ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެޕަލް އިން ވަނީ މުހިންމު ސޮފްޓްވެއާ އަޕްޑޭޓެއް ކަމަށްވާ އައިއޯއެސް 14.4 ނެރެފަ އެވެ. އެ އަޕްޑޭޓް މުހިންމު ވެގެންދިޔައީ އެ އޮޕަރޭޓިން ސިސްޓަމްގައި ނުރައްކާތެރި ސްޕައިވެއާރ އެއްކަމުގައިވާ ޒީރޯ-ޑޭ ވަލްނަރަބިލިޓީގެ ފިކްސް އެއް ހިމެނާފައި ވުމުންނެވެ.
"ސީވީއީ- 2023-23529" ގެ ނަމުން ނަން ދީފައިވާ މި ވަލްނަރަބިލިޓީގެ ސަބަބުން ހަމަލާ ދިން މީހުންނަށް ވިކްޓިމްގެ އައިފޯނުގައި ރިމޯޓްކޮށް ސްޕައިވެއާ އިންސްޓޯލް ކުރުމުގެ ފުރުސަތު ލިބުނީ ފޯނުގެ ވެރި ފަރާތުގެ އެއްވެސް މުއާމަލާތެއް ނެތިއެވެ. މި ސްޕައިވެއާއަކީ ސެންސިޓިވް ޑޭޓާ އާއި މުވާސަލާތީ ވަސީލަތްތަކަށް ވަނުމުގެ އިތުރުން ސިއްރުން އޯޑިއޯ ރެކޯޑްކޮށް ފޮޓޯ ނެގުމުގެ ގާބިލުކަން ލިބިފައިވާ ސްޕައިވެއާއެކެވެ.
މި ޒީރޯ ޑޭ ވަލްނަރަބިލިޓީ ފެނިފައިވަނީ ޔުނިވާސިޓީ އޮފް ޓޮރޮންޓޯގެ ސައިބާ ސެކިއުރިޓީ ރިސާޗް އޯގަނައިޒޭޝަނެއް ކަމަށްވާ ސިޓިޒަން ލެބްގެ ސެކިއުރިޓީ ރިސާޗަރުން ބަހްރެއިންގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓަކާ ދެކޮޅަށް ސައިބާ ހަމަލާއެއް ދިން މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށެވެ. ސައިންސްވެރިންނަށް އެނގުނު ގޮތުގައި ޕެގަސަސްގެ ނަމުން ނަން ދީފައިވާ މި ސްޕައިވެއާ އަކީ އެންއެސްއޯ ގްރޫޕް ނަމަކަށް ކިޔާ އިސްރާއީލުގެ ކުންފުންޏަކުން އުފައްދާފައިވާ ސްޕައިވެއާއެއް ކަމަށާއި އެ ސްޕައިވެއާ ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ވިއްކާ ކަމަށް މިކަން ފަޅާއަރުވާލި ދިރާސާވެރިން ވަނީ ތުހުމަތުކޮށްފައެވެ. ޕެގަސަސް ސްޕައިވެއާ ފަރުމާކޮށްފައި ވަނީ ފޯނަށް އެ ސްޕައިވެއާ އިންސްޓޯލް ވެފައި ހުރިކަން ނޭންގޭ ގޮތަށް ސިއްރުން އަދި ދިގުމުއްދަތަކަށް ދެމިހުންނަ ގޮތަށް ކަމުން ވިކްޓިމްގެ ޑިވައިސް އިން އޭތި ހޯދާ ނައްތާލަން އުނދަގޫވާ ގޮތަށެވެ.
މަކަރުވެރި ހެކަރުންގެ މިފުރިހަމަ ސްޕައިވެއާ ހޯދާ ފަޅާއަރުވާލުން ވެގެން ގޮސްފައިމިވަނީ މިފަހަކަށްއައިސް ހޯދިފައިވާ މިފަދަ ސްޕައިވެއާ ތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކަމެއްގެ ގޮތުގައެވެ. އެކަން އެހާ ބޮޑުކަމެއްގެ ގޮތުގައި ދިރާސާވެރިން ފާހަގުކުރާ ފުރަތަމަ ކަމަކީ، ސަރުކާރުން ސްޕޮންސަރކޮށްގެން ހިންގާ ސްޕައިވެއާގެ ސަބަބުން މިހާރު ކުރިމަތިވެފައިވާ ނުރައްކަލާއި، މި މާކެޓު މިހާރަށްވުރެ ރަނގަޅަށް ރެގިއުލޭޓް ކުރަން ޖެހިފައިވާ ކަން ކުންފުނިތަކުގެ ސަމާލުކަމަށް އައުމެވެ. މި ސްޕައިވެއާ އުފެއްދި ގްރޫޕުން ހަމައެކަނި ކުށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބޭނުމުގައި ސަރުކާރުގެ ސައްހަ އިދާރާތަކަށް ސްޕައިވެއާ ވިއްކާކަމަށް ބުނާއިރު، ނޫސްވެރިންނާއި އެކްޓިވިސްޓުންނާއި ޚިޔާލު ތަފާތުވާ ފަރާތްތަކަށް އަމާޒުކޮށް އެ ސޮފްޓްވެއާ ބޭނުންކުރާ ކަމުގެ ގިނަ ވާހަކަތަކެއް ވަނީ ފެތުރިފައެވެ. މިކަމުގެ ސަބަބުން މި ޓެކްނޮލޮޖީގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު އޮތުމާއި، އެ ޓެކްނޮލޮޖީ ބޭނުންކުރާ ފަރާތްތަކަށް ޖަވާބުދާރީ ނުވުމުގެ ސަބަބުން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
ދެވަނަ ކަމަކީ، މި ނާޒުކުކަން ފެނުމުން، ސަލާމަތީ ދިރާސާކުރާ ފަރާތްތަކުން ޒިންމާދާރުކަމާއެކު މައުލޫމާތުތައް ހާމަކުރުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެވެ. އެގޮތުން މި ސްޕައިވެއާ ދެނެގަނެވިފައިވާ ސިޓިޒަން ލެބުން އަމަލުކޮށްފައިވަނީ ޒިންމާދާރުގޮތެއްގައި ކަނޑައެޅިފައިވާ އިޖުރާއަތްތަކަށެވެ. އޭގެ ތެރޭގައި ވަލްނަރަބިލިޓީގެ އަސަރު ކޮށްފައިވާކަން ވިއްކާ ފަރާތަށް އެންގުމާއި، ޑިސްކަވަރީ އާންމުކުރުމުގެ ކުރިން ޕެޗެއް ތަރައްގީކޮށް ދޫކޮށްލުމަށް އެކަށީގެންވާ މުއްދަތެއް ދިނުން ހިމެނެއެވެ. މި އެޕްރޯޗްގެ ސަބަބުން ނުރައްކާތެރި ހެކަރުންގެ ފަރާތުން އަންނަ ހަމަލާތަކުގެ ފުރުސަތު ކުޑަވެ، ޕެޗް އިންސްޓޯލްކޮށްގެން އަމިއްލަ ފޯނުގެ މައުލޫމާތުތައް ހިމާޔަތްކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
އަނެއްކޮޅުން މިފަދަ ނާޒުކު ޕެޗެއް ނެރުމުގައި އެޕަލް އިން ދޭ ހަލުވި ތަރުހީބަކީ ރަނގަޅު ކުރިއެރުމެކެވެ. އެއްވެސް ސޮފްޓްވެއާއެއް މުޅިން އަމާން ނުވި ނަމަވެސް ކުންފުނިތަކުގެ މަސްއޫލިއްޔަތަކީ އެ މީހުންގެ އުފެއްދުންތަކުގެ ސެކިއުރިޓީއަށް އިސްކަންދީ، އެ ތަކެތި ފެނިއްޖެ ނަމަ ނާޒުކު ކަންކަމަށް އަވަސް އިޖާބަ ދިނުމެވެ. ވަލްނަރަބިލިޓީގެ މައުލޫމާތު ލިބުނުތާ ދުވަސްކޮޅެއްގެ ތެރޭގައި ޕެޗެއް އުފައްދާ ޢާއްމުކޮށް ދޫކޮށްލުމުން އެޕަލް އިން ވަނީ ސަލާމަތީ މައްސަލަތައް ހައްލުކޮށް ބޭނުންކުރާ ފަރާތްތައް ހިމާޔަތް ކުރުމަށް އަޒުމް ކަނޑައަޅައިފައިކަން ޔަޤީންވެފަ އެވެ.
ނަމަވެސް ސޮފްޓްވެއާތައް އަޕްޑޭޓްކޮށް ބެހެއްޓުމުގެ މުހިންމުކަން ވެސް މި ހާދިސާއިން ހާމަވެގެން ދެއެވެ. ޕެޗެއް ނެރެފައިވީ ނަމަވެސް، ޝައްކެއްވެސްނެތްގޮތުގައި އައިފޯން ބޭނުންކުރާ ގިނަ ބަޔަކު، އެމީހުންގެ ޑިވައިސްތައް އަޕްޑޭޓް ނުކުރާ، ނަމަ ނުވަތަ އެކަން ޤަބޫލު ނުކޮށް އެއްވެސް ކަމަކަށް ނުހަދައިފިނަމަ މިއީ ކުންފުނިތަކުން ޒިންމާނަގަން ޖެހޭނެކަމެއްކަމަކަށް ދިރާސާވެރިން ނުދެކެއެވެ. އެހެންކަމުން މިފަދަ ނުރައްކަލުން ރައްކާތެރިވުމަށްޓަކައި ސްމާޓް ފޯން ބޭނުންކުރާ ފަރާތްތަކުން ގަވާއިދުން ސޮފްޓްވެއާ އަޕްޑޭޓް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
އިތުރަށް ކިޔާލުމަށް :
އިޒްރާއީލުގެ ސޮފްޓްވެއާއެއް ބޭނުންކޮށްގެން ފޯނު ހެކްކުރަނީ
އިޒްރާއީލުގެ ޖާސޫސް ކުރާ ޕެގަސަސް ސްޕައިވެއާ އިންޑިއާ އިން ބޭނުންކުރި
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.