ގޫގުލްގެ ޖީމެއިލް ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ޔޫޒަރނޭމް ބަދަލުކުރުމުގެ ފުރުސަތު އެ ކުންފުނިން ދީފިއެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ޖީމެއިލް ބޭނުންކުރާ ފަރާތްތަކުން އެދެމުން އައި ބަދަލެކެވެ.
މި އާ ޚިދުމަތް މިހާރު އެމެރިކާގައި ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް ލިބެން ފަށާފައިވާއިރު، މި ބަދަލުގެ ސަބަބުން ކުރިން ބޭނުންކުރަމުން އައި ޔޫޒަރނޭމް ބަދަލުކޮށް އާ ނަމެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ގޫގުލްއިން ހާމަކޮށްފައިވާ ގޮތުގައި، ޔޫޒަރނޭމް ބަދަލުކުރި ނަމަވެސް ކުރީގެ އެޑްރެސް އޮންނާނީ "އޯލްޓަނޭޓް" އެޑްރެސްއެއްގެ ގޮތުގައެވެ. އެހެންކަމުން، ކުރީގެ އެޑްރެސްއަށާއި އާ އެޑްރެސްއަށް ފޮނުވާ އީމެއިލްތައް ވެސް ޔޫޒަރަށް ލިބޭނެއެވެ. މީގެ އިތުރުން، އެކައުންޓްގައި ހުރި ފޮޓޯ، މެސެޖް އަދި ޑްރައިވްގައިވާ އެއްވެސް ލިޔެކިޔުމަކަށް މި ބަދަލުގެ ސަބަބުން އަސަރެއް ނުކުރާނެއެވެ.
ޔޫޒަރނޭމް ބަދަލުކުރެވޭނީ ކޮންމެ 12 މަހަކުން އެއްފަހަރުއެވެ. އަދި ޖުމްލަ ބަދަލުކުރެވޭނީ ތިން ފަހަރުއެވެ.
އާ ޔޫޒަރނޭމް ހެދުމަށްފަހު، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އެ އެކައުންޓް ޑިލީޓެއް ނުކުރެވޭނެއެވެ.
ގޫގުލްގެ ޚިދުމަތްތަކަށް ލޮގިންވުމަށް ކުރީގެ ނަން ނުވަތަ އާ ނަން ވެސް ބޭނުންކުރެވޭނެއެވެ.
ގޫގުލްއިން ލަފާދެނީ ޔޫޒަރނޭމް ބަދަލުކުރުމުގެ ކުރިން އެންޑްރޮއިޑް ޑިވައިސްގެ ޑޭޓާ، ކޮންޓެކްޓްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތި ބެކަޕް ކުރުމަށެވެ. ސަބަބަކީ ބައެއް އެޕްލިކޭޝަންތަކުގެ ސެޓިންގްސްއަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމަކަށްވާތީއެވެ.
ގޫގުލް އެކައުންޓްގެ ސެޓިންގްސް (myaccount.google.com) އަށް ޒިޔާރަތްކުރުން.
"Personal info" އަށް ގޮސް "Email" ސެލެކްޓްކުރުން.
"Google Account email" ގެ ދަށުން "Change Google Account email" އަށް ފިތާލުން. (މި އޮޕްޝަން ނެތްނަމަ އެ އެކައުންޓަކަށް އަދި މި ފުރުސަތު ނުލިބެނީއެވެ.)
އާ ޔޫޒަރނޭމް ޖެހުމަށްފަހު "Change email" އަށް ފިތާލައި، އިރުޝާދުތަކާ އެއްގޮތަށް ކުރިއަށް ދިއުން.
މި ބަދަލަކީ ގިނަ ބަޔަކަށް ލުއިފަސޭހަވެގެންދާނެ ބަދަލެއް ކަމަށް ބެލެވޭއިރު، މިއީ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެސް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ގޫގުލްއިން ބުނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.