Download Logo
Copy Logo

ފޮޓޯ: އޭއައި

ބަހްރެއިންގައި ހުންނަ އެމެޒޯންގެ ޑޭޓާ ސެންޓަރަކަށް އިރާނުން ހަމަލާދީފި

އަޙްމަދު ދާއޫދު 24 މާރިޗު 2026

ބަހްރެއިންގައި ހުންނަ އެމެޒޯން ވެބް ސަރވިސަސް (އޭ.ޑަބްލިއު.އެސް) ގެ ޑޭޓާ ސެންޓަރަކަށް އަމާޒުކޮށް އީރާނުން ޑްރޯން ހަމަލާއެއް ދީފިއެވެ.

އިރާނުން ދިން މި ޑްރޯން ހަމަލާތަކަކާ ގުޅިގެން އެތަނުގެ ކަރަންޓު ކެނޑި، އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މިކަމާ ގުޅިގެން އެމެޒޯންއިން އަންނަނީ ކަސްޓަމަރުންގެ ޑޭޓާތަކާއި މަސައްކަތްތައް އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިތަން އާންމު ހާލަތަކަށް ގެނައުމަށް ގިނަ ވަގުތުތަކެއް ނަގާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިއީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ތެރެއިން ބަހްރެއިންގައި ހުންނަ އޭ.ޑަބްލިއު.އެސް ގެ ފެސިލިޓީ (މިޑްލް އީސްޓް-ސައުތު-1) އަށް ހަމަލާދިން ދެވަނަ ފަހަރެވެ.

މި ހަމަލާގެ ސަބަބުން އިމާރާތަށް ގެއްލުންވުމުގެ އިތުރުން، ކަރަންޓު ކެނޑި، އަދި އަލިފާން ނިއްވާ ނިޒާމުތައް މަސައްކަތްކުރަން ފެށުމުން ބައެއް މެޝިންތަކަށް ފެނުގެ ސަބަބުންވެސް ވަނީ އިތުރު ގެއްލުންތަކެއް ވެފައެވެ. އެމެޒޯންއިން ވަނީ ކަސްޓަމަރުންގެ 'ޑިޒާސްޓަރ ރިކަވަރީ ޕްލޭން' ތައް އެކްޓިވޭޓްކޮށް، ގެއްލުން ނުވާ ސަރަޙައްދުތަކަށް ޚިދުމަތްތައް ބަދަލުކުރުމަށް އިލްތިމާސްކޮށްފައެވެ.

މި ހަމަލާ ދީފައިވަނީ، މިދިޔަ މާރިޗު މަހުގެ 1 ވަނަ ދުވަހު ޔޫއޭއީގައި ހުންނަ އޭ.ޑަބްލިއު.އެސް ގެ ސެންޓަރަކަށްވެސް ޑްރޯން ހަމަލާތަކެއް ދީފައި ވަނިކޮށެވެ.

އެ ހަމަލާގައި 109 އަށްވުރެ ގިނަ ޚިދުމަތްތަކަށް ބުރޫއަރައި، ތާރީޚުގައިވެސް ކްލައުޑް ނެޓްވޯކަކަށް ނުލިބޭވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވެއެވެ. އޭގެ ތެރޭގައި ކަރީމް، ހަބްޕޭ، އަލާން ފަދަ އެޕްލިކޭޝަންތަކާއި، އެމިރޭޓްސް އެންބީޑީ، ފަސްޓް އަބޫދާބީ ބޭންކު އަދި އަބޫދާބީ ކޮމަރޝަލް ބޭންކު ފަދަ ޔޫއޭއީގެ ބޮޑެތި ބޭންކުތަކުގެ ޚިދުމަތްތަކަށް ވަނީ ބުރޫއަރާފައެވެ.

ޔޫއޭއީއަށް ދިން ހަމަލާގެ ޒިންމާ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) އިން ނަގާފައިވާއިރު، އެމީހުން ބުނެފައިވަނީ އެ ޑޭޓާ ސެންޓަރުތަކަކީ އެމެރިކާގެ އަސްކަރިއްޔާ އާއި ޖާސޫސީ ނެޓްވޯކްތަކަށް އެހީތެރިވެދޭ ތަންތަން ކަމަށެވެ.

މީގެ އިތުރުން، ގަލްފުގެ ގައުމުތަކާއި އިސްރާއީލުގައި ހުންނަ އެމެޒޯން، ގޫގުލް، މައިކްރޮސޮފްޓް އަދި އެންވީޑިއާ ފަދަ ބޮޑެތި ޓެކް ކުންފުނިތަކުގެ އޮފީސްތަކަކީ އީރާނުގެ އަމާޒުތަކެއްކަމަށް އެ ގައުމުގެ ނޫސްތަކުން ޓެލެގްރާމް މެދުވެރިކޮށް ދާދިފަހުން ވަނީ ރިޕޯޓުކޮށްފައެވެ.

މިއާއެކު ދުނިޔޭގެ މުހިންމު ޑިޖިޓަލް އިންފްރާސްޓްރަކްޗަރތަކުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު މިވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.