ދުނިޔޭގެ އެންމެ ބޮޑު ސޯލާ ފާމު އަބޫ ދާބީގައި ހުޅުވައިފި

އަޝްނާ ރަޝީދު 11 ޑިސެމްބަރު 2023

ދުނިޔޭގެ އެންމެ ބޮޑު ސިންގަލް ސައިޓް ސޯލާ ފާމް ޔޫއޭއީގައި އިފްތިތާހުކޮށްފިއެވެ. އަލް ދަފްރާގެ ނަންދެވިފައިވާ މި ސޯލާ ފާމަކީ އަބޫދާބީއާއި 35 ކިލޯމީޓަރު ދުރުގައި އިމާރާތްކޮށްފައިވާ ތަނެކެވެ. އެއީ އަބޫދާބީގެ ފިއުޗަރ އެނާޖީ ކޮމްޕެނީ ޕީޖޭއެސްސީ–މަސްދާރާއި، އަބޫދާބީ ނޭޝަނަލް އެނާޖީ ކޮމްޕެނީ (ޓާކާ)އާއި، އީޑީއެފް ރިނިއުބަލްސާއި، ޖިންކޯޕަވަރާއި، އަދި އެމިރޭޓްސް ވޯޓާ އެންޑް އިލެކްޓްރިސިޓީ ކޮމްޕެނީ (އީޑަބްލިޔުއީސީ) ގެ ދެމެދު އެކުލަވާލެވުނު ޕާޓްނަޝިޕްގެ ދަށުން ބިނާކުރި ތަނެކެވެ. 17 ނޮވެމްބަރުގައި އަބޫދާބީގެ ނައިބު ވެރިޔާ ޝައިޚް ހައްޒާ ބިން ޒައިދު އަލް ނަހްޔާން މި ސޯލާ ފާމު އިފްތުތާހުކުރިއެވެ

މި ސޯލާ ފާމްގެ ސަބަބުން ގާތްގަނޑަކަށް 200،000 ގެއަށް ކަރަންޓް ލިބޭނެކަމަށް ލަފާކުރެވެއެވެ. މިކަމުގެ ސަބަބުން އަހަރެއްގެ މަތިން ދޫކުރެވޭ 2.4 މިލިއަން ޓަނަށް ވުރެ ގިނަ ކާބަން ނައްތާލެވޭނެކަމަށް ބެލެވެއެވެ. މިކަމުން ޔޫއޭއީގެ ސޯލާ ހަކަތަ އުފެއްދުމުގެ ކެޕޭސިޓީ 2 GW އިތުރުވެގެން ދާނެކަމަށް ބެލެވެއެވެ. މިއީ އެއްތަނަކުން ސޯލާ ހަކަތަ އުފެއްދޭ އެންމެ ބޮޑު މިންވަރު ކަމުގައި ވީއިރު، މިއީ ދުނިޔެއިން ހަތަރިވަނަޔަށް އެންމެ ބޮޑަށް ސޯލާ ހަކަތަ އުފައްދާ ތަނަށް ވެގެން ދެއެވެ. ކެޕޭސިޓީގެ ގޮތުން މިތަނަށްވުރެ ބޮޑު ސޯލާ ހަކަތަ އުފައްދާ ތަންތަނަކީ ޗައިނާގެ ގޯލްމަންޑް ސޯލާ ޕާކް (2.8ޖީޑަބްލިއު)، އަދި އިންޑިއާގެ ބަޑްލާ (2.25ޖީޑަބްލިއު) އަދި ޕަވަގަޑާ (2.05ޖީޑަބްލިއު) ސޯލާ ޕާކެވެ. މި ފާމުގެ 1.32 ސެންޓް/ކިލޯވޮޓް ގަޑިއިރުގެ ޓެރިފް ރޭޓާއެކު ވެފައިވަނީ އެންމެ ހަރަދުކުޑައެއް ހަކަތަ އުފައްދާ ތަނަކަށެވެ.

އަލް ދަފްރާ ސޯލާ ފޮޓޯވޮލްޓިކް ޕްރޮޖެކްޓަކީ 20 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގައި ބިނާކުރެވިފައިވާ ތަނެކެވެ. މި ގޮތުން އަލް ދަފްރާގައި ގާތްގަނޑަކަށް 4 މިލިއަން ބައިފޭޝަލް ސޯލާ ޕެނަލް ހަރުކުރެވިފައިވެއެވެ. މިތަން އިމާރާތްކުރުމުގައި 4،500 ވަޒީފާ އުފެދިފައިވެއެވެ. އަދި އާންމު ދުވަހެއްގެ މަތިން 10 މެގަވޮޓްގެ ބާރުމިނުގެ ސޯލާ ޕެނަލުތަކެއް އިންސްޓޯލް ކުރެވިފައިވެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ޔޫއޭއީން ތިމާވަށްޓާއި އަހުލުވެރި ހަކަތަ އުފެއްދުމަށް އިސްކަންދެމުންދާ ދަނޑިވަޅެއްގައެވެ.މި މަޝްރޫއު އިފްތިތާހުކޮށްފައިވަނީ ޔޫއޭއީގައި ބާއްވާ COP28 ގެ ކުރިންނެވެ. މިކަން ހިނގާފައިވަނީ ޔޫއޭއީގެ ދައުލަތުގެ ތެޔޮ ކުންފުނި އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީގެ ސީއީއޯ COP28 ހިންގުމަށް ހަވާލުކުރުމާއި ގުޅިގެން މީހުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މިކަން ދިމާވެފައިވާ ވަގުތުން ސުވާލުތައް އުފެދިގެން އާދެއެވެ. މިއީ ޔޫއޭއީއިން ތިމާވަށްޓަށް އަހުލުވެރި ހަކަތަޔާއި ދިމާލަށް ދާކަމުގެ ނިޝާނެއްތޯ? ނުވަތި މިއީ ސިޔާސީގޮތުން އެޅުނު ފިޔަވަޅެއްތޯ?

އިތުރަށް ކިޔާލުމަށް:

ދުބާއީގައި އޭ.އައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒިބްރާ ކްރޮސް

ދުބާއީގެ މެޓަވާސް ސްޓްރެޓެޖީއިން ގިނަ ވާޗުއަލް ވަޒީފާތަކެއް

ސޯލާ ތޫފާނެއްގެ ސަބަބުން މުޅިދުނިޔެއިން އިންޓަނެޓް ކެނޑިދާނެ

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.