Download Logo
Copy Logo

2021 ވަނަ އަހަރުގެ ޖޫން މަހު ހަނައުމާ ބޭ ނޭޗާ ޕްރިޒަވޭޝަންގެ އައްސޭރިފަށުން ފެނުނު އޭޑަބްލިއު-1 ކޭބަލްތައް --- ފޮޓޯ ކްރެޑިޓް: ކޮލިންޕެޓީ، ވިކިމީޑިއާ

ކަނޑުއަޑީގެ ކޭބަލްތަކަށް ނުރައްކާވެދާނެ އުޅަނދެއް ޗައިނާއިން ޓެސްޓުކޮށްފި

ޗައިނާއިން ކަނޑުއަޑީގެ ވަރަށް ފުން ހިސާބުތަކުގައިވާ ފައިބަރ އޮޕްޓިކް ކޭބަލްތައް ކަނޑާލުމާއި މަރާމާތުކުރުމުގެ ގާބިލުކަން ލިބިގެންވާ އައު އުޅަނދެއް ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ.

މީހުންނާ ނުލައި ދުރުން ކޮންޓްރޯލްކޮށްގެން ދުއްވާ މި އުޅަނދަށް ނުވަތަ އާރްއޯވީއަށް ކަނޑުގެ ސަތަހައިން ފެށިގެން 11،483 ފޫޓު (3،500 މީޓަރު) އަޑިއަށް ދަތުރުކުރެވޭއިރު، މިއާއެކު ޗައިނާއިން މިވަނީ މިފަދަ އުޅަނދުތައް ގެންގުޅޭ އެހެން ގައުމުތަކުގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

ދުނިޔޭގެ ކަނޑުތަކުގެ އަޑީގައި އަޅާފައިވާ 1.2 މިލިއަން ކިލޯމީޓަރުގެ ދިގު ކޭބަލް ވިއުގައަކީ ދުނިޔޭގެ އިގުތިސާދާއި މުވާސަލާތުގެ މައިނާރަށްވާއިރު، ކޮންމެ ދުވަހަކު 22 ޓްރިލިއަން ޑޮލަރުގެ މާލީ މުއާމަލާތްތައް ދައުރުވަނީ މި ކޭބަލްތަކުންނެވެ. އަދި ދުނިޔޭގެ ބައްރުތައް ގުޅުވައިދޭ އިންޓަނެޓް ޓްރެފިކްގެ 99 އިންސައްތަ ބަރޯސާވަނީވެސް މި ވިއުގަޔަށެވެ.

އދ. ގެ އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަންގެ 2024 ވަނަ އަހަރުގެ ރިޕޯޓަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މީގެ ކުރިން މިފަދަ ފުންމިނަކަށް ދަތުރުކުރެވޭ އުޅަނދެއް އޮތީ ހަމައެކަނި ޖަޕާނާއި ޔޫއޭއީގައެވެ. ނަމަވެސް އެ ގައުމުތަކުގެ އުޅަނދުތަކަށް ފީނެނީ 9،843 ފޫޓު (3،000 މީޓަރު) އަޑިއަށް ކަމަށްވުމުން، ޗައިނާގެ އައު އީޖާދާއެކު ބައިނަލްއަގުވާމީ ވާދަވެރިން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.

ޗައިނާގެ މި އައު އުޅަނދުގައި ބޭނުންކޮށްފައިވަނީ އާންމުކޮށް ޖައްވީ އުޅަނދުތަކުގައި ބޭނުންކުރާ "އިލެކްޓްރޯ-ހައިޑްރޯސްޓެޓިކް އެކްޗުއޭޓަރސް" ނުވަތަ އީއެޗްއޭ ޓެކްނޮލޮޖީއެވެ.

މީގެ އިތުރުން މި އުޅަނދުގައި ހަރުކޮށްފައިވާ އަލިމަސް ކޯޓުކޮށްފައިވާ ޚާއްސަ ކަޓަރަކީ މިނެޓަކު 1،600 ބުރުގެ ބާރުމިނުގައި އެނބުރޭ، ދަގަނޑުވެސް ކަފާލުމުގެ ބާރު ލިބިފައިވާ، އަދި ކަނޑުގެ އަޑީގެ ވެލިގަނޑު ހަލަބޮލިނުކޮށް ސީދާ އަމާޒަށް މަސައްކަތް ކުރުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ.

މި އުޅަނދަކީ ކަނޑުއަޑީގެ ތެޔޮ އަދި ގޭސް ހޮޅިތައް މަރާމާތުކުރުމާއި ޗައިނާގެ "ބްލޫ އިކޮނޮމީ" ކުރިއެރުވުމަށް ބޭނުންކުރާނެ އާލާތެއްކަމަށް ސައިންސްވެރިން ބުނި ނަމަވެސް، ހުޅަނގުގެ ފޮރިން ޕޮލިސީ އެނަލިސްޓުން ދެކޭގޮތުގައި މިއީ ބައިނަލްއަގުވާމީ ކޭބަލް ވިއުގައަށް އޮތް ނުރައްކަލެކެވެ.

ކަނޑުއަޑީގެ ކޭބަލްތަކުގެ ސަލާމަތްތެރިކަމާމެދު އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން، ދުނިޔޭގެ މުވާސަލާތީ ނިޒާމުތައް އިރުމައްޗާއި ހުޅަނގަށް ދެބައިވެ، އައު ފިނި ހަނގުރާމައަކަށް މަގުފަހިވެދާނެކަމުގެ އިންޒާރު މުހައްލިލުން ދެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.