Download Logo
Copy Logo

ފޮޓޯ: އޭއައި

"ސެޓެލައިޓް އިންޓަނެޓް" މާކެޓް ހަލުވި ކަމާއެކު ކުރިއަރަނީ

އަޙްމަދު ދާއޫދު 04 އޭޕްރީލު 2026

ދުނިޔޭގެ "ސެޓެލައިޓް އިންޓަނެޓް" މާކެޓް ހަލުވިކަމާއެކު ކުރިއަމުންދާކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ.

އެލައިޑް އެނަލިޓިކްސްއިން އާންމުކޮށްފައިވާ އާ ރިޕޯޓެއްގައިވާ ގޮތުން، ދުނިޔޭގެ ސެޓެލައިޓް އިންޓަނެޓް މާކެޓް 2030 ވަނަ އަހަރާ ހަމައަށް އަންނައިރު 18.59 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

2020 ވަނަ އަހަރު 2.93 ބިލިއަން ޑޮލަރުގައި ހުރި މި މާކެޓް ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި އަހަރަކު 20.4 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާނެކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި މާކެޓް ހަލުވިކަމާއެކު ފުޅާވަމުންދާ އެންމެ ބޮޑު ސަބަބަކީ އާންމު މުވާސަލާތީ ނެޓްވޯކްތައް (ކޭބަލް އަދި ފައިބަރ) ނުލިބޭ ރަށްފުށުގެ ސަރަހައްދުތަކާއި އެކަހެރި ހިސާބުތަކަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އޮތް ޑިމާންޑް ބޮޑުވުމެވެ. ޚާއްޞަކޮށް ލޯ-އާތު އޯބިޓް (އެލް.އީ.އޯ) ގައި ދައުރުކުރާ ސެޓެލައިޓްތަކުގެ ސަބަބުން އިންޓަނެޓްގެ ސްޕީޑް އަވަސްވެ، ލެޓެންސީ ދަށްވުމާއެކު، އޮންލައިން ގޭމް ކުޅުމަށާއި ވީޑިއޯ ކޮންފަރެންސް ފަދަ ވަގުތުން ވަގުތަށް ކުރަންޖެހޭ ކަންކަމަށް މި ނިޒާމު ވަނީ ވަރަށް ބޮޑަށް ފަހިވެފައެވެ.

ޖައްވީ ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުންތަކާއެކު، ސެޓެލައިޓްތައް އުދުއްސުމަށް ހިނގާ ޚަރަދު ކުޑަވުމާއި، 5ޖީ، އައި.އޯ.ޓީ އަދި އެޖް ކޮމްޕިއުޓިންގ ފަދަ ޒަމާނީ ޓެކްނޮލޮޖީތަކާ ސެޓެލައިޓް އިންޓަނެޓް ގުޅުވާލުމަކީ ވެސް މި ވިޔަފާރި ފުޅާވަމުންދާ ސަބަބެކެވެ. މީގެ އިތުރުން ގޭގައި ތިބެގެން މަސައްކަތްކުރުމާއި އޮންލައިންކޮށް ކިޔެވުން އާންމުވުމަކީވެސް މެދުކެނޑުމެއްނެތި ލިބޭ ހަލުވި އިންޓަނެޓަށް އޮތް ޑިމާންޑް އިންތިހާއަށް އުފުލިގެންދިޔަ ކަމެކެވެ.

މި ޚިދުމަތް އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ އެއް ބަޔަކީ ފުލުހުންނާއި ސިފައިން ފަދަ ގާނޫނު ތަންފީޒުކުރާ އިދާރާތަކެވެ. ކުއްލި ހާލަތްތަކުގައި މައުލޫމާތު ބަދަލުކުރުމަށް ސެޓެލައިޓް އިންޓަނެޓް މުހިންމުވާއިރު، އެކަހެރި ހިސާބުތަކަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށާއި، ގުދުރަތީ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އާންމު ސިއްހަތާބެހޭ އިދާރާތަކުން މި ނިޒާމު ބޭނުންކުރާ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ.

މި ވިޔަފާރީގައި ގިނަ ކުރިއެރުންތަކެއް ހުރި ނަމަވެސް، މިއީ ގޮންޖެހުންތަކެއްވެސް އެކުލެވޭ ދާއިރާއެކެވެ. އެގޮތުން ސެޓެލައިޓް ނެޓްވޯކެއް ގާއިމުކުރުމަށް ފުރަތަމަ ކުރަންޖެހޭ އިންވެސްޓްމަންޓް ބޮޑުވުމާއި، އެކި ގައުމުތަކުގެ ގާނޫނީ ގަވާއިދުތަކާއި ސްޕެކްޓްރަމް ހޯދުމުގައި ހުރި ދަތިތަކަކީ އައު ކުންފުނިތަކަށް މި މާކެޓަށް ވަނުމަށް އޮތް ބޮޑު ހުރަހެކެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކަށް ބަލާއިރު، 2020 ވަނަ އަހަރު ސެޓެލައިޓް އިންޓަނެޓްގެ މާކެޓްގައި އެންމެ ކުރީގައި އުޅެނީ އުތުރު އެމެރިކާއެވެ. ނަމަވެސް އިންޑިއާ، ޗައިނާ އަދި ޖަޕާނު ފަދަ ގައުމުތަކުން ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި 5ޖީ ނެޓްވޯކްތައް ތައާރަފުކުރުމާއެކު، ކުރިއަށް އޮތް ތަނުގައި އޭޝިއާ ޕެސިފިކް ސަރަހައްދު މި މާކެޓްގައި އެންމެ ހަލުވިކަމާއެކު ކުރިއަރާނެކަމަށް ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.