ފަންނިއްޔާތު ނުވަތަ ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުން ތަމްރީނުކޮށް ބާރުވެރި ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.
ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބެއްގައި، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވެފައިވަނީ ފަންނިއްޔާތު ނުވަތަ ޑިޖިޓަލް ދާއިރާއިން ޒުވާނުން ތަމްރީނުކޮށް ކުރިއެރުވުމަށް ސަރުކާރުން ނުހަނު އިސްކަމެއް ދޭ ކަމަށެވެ.
ވަޒީރު އަސްވާޑް ފާހަގަކުރެއްވި ގޮތުގައި، ބަދަލުވަމުންދާ ދުނިޔޭގައި ދިރިއުޅުމުގައި އެންމެ އިސް ދައުރެއް މިއަދު އަދާކުރަނީ ކުރިއަރައި ތަނަވަސްވަމުންދާ ފަންނިއްޔާތެވެ. ޚާއްސަކޮށް މަޢުލޫމާތާއި މުއާސަލާތުގެ ފަންނިއްޔާތަކީ ދުނިޔޭގެ ވިޔަފާރިއާއި އެނޫން އެތައް ކަމެއް އެންމެ ބޮޑަށް ބަރޯސާވެފައިވާ ދާއިރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ދާއިރާގައި ދުނިޔޭގެ ޒުވާނުން ހޯދައިފައިވާ ބޮޑެތި ކާމިޔާބީ ތަކަކީ އަޅުގަނޑުމެންގެ ޒުވާނުންނަށް ހުރި އިބްރަތްތަކެއް. ރަނގަޅު ނަމޫނާތަކެއް. ފޭސްބުކް، މައިކްރޯސޮފްޓް ފަދަ އީޖާދުތަކަކީ ޒުވާނުން އުމުރުން ފާހަގަކޮށްލެވޭ މިސާލުތަކެއް," ވަޒީރު އަސްވާޑް ވިދާޅުވިއެވެ.
މި ދާއިރާއިން ދިވެހި ޒުވާނުންނަށް ތަމްރީނު ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވަޒީރު އަސްވާޑް ފާހަގަކުރެއްވީ މިއަހަރު ކުރީކޮޅު 250 ޒުވާނުންނާއެކު ކުރިއަށް ގެންދެވުނު ހެކަތޯނެވެ. މި ހެކަތޯނުން ފެނިގެން ދިޔައީ ދިވެހި ޒުވާނުންގެ އާދަޔާ ޚިލާފު ހުނަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހި ޒުވާނުންނަށް ވެސް ވާނެ. ކުރެވޭނެ. ގާބިލް ދިވެހި ޒުވާނުން އެބަތިބި" ވަޒީރު އަސްވާޑް ވިދާޅުވިއެވެ.
ވަޒީރު އަސްވާޑް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޒުވާނުންނަށް ތަޖުރިބާގެ ފުރުސަތު ހޯދައިދިނުމަށް ރޭވި ތަރުތީބުވެގެންވާ ޕްރޮގްރާމްތަކެއް ސަރުކާރުން ކުރިއަށް ގެންދާނެއެވެ.
މީގެ އިތުރުން، ދުނިޔޭގައި މިހާރު ކުރިއަރަމުންދާ އޮން-ޑިމާންޑް ވާރކްފޯސް ނުވަތަ ފްރީލާންސިންގ މާކެޓްތަކަށް ދިވެހި ޒުވާނުންނަށް ފުރުސަތު ހުޅުވައިދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނިންމާލަމުން ވަޒީރު އަސްވާޑް ޒުވާނުންނަށް ގޮވާލެއްވީ އާ އަޒުމަކާއެކު ހީވާގިކަމާއި މުރާލިކަމާއެކު، ސާފު އަމާޒެއް ކަނޑައަޅައި އެ އަމާޒު ހާސިލްކޮށް، ތިމާ ދެކޭ މުސްތަގުބަލުގެ ހުވަފެންތަކުގައި ކުލަޖެއްސުމަށެވެ.
އިތުރަށް ކިޔާލަން:
މޯލްޑިވްސް ޔޫތު ހެކަތޯން ފަށައިފި
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.