ވައިޓް ހައުސްއިން ރެންސަމްވެއާ އާއިބެހޭ ސަމިޓެއް ބާއްވައިފި

އިސްމާއިލް އަލީ 16 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވައިޓް ހައުސްއިން 30 އަށްވުރެ ގިނަ ގައުމާއިއެކު ރެންސަމްވެއާ އާއި ދެކޮޅަށް މަސައްކަތްކުރުމަށް ސަމިޓެއް ބާއްވައިފިއެވެ. މި ސަމިޓުގައި ރަޝިއާ ބައިވެރިނުވާކަން ފާހަގަކޮށްލެވެއެވެ.

މި ސަމިޓުގައި އަލިއަޅުވާލާފައިވަނީ ކްރިޕްޓޯކަރަންސީ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމާއި، ރެންސަމްވެއާ ހަމަލާތައް ހުއްޓުވުމަށް ޑިޕްލޮމަސީ ބޭނުންކުރުމާއި ގައުމުތަކުގެ ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ގާނޫނުގެ ކުރިމަށްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މި ސަމިޓުގައި އަލިއަޅުވާލާފައިވާކަމަށް އެމެރިކާގެ އޮފިޝަލުން ހާމަކުރެއެވެ.

މި ސަމިޓަކީ އެމެރިކާއަށް ދެވުނު އެކި ރެންސަމްވެއާ ހަމަލާތަކަށްފަހު އެގައުމުން އިންތިޒާމްކުރި ހަރަކާތެކެވެ. އެގޮތުން މިއަހަރު މިހާތަނަށް ރެންސަމްވެއާ ހަމަލާތަކުގެ ސަބަބުން އެގައުމުގެ ކާބޯތަކެތި އަދި ހަކަތައިގެ ނިޒާމުތަކަށް ވަނީ ބުރޫއަރާފައިއެވެ. މީގެ އިތުރުން އެގައުމުގެ އެހެނިހެން މުހިންމު ތަންތަނަށްވެސް މިފަދަ ހަމަލާތަށް އަމާޒުވުމުގެ ބިރުއޮތީ ބޮޑުވެފައިއެވެ. އެމެރިކާގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު އެގައުމަށް ދެވުނު މިފަދަ ހަމަލާތަކުގެ ފަހަތުގައި އޮތީ ރަޝިއާގައި ހަރަކާތްތެރިވާ ގްރޫޕްތަކެކެވެ.

އެގޮތުން ރަޝިއާގެ ގްރޫޕްއަކުން ރާވައިގެން ހިންގި ސޯލާވިންޑްސް ހަމަލާގެ ސަބަބުން މިދިޔަ އަހަރުވެސް އެމެރިކާގެ ފެޑެރަލް ސަރުކާރުގެ އެތަކެއް އިދާރާއަކަށް ވަނީ ގެއްލުންތަކެއް ލިބިފައިއެވެ. މި ސަމިޓުގައި ރަޝިއާއިން ބައިވެރިނުވިޔަސް އެމެރިކާގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ރެންސަމްވެއާ މެދުވެރިކޮށްދެވޭ ހަމަލާތަކާއި ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންދެވެއެވެ. އެގޮތުން ރަޝިއާގެ ރައީސް ޕުޓިން އާއި އެމެރިކާގެ ރައީސް ބައިޑެން އާއިދެމެދު ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައިވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދެގައުމުގެ ބޯޑަރުތެރޭގައި ހަރަކާތްތެރިވާ ސައިބާކްރައިމް ގޭންގްތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި ގުޅޭގޮތުންނެވެ.

މި ސަމިޓުގައި ޔޫރަޕުގެ އިއްތިހާދުގެ އިތުރުން އޮސްޓްރޭލިއާ، ބްރެޒިލް، ބަލްގޭރިއާ، ކެނެޑާ، ޗެކް ރިޕަބްލިކް، ޑޮމިނިކަން ރިޕަބްލިކް، އެސްޓޯނިއާ، ފްރާންސް، ޖާމަނީ، އިންޑިއާ، އަޔަލޭންޑް، އިޒްރާއީލް، އިޓަލީ، ޖަޕާން، ކެންޔާ، ރޯމޭނިއާ، ސިންގަޕޫރު، ދެކުނު އެފްރިކާ، ސްވިޑެން، ސްވިޓްޒަލޭންޑް، ޔޫކްރެއިން، ޔޫއޭއީ އަދި އިނގިރޭސިވިލާތުން ވަނީ ބައިވެރިވެފައިއެވެ.


އިތުރަށް ކިޔާލުމަށް :

ސައިބަރ ސެކިއުރިޓީގެ ބޮޑޮ ނުރައްކަލަކަށް ރެންސަމްވެއަރ

އެމެރިކާގެ ޕެޓްރޯލް ވިއުގައަކަށް ސައިބާ ހަމަލާއެއް ދީފި

އޭސާ އަށް 50 މިލިއަން ޑޮލަރުގެ ރެންސަމްވެއާ ހަމަލާއެއް ދީފި

މައިކްރޮސޮފްޓްގެ ކަސްޓަމަރ ސަޕޯރޓް ޓޫލްތަކެއް ހެކްކޮށްފި

ސައިބަރ ކްރިމިނަލުންގެ ކަޅު ފައިސާ އަކަށް މޮނީރޯ

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.