Download Logo
Copy Logo

ފަރުވާގެ އަސަރު ކުރިމިންވަރު ދައްކުވައިދޭ ފޮޓޯއެއް ---

ބޮލުން އިސްތަށި ފޭބުމުގެ ހާސްކަމަށް ފަތްޕިލާވެލިން އުންމީދީ ހައްލެއް

އަޙްމަދު ދާއޫދު 28 އޭޕްރީލު 2026

ބޮލުން އިސްތަށި ފައިބައި ތަލަވުމުގެ މައްސަލައަށް ފަތްޕިލާވެލިން އުފެއްދި އާ ސީރަމްއަކުން(ދިޔައަކުން) އުންމީދީ ހައްލެއް ލިބިއްޖެއެވެ.

ސައިންސްވެރިން އުފެއްދި މި ދިޔައަކީ، އިސްތަށި ފޭބުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަ ބަޔަކަށް ކުރިމަތިވާ ހާސްކަމަށް ނިމުމެއް ގެނެސްދޭނެ ފަރުވާއެއްކަން ވަނީ ސާބިތުވެފައެވެ.

އިސްތަށި ފޭބުމަކީ މިއަދު ދިވެހިންގެ ތެރޭގައި ވެސް އިންތިހާއަށް އާއްމުވެފައިވާ ކަމެކެވެ. ޚާއްޞަކޮށް، ވަރަށް ހަގު އުމުރުގައި ބައެއް މީހުންގެ ބޮލުން އިސްތަށި ފައިބައި، މާ އަވަހަށް ތަލަވުމުގެ ހިތްދަތިކަމާ ކުރިމަތިލާން ޖެހުމަކީ މިއަދު އާދައިގެ ކަމަކަށް ވަނީ ވެފައެވެ. މިފަދަ ފަރާތްތަކަށް، ގަސްގަހާގެހިން އުފެއްދި މި އާ ސީރަމަކީ އާ ދިރުމެއް ގެނެސްދޭނެ ފަރުވާއެކެވެ.

ތައިޕޭގެ ސައިންސްވެރިން ކުރިއަށްގެންދިޔަ މި ދިރާސާގައި ބައިވެރިވި މީހުންގެ ބޮލަށް އެންމެ 56 ދުވަސް ތެރޭގައި ވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ. އަށް ހަފުތާގެ މުއްދަތަށް ކޮންމެ ރެއަކު މި ދިޔަ ބޭނުންކުރުމުން، އިސްތަށި ފަޅާ މިންވަރާއި އިސްތަށީގެ ބޯމިން، އެއްވެސް ފަރުވާއެއް ނުދޭ މީހުންނާ އަޅާބަލާއިރު 25 އިންސައްތައަށް ވަނީ އިތުރުވެފައެވެ.

މި ސީރަމް ތައްޔާރުކުރުމުގައި ބޭނުންކޮށްފައިވަނީ "ސެންޓެލާ އޭޝިއާޓިކާ" ކިޔާ ގަހަކުން ނަގާފައިވާ މާއްދާތަކަކާއި، ކެފެއިން އަދި ޕެންތެނޯލް ފަދަ މާއްދާތަކެވެ. މީގެ އިތުރުން، އިސްތަށި ހެދުމަށް ބާރުއަޅާ ޚާއްޞަ ޕްރޮޓީންތަކެއް ކަމަށްވާ FGF-7 އަދި IGF-1 ވެސް މި ފަރުވާގައި ހިމެނެއެވެ. މި މާއްދާތަކުގެ ސަބަބުން ބޮލުގެ ނާށިގަނޑުގައި ހުންނަ އިސްތަށި ފަޅާ ސެލްތައް އަލުން ހަރަކާތްތެރިވާން ފަށައެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ ބައެއް ފޮޓޯ ---

މި ދިރާސާގައި އިސްކޮށް ހުންނެވި ޑރ. ސޮންގ މިން ޗޭންގް ވިދާޅުވި ގޮތުގައި، މި ސީރަމުން ލިބުނު ނަތީޖާއަކީ މިހާރު ބާޒާރުގައި ހުރި ގިނަ ފަރުވާތަކަށްވުރެ މާ އަވަސް ނަތީޖާއެކެވެ. މިއީ ތަލަވުމުގެ މައްސަލައަށް އޮތް ގުދުރަތީ އަދި ރައްކާތެރި ހައްލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މިއީ ވަރަށް އުންމީދީ ހޯދުމެއް ނަމަވެސް، މި ފަރުވާ މުޅި ދުނިޔެއަށް އާއްމުކުރުމުގެ ކުރިން އަދިވެސް އިތުރު ތަހުލީލުތައް ކުރަންޖެހޭ ކަމަށް މާހިރުން ވިދާޅުވެއެވެ. އެހެންކަމުން، އިސްތަށި ފޭބުމުގެ މައްސަލަ ކުރިމަތިވާ މީހުން، މިފަދަ އާ ފަރުވާތައް ބޭނުންކުރުމުގެ ކުރިން ކަމާބެހޭ ޚާއްޞަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.