ފޮޓޯ: އޭއައި
ރޭގަނޑު ނިދާއިރު ފޯނު ޗާޖަށް ޖަހާފައި ބޭއްވުމަކީ ފޯނުގެ ބެޓެރީ ހަލާކުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިއީ ވަރަށް ކުރިއްސުރެ މީހުންގެ މެދުގައި ދެކެވެމުން އަންނަ ވާހަކައެކެވެ. ނަމަވެސް ސްމާޓްފޯނު އުފެއްދުމުގެ ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުންތަކާއެކު، ތަޖުރިބާކާރުން ބުނާގޮތުގައި ބައެއް ކަންކަމަށް ސަމާލުކަން ދޭނަމަ ރޭގަނޑު އެއްކޮށް ފޯނު ޗާޖަށް ޖަހާފައި ބޭއްވުމަކީ މައްސަލައެއް ނޫނެވެ.
މީގެ ކުރިން މިއީ މައްސަލައަކަށް ވިޔަސް، 2010 ވަނަ އަހަރުން ފެށިގެން ފޯނު އުފައްދާ ކުންފުނިތަކުން ވަނީ ފޯނުތަކުގައި "ޕަވަރ މެނޭޖްމަންޓް އިންޓަގްރޭޓެޑް ސަރކިޓްސް" (PMIC) ނަމަކަށް ކިޔާ ޗިޕެއް ހަރުކުރަން ފަށާފައެވެ. މި ޗިޕުގެ ސަބަބުން، ފޯނު 100 ޕަސެންޓަށް ޗާޖުވުމާއެކު އޮޓޯއިން ކަރަންޓު ދިއުން ހުއްޓުވައިދެއެވެ. އަދި ބެޓެރީއަށް ބޭނުންވާ މިންވަރަށް ވޯލްޓޭޖް ކޮންޓްރޯލްކޮށްދީ، ފޯނު މާބޮޑަށް ހޫނުވުމާއި އަލިފާނުގެ ހާދިސާތައް ހިނގުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
ހަމައެކަނި ފޯނުގެ ސިސްޓަމަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލައަށްވެސް ބެޓެރީގެ ސިއްހަތަށް ސަމާލުކަން ދިނުން މުހިންމެވެ. ލިތިއަމް-އަޔަން ބެޓެރީއަށް ކުރާ ކެމިކަލް އަދި ތަރމަލް ޕްރެޝަރު ކުޑަކުރުމަށްޓަކައި، ބެޓެރީގެ ޗާޖު 30 ޕަސެންޓާއި 80 ޕަސެންޓާ ދެމެދު ބެހެއްޓުމަށް ތަޖުރިބާކާރުން ލަފާދެއެވެ. އެހެންކަމުން ކޮންމެ ރެޔަކު އެއްކޮށް ޗާޖަށް ޖެހުމުގެ ބަދަލުގައި ދުވާލުގެ ވަގުތުތަކުގައި ވެސް ޗާޖު ކުރުމަކީ ބެޓެރީ ގިނަ ދުވަހަށް ބޭނުންކުރެވޭނެ ކަމެކެވެ.
ރޭގަނޑު ޗާޖަށް ޖަހާފައި ބާއްވާއިރު ސަމާލުކަންދޭންޖެހޭ އަނެއް ކަމަކީ ފޯނު ބާއްވާ ތަނެވެ. ބާލީހާއި ރަޖާގަނޑު ދަށުގައި ނުވަތަ ހޫނުވާ ފަދަ ތަންތަނުގައި ފޯނު ޗާޖަށް ޖަހާފައި ބޭއްވުމަކީ ފޯނު ހޫނުވެ، ބެޓެރީ އަވަހަށް ހަލާކުވާނެ ކަމެކެވެ.
ފޯނުގައިވާ ރައްކާތެރިކަމުގެ ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ކުރާނީ ފޯނާއެކު ލިބޭ އޮރިޖިނަލް ޗާޖަރު ނުވަތަ ސެޓިފައިޑް ޗާޖަރެއް ބޭނުންކުރުމުންނެވެ. އަގުހެޔޮ، ފެންވަރު ދަށް ޗާޖަރު ބޭނުންކުރާނަމަ ފޯނުގެ ރައްކާތެރިކަން ކަށަވަރެއް ނުކުރެވޭނެއެވެ. އެހެންކަމުން ޔޫރަޕްގެ 'CE' ނުވަތަ އެމެރިކާގެ 'UL' މާކް ފަދަ ރައްކާތެރިކަމުގެ ޔަގީންކަން އޮންނަ ޗާޖަރުތައް އިޚްތިޔާރު ކުރުން ވަރަށް މުހިންމެވެ.
ބޭނުންކުރާ ޗާޖަރުގެ ވޯޓޭޖަށް ބެލުމަކީވެސް ސަމާލުކަންދޭންޖެހޭ ކަމެކެވެ. ގިނަ ފޯނުތަކަށް 18 އާއި 30 ވޯޓާ ދެމެދުގެ ޗާޖަރުތަކުން ފާސްޓް ޗާޖިންގ ލިބޭއިރު، ފޯނުން ސަޕޯޓު ނުކުރާނަމަ، މާ ދަށް ނުވަތަ މާ މަތީ ވޯޓޭޖުގެ ޗާޖަރުތައް ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.
އެޕަލްގެ އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކުގައި ހިމެނޭ "އޮޕްޓިމައިޒްޑް ޗާޖިންގ" ފީޗަރ އޮން ކުރުމަކީ ވެސް ބެޓެރީއަށް ފައިދާހުރި ކަމެކެވެ. މީގެ ސަބަބުން ރޭގަނޑު ގިނަ ވަގުތު ފޯނު 80 ޕަސެންޓްގައި ހިފަހައްޓައިދީ، 100 ޕަސެންޓަށް ޗާޖުކޮށްދޭނީ އާންމުކޮށް ހޭލާ ގަޑިއާ ކައިރިކޮށެވެ.
އެންމެ ފަހުގެ ކަމަކަށް، ފޯނު 90 ޕަސެންޓަށް ޗާޖުވުމުން ޕްލަގުން ނެގުމަކީ ބެޓެރީގެ ސިއްހަތަށް އެންމެ ފައިދާހުރި ގޮތެވެ. ޚާއްޞަކޮށް ދެތިން އަހަރު ވެފައިވާ ފޯނުތައް ޗާޖުކުރާއިރު ހޫނުވާލެން ބޮޑުވާނެތީ މިކަމަށް ސަމާލުކަން ދިނުން މުހިންމެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.