ފޮޓޯ: އޭއައި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ރޭހުގައި އެންމެ ކުރީގައި އޮތް ކަމަށް ބެލެވުނު މައިކްރޯސޮފްޓަށް، މިހާރު ވަނީ ކުރިން އުންމީދު ނުކުރާ ފަދަ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
އެ ކުންފުނީގެ އޭއައި އެސިސްޓަންޓް "ކޯޕައިލެޓް" އަށް މާކެޓުގައި ތަރުހީބު ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާއިރު، މިއީ އޭއައިގެ ރޭހުގައި އެ ކުންފުނި ފަހަތަށް ޖެހިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ވަގުތެކެވެ. މީގެ ސަބަބުން މައިކްރޯސޮފްޓްގެ ހިއްސާގެ އަގު ވަނީ 2008 ވަނަ އަހަރުގެ މާލީ ކްރައިސިސްއަށް ފަހު އެންމެ ބޮޑަށް ދަށަށް ގޮސްފައެވެ.
މައިކްރޯސޮފްޓަށް މި ގޮންޖެހުންތައް ކުރިމަތިވަމުންދާއިރު، އެ ކުންފުނީގެ ބައިވެރިޔާ އޯޕަންއޭއައި އިން ދަނީ "ސޯރާ" ފަދަ އާންމުންގެ މެދުގައި މަގުބޫލު ނަމަވެސް، އާމްދަނީ މަދު މަޝްރޫއުތައް މަޑުޖައްސާލައި، ކޯޑިންގް އާއި އެންޓަޕްރައިޒް ސޮފްޓްވެއަރ ފަދަ ފައިދާ ބޮޑު ދާއިރާތަކަށް އަމާޒު ބަދަލުކުރަމުންނެވެ. މިއީ މިހާރު މާކެޓުގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެންތްރޯޕިކްގެ "ކްލޯޑް ކޯޑް" އާ ވާދަކުރުމަށް އެ ކުންފުނިން އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
މައިކްރޯސޮފްޓުން އެޒުއަރ (Azure) ކްލައުޑް އިންފްރާސްޓްރަކްޗަރ އަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރި ނަމަވެސް، ޚަރަދުތައް މަތިވުމުގެ ސަބަބުން ކޯޕައިލެޓްގެ ޚިދުމަތް އެންމެ އެދެވޭ ގޮތެއްގައި ފުޅާކުރެވޭ ގޮތް ވަނީ ނުވެފައެވެ.
މީގެ އިތުރުން، ވިންޑޯޒް އޮޕަރޭޓިންގ ސިސްޓަމަށް މީހުން ބޭނުންނުވާ އޭއައި ފީޗަރތައް އިތުރުކުރަމުންދާތީ، އާންމުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ކުޑަވެ، "މައިކްރޯސްލޮޕް" (Microslop) ފަދަ ނަންނަމުން މަލާމާތްކުރުން ވަނީ އިތުރުވެފައެވެ.
މާލީ މާހިރުން ފާހަގަކުރާ ގޮތުގައި، ސޮފްޓްވެއަރ-އޭޒް-އަ-ސާވިސް (SaaS) މާކެޓަށް މިހާރު ކުރިމަތިވެފައިވާ "SaaSpocalpyse" ގެ ސަބަބުން އިންވެސްޓަރުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އޭއައި ކޯޑިންގް ޓޫލްތަކުގެ ސަބަބުން ކުންފުނިތަކުން އަމިއްލައަށް އިން-ހައުސް ޓޫލްތައް އުފައްދަން ފެށުމަކީ، މައިކްރޯސޮފްޓް ފަދަ ކުންފުނިތަކުގެ އަގުބޮޑު ސޮފްޓްވެއަރތަކަށް އޮތް ބޮޑު ބިރެކެވެ.
މިދިޔަ ކުއާޓަރުގައި މައިކްރޯސޮފްޓްގެ އާމްދަނީ 17 އިންސައްތަ ކުރިއެރުނު ނަމަވެސް، އޭއައިގެ ވާދަވެރިކަމުގެ ތެރޭގައި ކުންފުނީގެ މުސްތަގުބަލާ މެދު އެނަލިސްޓުން ދަނީ ސުވާލު އުފައްދަމުންނެވެ.
މި ހުރިހާ ހުރަސްތަކަކާ އެކުވެސް، މައިކްރޯސޮފްޓްގެ އޭއައި ޗީފް މުސްތަފާ ސުލައިމާން ވިދާޅުވީ، ކުންފުނީގެ އަމާޒަކީ 2027 ވަނަ އަހަރާ ހަމައަށް އަންނައިރު އަމިއްލަ އާ މޮޑެލްތަކެއް އުފައްދައި، ދުނިޔޭގެ އެންމެ ކުރީ ސަފަށް އަލުން އެނބުރި އައުން ކަމަށެވެ. ނަމަވެސް، ވޯލް ސްޓްރީޓްގެ އިންވެސްޓަރުންގެ މެދުގައި އުފެދިފައިވާ ފޫހިކަމާއި ކަންބޮޑުވުންތައް ފިލުވައިލުމަކީ މައިކްރޯސޮފްޓަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.