Download Logo
Copy Logo

ސްޕޭސްއެކްސްގެ މިލިއަން ސެޓެލައިޓާއެކު އުޑުމަތި އެއްކޮށް ޚަރާބު ވެދާނެ!

އަޙްމަދު ދާއޫދު 02 އޭޕްރީލު 2026

މަހުޖަނު އެލޮން މަސްކްގެ ކުންފުންޏެއް ކަމަށްވާ ސްޕޭސްއެކްސް އިން އޭއައި (AI) ކޮމްޕިއުޓިންގ ބާރު އުފެއްދުމަށްޓަކައި "އޯބިޓަލް ޑޭޓާ ސެންޓަރު" ތަކެއްގެ ގޮތުގައި ޖައްވަށް އެއް މިލިއަން ސެޓެލައިޓް ފޮނުވަން ރާވަމުންދާތީ، އޭގެ ސަބަބުން ރޭގަނޑުގެ އުޑުމަތި އެއްކޮށް ހަރާބުވެދާނެކަމުގެ އިންޒާރު އެސްޓްރޮނޮމަރުން (ފަލަކީ އިލްމުވެރިން) ދީފިއެވެ.

މިހާރުވެސް ސްޕޭސްއެކްސްގެ 10،000 އަށްވުރެ ގިނަ ސްޓާލިންކް ސެޓެލައިޓް ދުނިޔެ ވަށައިގެން އެނބުރެމުންދެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި، އެއްވެސް ތަޣައްޔަރުކަމެއް (ލައިޓް ޕޮލިއުޝަން) ނެތް ސާފު އުޑުމަތިން އިންސާނާގެ ލޮލަށް ފެންނަނީ ގާތްގަނޑަކަށް 4،500 ތަރިއެވެ. ނަމަވެސް ސްޕޭސްއެކްސްގެ އާ މަޝްރޫއުގެ ދަށުން އެއް މިލިއަން ސެޓެލައިޓް ޖައްވަށް ފޮނުވައިފިނަމަ، ދުނިޔޭގެ ގިނަ ހިސާބުތަކަށް ރޭގަނޑުގެ ވަގުތުތަކުގައި ތަރިތަކަށްވުރެ ގިނައިން ފެންނާނީ އިންސާނުން ހަދާފައިވާ ސެޓެލައިޓްތަކެވެ.

ބިމުގައި ހުންނަ ޑޭޓާ ސެންޓަރުތަކުން ފެނާއި ކަރަންޓު ގިނަ އަދަދަކަށް ބޭނުންކުރާތީ އެކަމަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، ސްޕޭސްއެކްސް އިން މަސައްކަތްކުރަނީ މިއީ ތިމާވެއްޓާ ރައްކާތެރި ގޮތެއްކަމަށް ދެއްކުމަށެވެ. ނަމަވެސް، ޖައްވުގައި މި ސެންޓަރުތަކުން އުފެދޭ ގަދަ ހޫނު ބޭރުކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މީގެ ކުރިންވެސް އެ ކުންފުނިން ސެޓެލައިޓްގެ އުނދަގޫ ކުޑަކުރުމަށް ކަޅު ކުލަ ލާފައި ފޮނުވި "ޑާކްސެޓް" ވެސް ވަނީ ހޫނުވެގެން އޭގެ އިލެކްޓްރޯނިކްސްތައް ހަލާކުވެފައެވެ.

ސްޕޭސް އެކްސް ގެ ސެޓެލައިޓް ކޮންސްޓަލޭޝަން ސިފަކޮށްދޭ ކުރެހުމެއް

މީގެ އިތުރުން، ސެޓެލައިޓްތައް ގިނަވުމުން އެކަތި އަނެކައްޗާ ޖެހުމުގެ ނުރައްކާ ބޮޑުވެއެވެ. އަދި ސެޓެލައިޓްތަކުގެ މުއްދަތު ހަމަވުމުން ދުނިޔޭގެ ޖައްވުގެ ތެރެއަށް ވެއްޓި އަނދައިގެން ދާއިރު، ޖައްވު ތަޣައްޔަރުވެ، އެއްކޮށް ނާނދާ ބައިތައް ބިމަށް ވެއްޓި މީހުންނަށް ގެއްލުންވުމުގެ ބިރުވެސް އޮތްކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ސްޕޭސްއެކްސް އިން އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) އަށް ހުށަހެޅި މި ޕްރޮޕޯސަލްގައި މާގިނަ ތަފްސީލުތަކެއް ނެތް ނަމަވެސް، އެފްސީސީން ވަނީ އެ ބަލައިގަނެފައެވެ. މިއީ އެތައް އަހަރެއް ވަންދެން ރޭގަނޑުގެ އުޑުމަތި ސަލާމަތްކުރުމަށް ސްޕޭސްއެކްސްއާއެކު މަސައްކަތްކުރި އެސްޓްރޮނޮމަރުންގެ މޫނުމަތީގައި ޖެހި އެތިފަހަރެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެއެވެ.

ޔުނިވަރސިޓީ އޮފް ރެޖައިނާ، ޔުނިވަރސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާ އަދި ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގެ ސައިންސްވެރިން ބުނާ ގޮތުގައި ދުނިޔޭގެ އޯބިޓަކީ ވަކި މިންވަރަކަށް ބޭނުންކުރެވޭނެ (ފައިނައިޓް) ވަސީލަތެކެވެ. އަދި އެންމެ ގައުމެއްގެ އެންމެ ކުންފުންޏަކަށް މުޅި ދުނިޔޭގެ އެންމެންގެ ހައްގެއް ކަމަށްވާ ރޭގަނޑުގެ އުޑުމައްޗާއި ޖައްވު ހަރާބުކޮށްލުމުގެ ފުރުސަތު ދެވިގެން ނުވާނެއެވެ.

ޖައްވުގެ ތެރޭގައި ހަރަކާތްތެރިވާ ކުޑަ ސެޓެލައިޓެއް

ސްޕޭސްއެކްސްގެ "ސްޓާލިންކް" މަޝްރޫއަކީ މުޅި ދުނިޔެއަށް ހަލުވި އިންޓަނެޓް ފޯރުކޮށްދިނުމުގެ ބޭނުމުގައި މަހުޖަނު އީލޮން މަސްކްގެ ކުންފުނިން 2019 ވަނަ އަހަރު ފެށި ބޮޑު މަޝްރޫއެކެވެ. މިހާތަނަށް ދުނިޔޭގެ ތިރީ އޯބިޓަށް 10،000 އަށްވުރެ ގިނަ ސެޓެލައިޓް ފޮނުވާފައިވާއިރު، އެމެޒޯން ފަދަ ބޮޑެތި އެހެން ކުންފުނިތަކުންނާއި ޗައިނާ ފަދަ ގައުމުތަކުން ވެސް އަންނަނީ މިފަދަ "މެގަކޮންސްޓެލޭޝަން" ތައް (ގިނަ އަދަދެއްގެ ސެޓެލައިޓް ނެޓްވޯކްތައް) ޖައްވަށް ފޮނުވުމަށް ތައްޔާރުވަމުންނެވެ.

ފަހަކަށް އައިސް ޖައްވަށް ފޮނުވާ ސެޓެލައިޓްތަކުގެ އަދަދު އިންތިހާއަށް އިތުރުވުމުގެ ސަބަބުން، އެ ތަކެތިން އުފެދޭ އައްޔާއި ރޮނގުތަކުގެ ސަބަބުން ފަލަކީ އިލްމުވެރިންގެ ދިރާސާތަކަށް ހުރަސްއެޅި، ބިމުގައި ހުންނަ ބޮޑެތި ޓެލެސްކޯޕްތަކުން ނަގާ ފޮޓޯތައް ހަރާބުވަމުންދާކަމުގެ ޝަކުވާ ސައިންސްވެރިން އަންނަނީ ކެނޑިނޭޅި ކުރަމުންނެވެ. އެހެންކަމުން، މިހާރު ސްޕޭސްއެކްސް އިން އަލަށް ހުށަހަޅާފައިވާ އެއް މިލިއަން ސެޓެލައިޓުގެ މަޝްރޫއަކީ، މިހާރުވެސް ދިމާވެފައިވާ މައްސަލަތައް އެތައް ގުނައަކަށް ގޯސްވެގެންދާނެ ކަމެއްކަމަށް ސައިންސްވެރިން ދެކެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.