Download Logo
Copy Logo

އެމެރިކާ ސިފައިންގެ މީހަކު ކުޑަ ޑްރޯނެއް އޮޕަރޭޓްކުރަނީ -- ފޮޓޯ: އެމެރިކާ މެރިން ފޯސް

އެމެރިކާގެ އަސްކަރިއްޔާއިން ޑްރޯން ޓެކްނޮލޮޖީއަށް ބޮޑު ހޭދައެއް ކުރަނީ

އަޙްމަދު ދާއޫދު 26 އޭޕްރީލު 2026

އަންނަ މާލީ އަހަރަށް އެމެރިކާގެ އަސްކަރިއްޔާއިން ހުށަހަޅާފައިވާ 1.5 ޓްރިލިއަން ޑޮލަރުގެ ބަޖެޓަކީ ޑްރޯން ހަނގުރާމައާއި ޑްރޯންތަކުން ދިފާއުވުމުގެ ޓެކްނޮލޮޖީއަށް އެ ގައުމުގެ ތާރީޚުގައިވެސް ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓް ހިމެނޭ ބަޖެޓެވެ.

2027 ވަނަ އަހަރުގެ މާލީ ބަޖެޓުގައި ޑްރޯން އަދި އަމިއްލައަށް މަސައްކަތްކުރާ ހަނގުރާމަވެރި ޓެކްނޮލޮޖީއަށް ކަނޑައަޅާފައިވާ ފައިސާގެ މިންވަރު ދުނިޔޭގެ ގިނަ ގައުމުތަކުގެ މުޅި އަސްކަރީ ބަޖެޓަށްވުރެ ބޮޑުއިރު، މިއީ ދުނިޔޭގެ އަސްކަރީ ހޭދައިގެ ގޮތުން ގަދަ 10 ގައުމުގެ ތެރޭގައި ހިމެނޭނެ އަދަދެކެވެ.

މި ބަޖެޓުގެ ތެރެއިން 53.6 ބިލިއަން ޑޮލަރު ޚާއްސަކޮށްފައިވަނީ 'ޑިފެންސް އޮޓޮނޮމަސް ވޯފެއަރ ގްރޫޕް' (DAWG) އަށެވެ. މި ފައިސާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ޑްރޯން އުފެއްދުމާއި، ޑްރޯން އޮޕަރޭޓަރުން ތަމްރީނުކުރުމާއި، އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ޑްރޯން ހަމަލާތަކުން ސަލާމަތްކުރުމުގެ ނިޒާމުތައް ފުޅާކުރުމަށެވެ.

ޕެންޓަގަންގެ އިސް އޮފިޝަލެއް ކަމަށްވާ ޖޫލްސް ހާރސްޓް ވިދާޅުވި ގޮތުގައި، 'ޑޯގް' އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ހޯދައި އަސްކަރިއްޔާގެ ތެރެއަށް އެ ނިޒާމުތައް ވެއްދުމުގެ މަސައްކަތްކުރާ މުހިންމު އިދާރާއެކެވެ.

އިތުރު 20.6 ބިލިއަން ޑޮލަރު ކަނޑައަޅާފައިވަނީ އެއްފަހަރު ބޭނުންކޮށްލާ 'ވަން-ވޭ' އެޓޭކް ޑްރޯންތަކަށާއި، އިންސާނުން ދުއްވާ ފައިޓަރ ޖެޓްތަކާއެކު ހަރަކާތްތެރިވާނެ ޑްރޯންތައް އުފެއްދުމުގެ އިތުރުން، ކަނޑުގެ ސިފައިން ބޭނުންކުރާ ތެޔޮ އަޅައިދޭ ޑްރޯންތަކަށެވެ.

ޑްރޯންތަކަށް ކުރާ މި ބޮޑު ހޭދައަކީ އެމެރިކާގެ މެރިން ކޯގެ މުޅި ބަޖެޓާ އެއްވަރުގެ އަދަދެއް ނަމަވެސް، ސްޕޭސް ފޯސް ފަދަ ވަކި ޚާއްސަ 'ޑްރޯން ބްރާންޗެއް' އުފެއްދުމުގެ ވިސްނުމެއް ގެންގުޅޭކަން ޕެންޓަގަންއިން ހާމަކޮށްފައެއް ނުވެއެވެ.

ޕެންޓަގަންގެ އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި ބަޖެޓުގައި ހިމެނޭ 70 ބިލިއަން ޑޮލަރަކީ މިހާރުވެސް ހުރި ޓެކްނޮލޮޖީތައް ގަތުމަށް ބޭނުންކުރާނެ ފައިސާއެވެ.

އެމެރިކާއިން މިފަދަ ބޮޑު ބަދަލެއް ގެންނަން ނިންމީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިން ފެނުނު ކަންކަމަށް ރިއާޔަތްކޮށްފައެވެ. ޚާއްސަކޮށް އަގުހެޔޮކޮށް އުފައްދާފައިވާ 'ޝާހިދު' ޑްރޯންތަކުން ދޭ ހަމަލާތަކުގެ ސަބަބުން، ޒަމާނީ ހަނގުރާމައިގެ މައިދާން ވަނީ ބަދަލުވެފައެވެ.

މީގެ އިތުރުން ޗައިނާއާއެކު އޮތް ވާދަވެރިކަމުގައި އޭއައި (AI) ބޭނުންކޮށްގެން އަމިއްލައަށް އުދުހޭ ޑްރޯންތައް އުފެއްދުމަށްވެސް އެމެރިކާއިން ދަނީ ބާރަށް މަސައްކަތް ކުރަމުންނެވެ.

ލެފްޓިނަންޓް ޖެނެރަލް ސްޓީވަން ވިޓްނީ ވިދާޅުވީ ހަނގުރާމައިގެ މައިދާނަށް އަންނަ ބަދަލުތައް މިހާރު ފެންނަމުންދަނީ ހަފްތާތަކެއްގެ ތެރޭގައި ކަމަށާއި، އެހެންކަމުން ސިނާއީ ދާއިރާއާ ގުޅިގެން މިފަދަ ވަސީލަތްތައް އަވަހަށް ތައާރަފްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ހުށަހެޅި މި ބަޖެޓަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެ ގައުމުގެ ދިފާއީ ހޭދައަށް އަހަރުން އަހަރަށް ގެންނަ އެންމެ ބޮޑު އިތުރުވުމެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.