ސްމާޓްފޯން މާކެޓުގައި އެޕަލްއިން ހޯދަމުންދާ ނުފޫޒުގަދަ ކާމިޔާބީއާއެކު، ކުރިއަށް އޮތް އައިފޯން 18 ސީރީޒްގެ ބޭރުފުށުގެ ފަރުމާއަށް މާބޮޑު ބަދަލުތަކެއް ނުގެންނާނެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
ލިބެމުންދާ މައުލޫމާތުތަކަށް ބަލާއިރު، އެޕަލްއިން މިފަހަރު އެންމެ ބޮޑު އިސްކަމެއް ދެނީ ފޯނުގެ ޕާފޯމަންސް ރަނގަޅުކުރުމަށާއި ބެޓެރީގެ ކެޕޭސިޓީ އިތުރުކުރުމަށެވެ.
ޓިޕްސްޓަރުން ހާމަކުރާ ގޮތުގައި އައިފޯން 18 ގެ މޮޑެލްތައް މިހާރު ހުރި ފޯނުތަކާ ބޭރުފުށުން ވަރަށް އެއްގޮތްވާނެއެވެ. ނަމަވެސް، ފޯނުގެ ބޯމިނަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
އެގޮތުން، އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް ކުރީގެ މޮޑެލްތަކަށްވުރެ ތަންކޮޅެއް ބޯކޮށް އަދި ބަރުކޮށް ހުންނާނެ ކަމަށް ބެލެވެނީ، ބޮޑު ބެޓެރީއެއް ހިމެނުމަށް ޖާގަ ހެދުމުގެ ގޮތުންނެވެ. މި ބަދަލާއެކު، އައު އޭ20 (A20) ޗިޕާއި ސީ2 5G މޮޑެމް ބޭނުންކޮށްގެން، މި ފޯނުތަކަކީ ބެޓެރީ އެންމެ ގިނަ ވަގުތު ހިފަހައްޓާނެ ފޯނުތަކަށް ވާނެ ކަމަށް ލަފާކުރެވެއެވެ.
ދުނިޔޭގެ ބާޒާރުގައި ޑީ-ރޭމް (DRAM) ގެ އަގު އުފުލުމުގެ ސަބަބުން އެންޑްރޮއިޑް ފޯނު އުފައްދާ ކުންފުނިތަކުން ދަތިތަކާ ކުރިމަތިލަމުންދާއިރު، އެޕަލްއަށް މިކަމުގެ އަސަރު ކުޑަވާނެ ކަމަށް މާހިރުން ބުނެއެވެ. އެއީ އެޕަލްގެ 'ސާވިސަސް' އިން ލިބޭ އާމްދަނީ އިތުރުވުމުގެ ސަބަބުން، އުފެއްދުންތަކުގެ އަގުބޮޑުވިޔަސް އެކަން ތަހައްމަލު ކުރުމުގެ މާލީ ގާބިލުކަން އެ ކުންފުނީގައި ހުރުމުންނެވެ.
އައިފޯން 18 ގެ އިތުރުން، އެޕަލްގެ ފުރަތަމަ ފޯލްޑަބަލް އައިފޯންގެ މަސައްކަތްތައް އަންނަ ޖުލައި މަހު ފެށޭނެ ކަމަށް ބެލެވެއެވެ.
މި އަހަރުގެ ފަހުކޮޅު އައިފޯން 18 ބާޒާރަށް ނެރޭއިރު، މިއީ އެޕަލްއަށް މާކެޓުގައި އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.
މިދިޔަ އަހަރުތަކުގައި އެޕަލް އިން ވަނީ ސްމާޓްފޯން މާކެޓުގައި އެހެން ކުންފުނިތަކަށްވުރެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ޚާއްޞަކޮށް އައިފޯން 17 ސީރީޒަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު، އެޕަލްއާ ވާދަކުރާ އެންޑްރޮއިޑް ފޯނު އުފައްދާ ކުންފުނިތަކަށް ވަނީ މާލީ ގޮތުންނާއި އުފެއްދުންތެރިކަމުގެ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މީގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ޑީ-ރޭމް (DRAM) ގެ އަގު ބޮޑުވުމުގެ ސަބަބުން ފޯނުތަކުގެ ފީޗާތައް މަދުކުރަން ޖެހުމާއި، ފައިދާގެ ނިސްބަތް ދަށްވުން ހިމެނެއެވެ.
މިފަދަ ދަނޑިވަޅެއްގައި އެޕަލް އިން ފޯނުގެ ބޭރުފުށުގެ ފަރުމާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ބަދަލުގައި، އެތެރޭގެ ހާޑްވެއާ ވަރުގަދަކުރުމަށް އިސްކަންދެނީ، މާކެޓުގައި މިހާރުވެސް އެޕަލްއަށް އޮތް ބާރުގަދަ މަގާމުގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު އޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކުގައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.