Download Logo
Copy Logo

އޭއައި ފީޗާތަކާއެކު ސެމްސަންގް ބްރައުޒަރ ވިންޑޯސްއަށް ތަޢާރަފުކޮށްފި

އަޙްމަދު ދާއޫދު 28 މާރިޗު 2026

އޭއައި ފީޗާތަކާ އެކު ސެމްސަންގް ބްރައުޒަރ ރަސްމީކޮށް ވިންޑޯޒްއަށް ތަޢާރަފުކޮށްފިއެވެ.

ބީޓާ ވަރޝަންގައި ދުވަސްކޮޅަކު އޮތުމަށްފަހު، ސެމްސަންގުން މިވަނީ ވިންޑޯޒް ކޮމްޕިއުޓަރުތަކަށް ޚާއްޞަކޮށް އެ ކުންފުނީގެ އަމިއްލަ "ސެމްސަންގް ބްރައުޒަރ" ރަސްމީކޮށް ތަޢާރަފުކޮށްފައެވެ.

ސްމާޓްފޯނުތަކުގައި ބޭނުންކުރާ ފެންވަރު ރަނގަޅު މި ބްރައުޒަރ އޭއައިގެ ފުރިހަމަ ބާރާއެކު ކޮމްޕިއުޓަރުތަކަށް ގެނެސްދީފައިވާއިރު، ސެމްސަންގުގެ އަމާޒަކީ ދުނިޔޭގައި އެންމެ މަޝްހޫރު ގޫގުލް ކްރޯމް ބްރައުޒަރގެ މަޤާމް ހޯދުމެވެ.

މި ބްރައުޒަރގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފަޔަކީ ފޯނާއި ކޮމްޕިއުޓަރާ ދެމެދު ވަރަށް ފަސޭހައިން ގުޅުވައިލެވުމެވެ. ސެމްސަންގުން ބުނާގޮތުގައި މިއީ ހަމައެކަނި ބުކްމާރކްތައް ސިންކް ކޮށްލުމަށްވުރެ މާ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާނެ ފީޗަރއެކެވެ. އެގޮތުން ފޯނުން ބަލަމުންދިޔަ ވެބްޕޭޖެއް ހަމަ އެ ހުޅުވާފައި ހުރި ހިސާބުން ކޮމްޕިއުޓަރުން ކުރިއަށް ގެންދެވޭނެއެވެ. މިކަން ކުރުމަށްޓަކައި ޕީސީގައި ސެމްސަންގް އެކައުންޓް އަދި ކޮންޓިނުއިޓީ ސަރވިސްތައް އިންސްޓޯލްކުރަން ޖެހޭއިރު، މިހާރު މި ޚިދުމަތް ލިބެނީ ގެލެކްސީ ބުކް 3، 4، 5 އަދި 6 ސީރީޒްގެ ލެޕްޓޮޕްތަކަށް އެކަންޏެވެ. ނަމަވެސް ކުރިމަގުގައި އެހެން ޑިވައިސްތަކަށްވެސް މި ޚިދުމަތް ފުޅާކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ކްރޯމްގައި ހުންނަ އޮޓޯފިލް އަދި ޕާސްވޯޑް މެނޭޖަރ ފަދައިން ބޭނުންކުރެވޭނެ ވަރަށް ފުރިހަމަ ނިޒާމެއްވެސް މީގައި ހިމެނެއެވެ. އެގޮތުން ސެމްސަންގް ޕާސް މެދުވެރިކޮށް ޕާސްވޯޑާއި އެހެނިހެން ޒާތީ މަޢުލޫމާތުތައް އޮޓޯއިން ފުރާލަދޭ ފީޗަރ ޕީސީ ބްރައުޒަރގައި ވަނީ ހިމަނާފައެވެ.

މި ބްރައުޒަރަށް ގެނެސްފައިވާ އެންމެ ބޮޑު އިންޤިލާބީ ބަދަލަކީ އޭއައިގެ ބާރުގަދަ ފީޗަރތަކެވެ. ސެމްސަންގުން ވަނީ އޭއައި ކުންފުނި 'ޕަރޕްލެކްސިޓީ' އާ ގުޅިގެން ބްރައުޒަރގެ ތެރޭގައި މަސައްކަތްކުރާ އާ އޭއައި އެސިސްޓެންޓެއް ހިމަނާފައެވެ. މިއީ ދާދިފަހުން ކްރޯމްގައި ހިމެނި ޖެމިނައި އޭއައި އާ ވަރަށް އެއްގޮތް ޚިދުމަތެކެވެ.

ޕަރޕްލެކްސިޓީ އޭއައި މެދުވެރިކޮށް ލިބޭނެ ފަސޭހަތަކުގެ ތެރޭގައި، ބަލަމުންދާ ވެބްޕޭޖަށް ބިނާކޮށް ދަތުރުތަކުގެ ޝެޑިއުލް ނުވަތަ އިޓިނަރަރީ ހަދައިދިނުމާއި، ދިގު ވީޑިއޯތަކުން ހޯދަން ބޭނުންވާ ވަކި ހިސާބަކަށް ފަސޭހައިން ގެންގޮސްދިނުން ހިމެނެއެވެ. މީގެ އިތުރުން އާދައިގެ ބަހުރުވައިން ލިޔެގެން ބްރައުޒިންގ ހިސްޓްރީ ސަރޗްކުރުމާއި، ތަފާތު ޓެބްތަކުގައި ހުޅުވާފައި ހުންނަ އުފެއްދުންތައް ފަސޭހައިން އަޅާކިޔުން ފަދަ ކަންކަންވެސް އޭއައިގެ އެހީގައި ކުރެވޭނެއެވެ.

"ސެމްސަންގް ބްރައުޒަރ ފޯރ ވިންޑޯޒް" މިހާރު ވިންޑޯޒް 10 (ވާރޝަން 1809 އިން ފެށިގެން މައްޗަށް) އަދި ވިންޑޯޒް 11 ބޭނުންކުރާ ފަރާތްތަކަށް ލިބެން ހުންނާނެއެވެ. އެހެންނަމަވެސް، މީގައި ހިމެނޭ އޭއައި ފީޗަރތައް މިވަގުތު ލިބެނީ އެމެރިކާ އަދި ދެކުނު ކޮރެއާ ފަދަ މަދު ޤައުމުތަކަކަށެވެ. ފަހުގެ ތާރީޚެއްގައި އެހެން ޤައުމުތަކަށް މި ޚިދުމަތް ފުޅާކުރާނެކަމަށް ބެލެވޭއިރު، ސެމްސަންގުގެ ގިނަ ޚިދުމަތްތަކެކޭ އެއްފަދައިން މި ބްރައުޒަރގެ އެންމެ ފުރިހަމަ ތަޖުރިބާ ކުރެވޭނީ ގެލެކްސީ ޑިވައިސްތައް ގެންގުޅޭ ފަރާތްތަކަށެވެ.

ސެމްސަންގް ބްރައުޒަރ ނުވަތަ "ސެމްސަންގް އިންޓަނެޓް" އަކީ މޯބައިލް ފޯނުތަކުގައި، ޚާއްޞަކޮށް ގެލެކްސީ ޑިވައިސްތަކުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭތީ ވަރަށް މަޤުބޫލު އެޕްލިކޭޝަނެކެވެ. ކޮމްޕިއުޓަރުތަކުގެ ބްރައުޒަރ މާކެޓަށް ބަލާއިރު މިހާތަނަށް އެންމެ ބޮޑު ކޮންޓްރޯލެއް އޮންނަނީ ގޫގުލް ކްރޯމް އަދި މައިކްރޯސޮފްޓް އެޖް އަށެވެ. ނަމަވެސް، ފަހަކަށް އައިސް ސެމްސަންގުން އަންނަނީ އެޕަލް ކުންފުނިން ގެންގުޅޭ ފަދަ، އެއް ޑިވައިސް އަނެއް ޑިވައިސްއާ ފަސޭހައިން ގުޅުވައިލެވޭ ފުރިހަމަ "އިކޯސިސްޓަމް" އެއް ބިނާކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެހެންކަމުން ވިންޑޯޒްއަށް މި ބްރައުޒަރ ތަޢާރަފުކޮށް، ޒަމާނީ އޭއައިގެ ޚިދުމަތްތަކާއެކު ނެރުމަކީ، ސްމާޓްފޯނުތަކަށް ޚާއްޞަކޮށްގެން އެ ކުންފުނިން ފަށާފައިވާ "ގެލެކްސީ އޭއައި" ގެ ތަޖުރިބާ ކޮމްޕިއުޓަރުތަކަށް ފުޅާކޮށް، މާކެޓުގައި ކްރޯމް ފަދަ ބޮޑެތި ބްރައުޒަރތަކާ ވާދަކުރުމަށް ސެމްސަންގުން އެޅި ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި ޓެކްނޮލޮޖީގެ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.