Download Logo
Copy Logo

ގޫގުލްގެ "ބެކް-ބަޓަން ހައިޖެކް" ކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅަނީ

އަޙްމަދު ދާއޫދު 18 އޭޕްރީލު 2026

އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން، ގޫގުލްގެ ސްޕޭމް ޕޮލިސީއަށް ބޮޑު ބަދަލެއް ގެނެސް "ބެކް-ބަޓަން ހައިޖެކް" ކުރާ ވެބްސައިޓްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ގޫގުލް އިން ވަނީ މި އުސޫލު ބަޔާންކޮށް ބްލޮގް ޕޯސްޓެއް ޝާއިއުކޮށްފައެވެ. މީގެ އިތުރުން މެލްވެއާ އާއި ބޭނުން ނުވާ ސޮފްޓްވެއާތަކާ އެކު ބެކް-ބަޓަން ހައިޖެކް ކުރުން ފަދަ ކަންކަން ވެސް މެލިޝިއަސް ޕްރެކްޓިސްގެ ގޮތުގައި ލިސްޓް ކުރުމަށް ސްޕޭމް ޕޮލިސީތަކުގެ ޑޮކިއުމެންޓޭޝަން އަޕްޑޭޓް ކުރިއެވެ.

ގޫގުލްގެ ނޭދެވޭ އަމަލުތަކުގެ ލިސްޓުގައި މިކަން މިހާރު ހިމަނާފައިވާއިރު، މި އާ އުސޫލަށް ފުރިހަމައަށް އަމަލުކުރަން ފަށާނީ އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

"ބެކް-ބަޓަން ހައިޖެކިންގ" އަކީ އިންޓަނެޓް ބްރައުޒަރތަކުގެ ހިސްޓްރީއަށް ބަދަލުގެނެސް، ބޭނުންކުރާ ފަރާތްތަކަށް އޮޅުވާލާ އޮޅުވާލުމެކެވެ. މިގޮތުން، ވެބްސައިޓަކަށް ވަނުމަށްފަހު ކުރިން ހުރި ޕޭޖަށް ދިއުމަށް "ބެކް" ބަޓަންއަށް ފިތާލުމުން، އޭގެ ބަދަލުގައި އެހެން ޕޭޖަކަށް ނުވަތަ ބޭނުންނުވާ އިޝްތިހާރުތަކެއް ހުންނަ ސްކޭމް ސައިޓްތަކަށް މީހާ ގެންގޮސްދެއެވެ. ގޫގުލް އިން ދެކޭ ގޮތުގައި މިއީ އިންޓަނެޓް ބޭނުންކުރާ މީހުން ގަސްތުގައި މަގުއޮޅުވާލައި، ވަކި ވެބްސައިޓެއްގައި ތާށިކުރުމަށް ހިންގާ ނުރައްކާތެރި އަމަލެކެވެ.

ގިނަ ފަހަރަށް ވެބްސައިޓްތަކުގައި މިފަދަ ކޯޑުތައް ހިމެނިފައި ހުންނަނީ ވެބްސައިޓް ހިންގާ ފަރާތަށް އެނގިގެން ގަސްތުގައެއް ނޫނެވެ. މިއީ ސައިޓުގައި ބޭނުންކޮށްފައި ހުންނަ އިތުބާރު ނުކުރެވޭ ތާޑް-ޕާޓީ އެޑް ނެޓްވޯކްތަކާއި، އެކި ކަހަލަ ޕްލަގިންތަކުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. އެހެންނަމަވެސް، ގޫގުލް އިން ވަނީ މިކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ވެބްސައިޓްގެ ވެރިފަރާތުން ކަމަށް ކަނޑައަޅާފައެވެ. ގޫގުލްގެ މި ނިންމުމަކީ ވެބްސައިޓްތަކުން ހިންގާ މިފަދަ އޮޅުވާލުންތައް ހުއްޓުވުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ.

މި އުސޫލާ އެއްގޮތަށް އަމަލުނުކުރާ ވެބްސައިޓްތަކަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. އެގޮތުން، ގޫގުލްގެ ސާޗް ރިޒަލްޓްތަކުން އެފަދަ ވެބްސައިޓްތައް ފެންނަ މިންވަރު އޮޓަމެޓިކުން ދަށްކޮށްލާނެއެވެ. މީގެ އިތުރުން، މި އަމަލު ހިންގާ ވެބްސައިޓްތަކާ މެދު ގޫގުލްގެ ވެބްސްޕޭމް ޓީމުން މެނުއަލްކޮށް ފިޔަވަޅު އަޅައި، ސާޗް ރިޒަލްޓުން އެއްކޮށް އުނިކުރުންވެސް އެކަށީގެންވެއެވެ. މިފަދަ ފިޔަވަޅެއް އެޅިއްޖެނަމަ ވެބްސައިޓަށް ވަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެންދާނެއެވެ.

މިފަދަ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި، ވެބްސައިޓްތަކުގައި ހުރި މައްސަލަތައް ދެނެގަނެ ހައްލުކުރުމަށް ގޫގުލް އިން ވަނީ ވެބްމާސްޓަރުންނަށް ދެމަސް ދުވަހުގެ މުހުލަތެއް ދީފައެވެ. އަދި ގޫގުލް އިން ވެބްސައިޓަކަށް ފިޔަވަޅެއް އަޅައިފި ހާލަތެއްގައި، އެ މައްސަލައެއް ހައްލުކުރުމަށްފަހު، ގޫގުލް ސާޗް ކޮންސޯލް މެދުވެރިކޮށް އަލުން ސައިޓް ރިވިއުކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވެސް ވެބްސައިޓް ހިންގާ ފަރާތްތަކަށް އޮންނާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ގޫގުލް އިން އަންނަނީ އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި އަދި ފަސޭހަ ތަޖުރިބާއެއް ހޯދައިދިނުމަށްޓަކައި އެ ކުންފުނީގެ ސާޗް އިންޖީނުގެ އުސޫލުތަކަށް މެދުކެނޑުމެއްނެތި ބަދަލުތައް ގެންނަމުންނެވެ. މީގެ ކުރިންވެސް ގޫގުލް އިން ވަނީ އޮޅުވާލައިގެން މީހުން އެހެން ޕޭޖުތަކަށް ފޮނުވާލުމާއި، ޕޭޖަށް ވަނުމަށް ހުރަސްއެޅޭ ގޮތަށް ހުންނަ ބޮޑެތި އިޝްތިހާރުތައް ބޭނުންކުރުން ފަދަ ނޭދެވޭ އުކުޅުތައް ގެންގުޅޭ ވެބްސައިޓްތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ.

"ބެކް-ބަޓަން ހައިޖެކިންގ" އަކީ ވެސް ވެބްސައިޓްތަކަށް ވަންނަ މީހުން ގަސްތުގައި މަގުއޮޅުވާލައި، ވަކި ކަމެއް ކުރުވުމަށް މަޖުބޫރުކުރުވުމަށް ބޭނުންކުރާ "ޑާކް ޕެޓާން" (dark pattern) ގެ އަމަލެއް ކަމަށްވާއިރު، މި އާ ޕޮލިސީއަކީ ސާޗް ރިޒަލްޓްތަކުގެ ފެންވަރު ރަނގަޅުކޮށް، އޮންލައިންކޮށް މީހުންނަށް ދިމާވާ އުނދަގޫތަކާއި ސްކޭމްތަކުން ސަލާމަތްކުރުމަށް ގޫގުލް އިން ކުރަމުންދާ ދިގުލީ މަސައްކަތުގެ މުހިންމު ބައެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.