ފޮޓޯ : ގޫގުލް
ގޫގުލްގެ ޖެމިނައި އޭއައިގައި ހިމެނޭ "ޕާސަނަލް އިންޓެލިޖެންސް" ފީޗާއަށް، ނެނޯ ބަނާނާ މޮޑެލްގެ އެހީގައި ފޮޓޯ އުފައްދައިދޭ ގާބިލުކަން އިތުރުކުރަން ނިންމައިފިކަން އެ ކުންފުނިން ބުރާސްފަތި ދުވަހު އިއުލާނުކޮށްފިއެވެ.
މި ބަދަލާއެކު، ބޭނުންކުރާ ފަރާތްތަކުގެ އަމިއްލަ މައުލޫމާތާއި ޝައުގުވެރިކަން ހުންނަ ކަންކަމާ ގުޅޭގޮތަށް ޚާއްސަ ފޮޓޯތައް ފަސޭހަކަމާއެކު އުފައްދާލެވޭނެއެވެ.
މި އައު ފީޗާގެ ސަބަބުން ފޮޓޯއެއް އުފައްދަން ބޭނުންވާ ކޮންމެ ފަހަރަކު ޝައުގުވެރިވާ ކަންކަން ކޮމާންޑްގައި ތަފްސީލުކޮށް ލިޔާކަށް ނުޖެހޭނެއެވެ. ސަބަބަކީ، ޖީމެއިލް އަދި ގޫގުލް ފޮޓޯސް ފަދަ ގޫގުލް އެކައުންޓްގެ އެޕްލިކޭޝަންތައް މެދުވެރިކޮށް، ޖެމިނައިއަށް ޔޫޒަރުގެ މައުލޫމާތުތައް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވުމެވެ. އެހެންކަމުން "އަހަރެންގެ ހުވަފެނީ ގެ ކުރަހައިދީ، އަހަރެން ޝައުގުވެރިވަނީ ޓެނިސް އަދި މިއުޒިކަށް" ލިޔުމުގެ ބަދަލުގައި، ހަމައެކަނި "އަހަރެންގެ ހުވަފެނީ ގެ ފަރުމާކޮށްދީ" ބުނުމުން ޖެމިނައި އަށް އެ މައުލޫމާތު ނަގައިގަނެވޭނެއެވެ.
މީގެ އިތުރުން، ނެނޯ ބަނާނާގެ އެހީގައި ގޫގުލް ފޮޓޯސްގައި ހުންނަ ލޭބަލްތައް ބޭނުންކޮށްގެން އާއިލާ ފަދަ ގުރޫޕްތައް ދެނެގަތުމުގެ ގާބިލުކަންވެސް ޖެމިނައިއަށް ލިބެއެވެ. އެހެންކަމުން، "އަހަރެންނާއި އާއިލާ އެންމެ ކުރާހިތްވާ ކަންތައް ކުރާ މަންޒަރު ފެންނަ ފޮޓޯއެއް އުފައްދައިދީ" ބުނުމުން، ގޫގުލް ފޮޓޯސްގައި "އާއިލާ" ލޭބަލް ކޮށްފައިވާ ފޮޓޯތަކުގެ މައްޗަށް ބިނާކޮށް އައު ފޮޓޯއެއް އުފައްދައިދޭނެއެވެ.
އިމޭޖް އުފެއްދުމަށް ޖެމިނައި މައުލޫމާތު ނެގި ގޮތާއި އެ މައުލޫމާތުގެ އަސްލު، އައު "ސޯސަސް" ބަޓަން މެދުވެރިކޮށް ފެންނަން ހުންނާނެކަމަށް ގޫގުލް އިން ހާމަކުރެއެވެ. އަދި ބައެއް ފަހަރު އޭއައި އަށް މައުލޫމާތު ދެނެގަތުމުގައި ކުށް ކުރެވިއްޖެނަމަ އެކަން ރަނގަޅު ކުރުމަށް ފީޑްބެކް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ފޮޓޯ އުފެއްދުމަށް ބޭނުންވާ ޚާއްސަ ރެފަރެންސް ފޮޓޯއެއް ދިނުމަށްޓަކައި ޕްލަސް އައިކަން އަށް ފިތާލުމަށްފަހު ފޮޓޯ އަޕްލޯޑް ކުރެވޭނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި ފީޗާ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެމެރިކާގެ ޕްލަސް، ޕްރޯ އަދި އަލްޓްރާ ސަބްސްކްރައިބަރުންނަށް ލިބެން ފަށާނެއެވެ. އަދި ވަރަށް އަވަހަށް ކްރޯމް ޑެސްކްޓޮޕްގެ ޖެމިނައި އަދި އެހެނިހެން ޔޫޒަރުންނަށްވެސް މިއަށް ވަދެވޭނެ ގޮތް ހަދާނެކަމަށް ގޫގުލްއިން ވަނީ ބުނެފައެވެ.
ގޫގުލް އިން ޕާސަނަލް އިންޓެލިޖެންސް ފީޗާ އެންމެ ފުރަތަމަ ތައާރަފުކުރީ މިއަހަރުގެ ކުރީކޮޅުގައެވެ. އަދި މިއަހަރުގެ މާރިޗު މަހު އެމެރިކާގެ ހުރިހާ ޔޫޒަރުންނަށް މިއަށް ވަދެވޭ ގޮތް ހަދާފައިވާއިރު، މި ހަފްތާގައި އިންޑިއާ އަދި ޖަޕާނު ފަދަ ގައުމުތަކަށްވެސް މި ފީޗާ ވަނީ ފުޅާކޮށްފައެވެ.
މި ފީޗާގެ މައިގަނޑު މަގުސަދަކީ ޔޫޒަރުގެ ހުއްދައާއެކު ގޫގުލްގެ އެކި އެޕްލިކޭޝަންތަކުން ލިބޭ މައުލޫމާތުތައް ގުޅުވާލައިގެން، ވަގުތުން ވަގުތަށް އެންމެ އެކަށޭނަ ޖަވާބުތައް ދިނުމެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.