އެމެރިކާއިން 2028 ވަނައަހަރުގެ ކުރިން އިންސާނުން ހަނދަށް ފޮނުވުމުގެ ރިޔާސީ އަމުރެއްގައި ޓްރަމްޕް ސޮއިކުރައްވައިފިއެވެ.
މި އަމާޒު ޙާޞިލުކުރުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެމެރިކާގެ އެސްޓްރޯނޯޓުން 2028 ވަނަ އަހަރުގެ ނިޔަލަށް އަލުން ހަނދަށް ފޮނުވުން ލާޒިމުކޮށް، "އެންޝުއަރިންގ އެމެރިކަން ސްޕޭސް ސުޕީރިއޯރިޓީ" ގެ ނަމުގައި ވަރުގަދަ ރިޔާސީ އަމުރެއް ނެރުއްވާފައެވެ. ޖައްވީ ދާއިރާގައި އެމެރިކާގެ މަތިވެރިކަން ކަށަވަރުކުރުމަށް ނެރުއްވި މި އަމުރުގައި ވަނީ ނާސާގެ ޕްރޮގްރާމްތައް އަވަސްކޮށް، ހަނދާއި އޭގެ ބޭރުގައި އެމެރިކާގެ ބާރު ގަދަކުރުމަށް މުހިންމު ލަނޑުދަނޑިތަކެއް ކަނޑައަޅުއްވާފައެވެ.
މި އަމުރުގައިވާ ގޮތުން ހަމައެކަނި ހަނދަށް ދިއުމަކުން ނުފުދެއެވެ. ހަނދަށް ދިއުމަށްފަހު، 2030 ވަނަ އަހަރުގެ ނިޔަލަށް ހަނދުގައި ދާއިމީ މަރުކަޒެއް (Permanent Lunar Base) ބިނާކުރަން ފެށުމަށްވެސް ވަނީ އަމުރުކުރައްވާފައެވެ. މިއީ މާސް އަށް އިންސާނުން ފޮނުވުމަށް އެޅޭ ފާލަމެއްގެ ގޮތުގައި ބޭނުންކުރުމަށާއި، ޖައްވުގައި ދާއިމީ ގޮތެއްގައި ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޅޭ ފިޔަވަޅެކެވެ.
މީގެ އިތުރުން، ބިމުގެ އޯބިޓްގައާއި ހަނދުގައި ހަކަތަ އުފެއްދުމަށް ނިއުކްލިއަރ ރިއެކްޓަރު ބޭނުންކުރުމަށް އިސްކަންދިނުމަށް ވަނީ އަންގާފައެވެ. މިގޮތުން 2030 ގެ ނިޔަލަށް ހަނދުގެ އޯބިޓަށް ފޮނުވުމަށްޓަކައި ނިއުކްލިއަރ ރިއެކްޓަރެއް ތައްޔާރުކުރުންވެސް މި ޕްލޭންގައި ހިމެނެއެވެ.
ޓްރަމްޕް ސޮއިކުރެއްވި މިއަމުރުގައި ދިފާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ބޮޑެތި އަމާޒުތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި:
ޖައްވީ ދިފާޢީ ބާރު ވަރުގަދަ ކުރުމަށްޓަކައި، "ގޯލްޑަން ޑޯމް"ގެ ނަން ދީފައިވާ ޚާއްޞަ މިސައިލް ޑިފެންސް ޓެކްނޮލޮޖީއެއްގެ ޕްރޮޓޯޓައިޕް 2028ގެ ނިޔަލަށް ތަރައްޤީކޮށް ޓެސްޓު ކުރުން ހިމެނެއެވެ.
އަދި އިޤްތިޞާދީ ކުރިއެރުން އިތުރުކުރުމަށް 2028 ގެ ނިޔަލަށް ސްޕޭސް މާކެޓަށް މަދުވެގެން 50 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުންވެސް އެއަމުރުގައި ހިމެނެއެވެ.
މި އަމުރު ތަންފީޒުކުރުމަށްޓަކައި، ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ތަފްސީލީ ޕްލޭނެއް ހުށަހެޅުމަށް ރައީސް ޓްރަމްޕް ވަނީ ނާސާއަށް އަންގަވާފައެވެ. އަދި ނާސާގެ އާ އެޑްމިނިސްޓްރޭޓަރ ޖާރެޑް އައިޒެކްމަން މެދުވެރިކޮށް، ލަސްވެފައިވާ ޕްރޮގްރާމްތައް ދެނެގަނެ އިޞްލާޙުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ބަދަލުތަކާއެކު، ކުރީގެ ރައީސް ޖޯ ބައިޑަން އުފެއްދެވި "ނޭޝަނަލް ސްޕޭސް ކައުންސިލް" ވަނީ އުވާލައްވާފައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.