ. އެގޮތުން ޓްވިޓަރގައި ހުރި ފޭކު ނުވަތަ 'ބޮޓް' އެކައުންޓުތައް ކުންފުނިން ހާމަކުރި ވަރަށްވުރެ މާ ގިނަވާނެކަމަށް ބުނެ، ޓްވިޓަރ ގަތުމުގެ އެއްބަސްވުން މަސްކް ވަނީ "ވަގުތީގޮތުން މަޑުޖައްސާލާފައެވެ." މަސްކްގެ މި ޓްވީޓުތަކާއެކު ކުންފުނީގެ ހިއްސާގެ އަގު ވަނީ ގާތްގަނޑަކަށް 18 އިންސައްތަ ދަށަށް ގޮސްފައެވެ.
ކޯޓުގައި ހެކިބަސް ދެމުން މަސްކް ބުނީ އޭނާގެ މަޤްޞަދަކީ މާކެޓަށް ނުފޫޒު ފޯރުވުން ނޫން ކަމަށާއި، އޭނާ ހަމައެކަނި ހާމަކުރީ އޭނާއަށް ފެންނަ ގޮތް ކަމަށެވެ. އަދި ހިއްސާދާރުންނަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަން އިންކާރުކޮށް އޭނާ ބުނީ، ހިއްސާ ނުވިއްކައި ތިބި މީހުންނަށް ކުންފުނި ވިކުމާއެކު ބޮޑު ފައިދާއެއް ވެފައިވާނެ ކަމަށެވެ.
މިއީ މަސްކް ކުރި ޓްވީޓުތަކަކާ ގުޅިގެން އޭނާގެ މައްޗަށް ކުށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވަކީލުން ޤަބޫލުކުރެއެވެ.
ދަޢުވާކުރި ފަރާތުގެ ވަކީލުން ލަފާކުރާ ގޮތުގައި، ހިއްސާއާއި ސްޓޮކް އޮޕްޝަންތައް ހިމަނައިގެން މަސްކް ދައްކަންޖެހޭ ޖުމްލަ ޢަދަދު 2.6 ބިލިއަން ޑޮލަރަށް އެރުން އެކަށީގެންވެއެވެ. އަދި މި ފައިސާ ހިއްސާދާރުންނަށް ލިބުމަށް ގާތްގަނޑަކަށް ހަމަސް ދުވަސް ނަގާނެކަމަށްވެސް ވަކީލުން ބުނެއެވެ.
އީލޮން މަސްކް 44 ބިލިއަން ޑޮލަރަށް ޓްވިޓަރ ގަތުމުގެ އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. ނަމަވެސް، އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ޓްވިޓަރގައި ހުރި ފޭކު (ބޮޓް) އެކައުންޓުތަކުގެ ސީދާ ޢަދަދު ކުންފުނިން އޮޅުވާލާފައިވާކަމަށް ބުނެ، އޭނާ ވަނީ އެއްބަސްވުން ބާތިލުކުރަން މަސައްކަތްކޮށްފައެވެ.
މަސްކްގެ މި އަމަލުތަކާ ގުޅިގެން ޓްވިޓަރގެ ފަރާތުން އޭނާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައި، އެއްބަސްވުމާ އެއްގޮތަށް ކުންފުނި ގަތުމަށް މަޖުބޫރުކުރުވިއެވެ. އެންމެ ފަހުން، ކޯޓު މަރުޙަލާގެ ތެރެއިން ގޮތްހުސްވެ، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފުރަތަމަވެސް އެއްބަސްވި އަގަށް އޭނާ ވަނީ ކުންފުނި ގަނެފައެވެ. ޓްވިޓަރއާ ހަވާލުވުމަށްފަހު މަސްކް ވަނީ އެ ކުންފުނީގެ ނަން "އެކްސް" (X) އަށް ބަދަލުކޮށް، ގިނަ ޢަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ކުންފުނި ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.