ޕެރަމައުންޓް ޕްލަސް (Paramount+) އިން ނެރެން ތައްޔާރުވަމުންދާ އެނިމޭޓެޑް ފިލްމު "ދި ލެޖެންޑް އޮފް އާންގް: ދަ ލާސްޓް އެއާބެންޑަރ" އޮންލައިންކޮށް ލީކުކޮށްލި މައްސަލައިގައި ސިންގަޕޫރުން 26 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ސިންގަޕޫރުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މީހާ ހައްޔަރުކުރީ މީޑިއާ ސާވަރއެއް އެކްސެސް ހުއްދަނެތި ހޯދައި، އެއިން ފިލްމު ޑައުންލޯޑްކޮށް އޮންލައިންކޮށް ފެތުރި މައްސަލައިގައެވެ. ފުލުހުން ވަނީ އޭނާގެ އަތުން ފިލްމުގެ ޑިޖިޓަލް ކޮޕީއެއް ހުރި އިލެކްޓްރޯނިކް ސާމާނުތައް ވެސް އަތުލައިގެންފައެވެ. ސިންގަޕޫރުގެ ގާނޫނު ބުނާގޮތުން، ހުއްދަނެތި ކޮމްޕިއުޓަރެއްގައި ހުރި މައުލޫމާތެއް ނެގުމުގެ އަދަބަކީ ހަތް އަހަރަށް ޖަލަށްލުން ނުވަތަ 50,000 ޑޮލަރުން ޖޫރިމަނާކުރުމެވެ.
މި ފިލްމަކީ މަޝްހޫރު "އެވެޓާ: ދަ ލާސްޓް އެއާބެންޑަރ" ސީރީޒްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ކުރިން ސިނަމާތަކުގައި އަޅުވަން އޮތް ނަމަވެސް، ޕެރަމައުންޓުން ފަހުން ނިންމީ ހަމައެކަނި އެމީހުންގެ ސްޓްރީމިންގ ޕްލެޓްފޯމުގައި ފިލްމު ރިލީޒްކުރާށެވެ. މި ނިންމުމާ ގުޅިގެން ފިލްމުގެ ޑައިރެކްޓަރު ލޯރެން މޮންޓްގޮމެރީ އާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މީގެ ކުރިން ނުރުހުން ފާޅުކޮށްފައެވެ.
ފިލްމު އެނިމޭޓްކުރި އޮސްޓްރޭލިއާގެ ފްލައިން ބާކް ޕްރޮޑަކްޝަނުން ބުނީ، އެތައް އަހަރެއްގެ ބުރަ މަސައްކަތް މިގޮތަށް ލީކުވެގެން ދިއުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި، މި ލީކަކީ އެ ސްޓޫޑިއޯގެ ތެރެއިން ހިނގި ކަމެއް ނޫން ކަމަށެވެ.
މުޅި ފިލްމު އެކްސް (ކުރީގެ ޓުވިޓަރ) ގައި ލީކުކޮށްލާފައިވާއިރު، ފިލްމުގެ މަސައްކަތްކުރި އާޓިސްޓުން ވެސް ވަނީ އެމީހުންގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަންނަ އޮކްޓޯބަރު މަހު ރިލީޒްކުރަން ތައްޔާރުވަމުންދާ މި ފިލްމުގެ އަޑު އަޅައިދީފައިވާ ތަރިންގެ ތެރޭގައި ޑޭވް ބައުޓިސްޓާ، ސްޓީވަން ޔުން އަދި އެރިކް ނަމް ހިމެނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.