ހަނދުގެ ސަތަހަ ފެންނަ މަންޒަރެއް --- ފޮޓޯ: އޭޕީ
ހަނދުގައި ބޭސްއެއް ހެދުމަށާއި ނިއުކްލިއަރ ހަކަތައިން ދުއްވާ އުޅަނދެއް މާސްއަށް ފޮނުވުމަށް ނާސާއިން 20 ބިލިއަން ޑޮލަރު ޚަރަދުކުރަން ނިންމައިފިއެވެ.
އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) ގެ ހަނދާއި މާސް އަށް ދިއުމުގެ ސްޓްރެޓެޖީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ހަނދުގެ އޯބިޓުގައި ސްޕޭސް ސްޓޭޝަނެއް ހެދުމުގެ ޕްލޭން މިހާރުވަނީ އެކުންފުނިން ކެންސަލްކޮށްފައެވެ. އޭގެ ބަދަލުގައި ކުރިއަށް އޮތް 7 އަހަރު ދުވަހުގެ ތެރޭގައި ހަނދުގެ ސަތަޙައިގައި ބޭސްއެއް ބިނާކުރުމަށް 20 ބިލިއަން ޑޮލަރު ޚަރަދުކުރުމަށާއި، ނިއުކްލިއަރ ހަކަތައިން ދުއްވާ ޖައްވީ އުޅަނދެއް މާސްއަށް ފޮނުވުމަށް އެ އިދާރާއިން ވަނީ ނިންމާފައެވެ.
ނާސާގެ އާ އެޑްމިނިސްޓްރޭޓަރ ޖެރެޑް އައިޒެކްމަން މި ބަދަލުތައް ހާމަކުރެއްވީ އަންގާރަ ދުވަހު ވޮޝިންގޓަން ޑީސީގައި އާޓެމިސް ޕްރޮގްރާމްގެ ޕާޓްނަރުންނާއި، ކޮންޓްރެކްޓަރުން އަދި ސަރުކާރުގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވީ ހަނދަށް ފޮނުވާ ރޮބޮޓިކް މިޝަންތައް އިތުރުކޮށް، ހަނދުގެ ސަތަޙައިގައި ނިއުކްލިއަރ ހަކަތަ ބޭނުންކުރުމުގެ ބިންގާ އަޅާނެ ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އައްޔަންކުރެއްވި އައިޒެކްމަން ނާސާއާ ހަވާލުވެވަޑައިގަތީ މިދިޔަ ޑިސެމްބަރު މަހުއެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ނާސާގެ ދުރު ރާސްތާގެ "މޫން-ޓު-މާސް" ސްޓްރެޓެޖީއަށް ގެނެވޭ ބޮޑު ބަދަލެކެވެ.
އަލަށް ހަދަން ނިންމާފައިވާ މޫން ބޭސްގެ މަގްސަދަކީ ދިގު މުއްދަތަކަށް އިންސާނުންނަށް ހަނދުގައި ދިރިއުޅެވޭނެ މަގުފަހިކުރުމެވެ. މި ދިހައިގެ ފަހުކޮޅު އެސްޓްރޮނޯޓުން ހަނދަށް ދިއުމުގެ ކުރިން، ރޮބޮޓިކް މިޝަންތައް މެދުވެރިކޮށް އެ ތަން ތައްޔާރުކޮށް، ޓެކްނޮލޮޖީތައް ޓެސްޓުކޮށް އަދި އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ މަސައްކަތް ފަށާނެއެވެ.
މީގެ އިތުރުން 2028 ވަނަ އަހަރު ނިމުމުގެ ކުރިން "ސްޕޭސް ރިއެކްޓަރ 1 ފްރީޑަމް" ގެ ނަމުގައި ޖައްވީ އުޅަނދެއް ލޯންޗުކުރުމަށްވެސް ނާސާއިން ވަނީ ޕްލޭންކޮށްފައެވެ. މިއީ މާސްއަށް ކުރާ ދަތުރުގައި ޑީޕް ސްޕޭސްގައި ނިއުކްލިއަރ އިލެކްޓްރިކް ޕްރޮޕަލްޝަން ޓެސްޓުކުރުމަށް ފޮނުވާ މިޝަނެކެވެ. މި އުޅަނދުން މާސްއަށް ހެލިކޮޕްޓަރުތަކެއް ގެންދާނެއެވެ. މިއީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޕަރސިވިއަރެންސް ރޯވާއާއެކު މާސްއަށް ފޮނުވި އިންޖެނުއިޓީ ހެލިކޮޕްޓަރާ އެއްގޮތް ހެލިކޮޕްޓަރުތަކެކެވެ.
ނާސާއިން ބުނީ މިއީ ނިއުކްލިއަރ ޕްރޮޕަލްޝަން ޓެކްނޮލޮޖީ ލެބޯޓަރީން ނެރެ، އަމަލީ ގޮތުން ޖައްވުގައި ބޭނުންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އިންޖެނުއިޓީ ހެލިކޮޕްޓަރަކީ އެހެން އުޑުމަތީ ޖިސްމެއްގައި އަމިއްލަ ބާރުގައި ކޮންޓްރޯލްކޮށްގެން އުދުހުނު ފުރަތަމަ އުޅަނދެވެ.
ހަނދުގެ އޯބިޓުގައި ހެދުމަށް ކުރިން ރާވާފައި އޮތް "ލޫނަރ ގޭޓްވޭ" ސްޓޭޝަންގެ މަސައްކަތް މިހާރު ވަނީ މަޑުޖައްސާލާފައެވެ. ނޯތްރޮޕް ގްރޫމަން ފަދަ ކޮންޓްރެކްޓަރުންނާއި ބައިނަލްއަގުވާމީ ޕާޓްނަރުންނާއެކު ހަދަން އުޅުނު މި ސްޓޭޝަނަކީ އެސްޓްރޮނޯޓުން ހަނދަށް ފޭބުމުގެ ކުރިން މަޑުކޮށްލައިގެން ތިބޭނެ ތަނެއްގެ ގޮތުގައި ފަރުމާކުރި ތަނެކެވެ. ނަމަވެސް ނާސާއިން މިހާރު ވިސްނަނީ ގޭޓްވޭގެ ބައެއް ބައިތައް ހަނދުގެ ސަތަޙައިގައި ހަދާ ބޭސްއަށް ބޭނުންކުރުމަށެވެ.
މި ބަދަލާއެކު، އާޓެމިސް ޕްރޮގްރާމްގައި ބައިވެރިވާ މުހިންމު ޕާޓްނަރުން ކަމަށްވާ ޖަޕާނާއި، ކެނެޑާ އަދި ޔޫރަޕިއަން ސްޕޭސް އޭޖެންސީ (އީއެސްއޭ) އިން ފޯރުކޮށްދޭން އެއްބަސްވެފައިވާ ބައިތަކަށް ވާނެގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.
"ގޭޓްވޭގެ މަސައްކަތް މިހާރު އޮތްގޮތަށް މަޑުޖައްސާލައި، އޭގެ ބަދަލުގައި ހަނދުގެ ސަތަޙައިގައި ދާއިމީ ގޮތެއްގައި ހަރަކާތްތެރިވެވޭނެ އިންފްރާސްޓްރަކްޗަރއަކަށް އަޅުގަނޑުމެން އަމާޒު ހިފުމަކީ އެއްވެސް މީހަކަށް ހައިރާންކަމެއް ލިބެންޖެހޭނެ ކަމެއް ނޫން،" އައިޒެކްމަން ވިދާޅުވިއެވެ.
ނާސާގެ އާޓެމިސް ޕްރޮގްރާމަށް ގެނައި މި ބޮޑު ބަދަލުގެ ސަބަބުން ބިލިއަނުން އަގުހުރި ކޮންޓްރެކްޓްތަކަށް ބަދަލު އަންނާނެއެވެ. މި ބަދަލުތައް ގެނެސްފައި މިވަނީ، 2030 ވަނަ އަހަރުގެ ކުރިން ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަށް ޗައިނާއިން މަސައްކަތްކުރަމުންދާތީ، އެމެރިކާއަށް ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
1972 ވަނަ އަހަރު ނިމުނު އެޕޯލޯ ޕްރޮގްރާމަށްފަހު އަލުން ހަނދަށް މީހުން ފޮނުވުމަށް ފެށި އާޓެމިސް ޕްރޮގްރާމަކީ 2017 ވަނަ އަހަރު ރައީސް ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި ފެށި ޕްރޮގްރާމެކެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.