ސެމްސަންގް ކުންފުނީގެ ރަސްމީ "ގޫގުލް ޕްލޭ ސްޓޯރު" މެދުވެރިކޮށް 50 އަށްވުރެ ގިނަ އެޕްލިކޭޝަނުން އެންޑްރޮއިޑް ފޯނުތަކަށް ނުރައްކާތެރި ޓްރޯޖަން ވައިރަހެއް ފަތުރަމުންދާކަން ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ "ޑރ. ވެބް" އިން ހާމަކޮށްފިއެވެ.
"މެޖިކްއޭޑް" (MagicAd) ގެ ނަމުން ނަންދެވިފައިވާ މި ވައިރަސް ހިމެނެނީ ގޭމްތަކާއި އެކި ބޭނުންތަކަށް ބޭނުންކުރާ ޔުޓިލިޓީ އެޕްލިކޭޝަންތަކުގައެވެ.
މި މައްސަލަ ފާހަގަވުމާއެކު ސެމްސަންގް އިން މިހާރު ވަނީ އެ އެޕްލިކޭޝަންތައް ސްޓޯރުން ނަގާފައެވެ. ނަމަވެސް، މީގެ ކުރިން މި އެޕްތައް ޑައުންލޯޑްކޮށްފައިވާ ފޯނުތަކުގައި މިހާރުވެސް މި ވައިރަސް ހިނގަމުންދިއުމުގެ ފުރުސަތު އެބައޮތެވެ.
މި ވައިރަހުގެ އެންމެ ނުރައްކާތެރި ސިފައަކީ ފޯނުން އެޕްލިކޭޝަން ޑިލީޓްކޮށްލުމުންވެސް ވައިރަސް ފިލައިގެން ނުދިއުމެވެ. މި ވައިރަސް ވަކިހިއްޕާލަނީ ފޯނުގެ ބެކްގްރައުންޑްގައި ދެމިގެންދާ ގޮތަށް މަސައްކަތްކުރާ ސަރވިސްތަކުގައެވެ. އަދި ފޯނުގެ އެޕް ލިސްޓުން އޭގެ އައިކަން ފޮރުވާލާތީ، މިއީ ފޯނުގައި އިން އެއްޗެއްކަން ދެނެގަންނަން އާންމު މީހަކަށް ދަތިވެއެވެ.
މި ވައިރަސް ފޯނަށް އެތެރެވުމުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި، އެއްވެސް އެޕެއް ނުހުޅުވިޔަސް ފޯނުގެ ސްކްރީނަށް އިޝްތިހާރުތައް އެރުމާއި، ފޯނުގެ ބެޓެރީ އަވަހަށް ހުސްވުމުގެ އިތުރުން ސަބަބެއް ނޭނގި އިންޓަނެޓް ޑޭޓާ ކެނޑުން ހިމެނެއެވެ.
ސެކިއުރިޓީ މާހިރުން ހާމަކުރާ ގޮތުގައި މި ވައިރަސް ތައްޔާރުކޮށްފައިވަނީ ފޯނުތަކުގެ ސެކިއުރިޓީ ސިސްޓަމްތަކަށް ފަސޭހައިން އަތުނުވާނެ ފަދަ މޮޅު ގޮތްތަކަކަށެވެ. އެގޮތުން ސެކިއުރިޓީ ސޮފްޓްވެއަރތަކުން އެޕް ޗެކްކުރާ ވަގުތު މިއީ ވައިރަހެއް ނޫންކަން ދެއްކުމަށްޓަކައި އޭގެ އަސްލު ކޯޑުތައް އެޕްގެ ތެރޭގައި ފޮރުވާފައި ހުރެއެވެ. އަދި މި އެޕްތައް ހަދާ ފަރާތްތަކުން ވަނީ ސްޓޯރުން އެޕެއް އަތުލައިގަނެފާނެތީ، ކޮންމެ މަހަކު ކަހަލަ ގޮތަކަށް އާ އެޕްތަކެއް ނެރެ، ބަދަލުވަމުންދާ ސައިކަލެއްގެ ތެރެއިން ވައިރަސް ފެތުރުން ކުރިއަށް ގެންގޮސްފައެވެ. މިކަމުގެ މައިގަނޑު ބޭނުމަކީ ފޯނުގެ ވެރިފަރާތަށް ނޭނގި ބެކްގްރައުންޑްގައި އިޝްތިހާރުތައް ހިންގައިގެން ފައިސާ ހޯދުމެވެ.
މި ވައިރަހުގެ އަސަރު ފޯނަށް ކޮށްފައިވޭތޯ ބެލުމަށްޓަކައި، އެންޑްރޮއިޑް ފޯނުތަކަށް ޚާއްޞަ އެންޓިވައިރަސް ސޮފްޓްވެއަރއެއް ބޭނުންކޮށްގެން ފުލް ސްކޭނެއް ކުރުމަށް މާހިރުން ލަފާދެއެވެ. މީގެ ތެރޭގައި ބިޓްޑިފެންޑަރ، މެކަފީ، އަދި ނޯޓަން ފަދަ މަޝްހޫރު ސޮފްޓްވެއަރތައް ހިމެނޭއިރު، ހިލޭ ބޭނުންކުރެވޭ އެވީރާ އެންޓިވައިރަސްވެސް ބޭނުންކުރެވިދާނެއެވެ. އަދި މިފަދަ ސޮފްޓްވެއަރއަކުންވެސް ވައިރަސް ނައްތާނުލެވިއްޖެ ނަމަ، ފޯނު އެއްކޮށް "ފެކްޓްރީ ރިސެޓް" ކޮށްލުމަކީ އެންމެ ރައްކާތެރި ގޮތެވެ.
ފެކްޓްރީ ރިސެޓް ކުރުމުގެ ކުރިން ފޯނުގައި ހުރި މުހިންމު ފޮޓޯއާއި ފައިލްތައް ބެކަޕް ކުރި ނަމަވެސް، އެޕްލިކޭޝަންތަކުގެ ސެޓިންގްސްތައް ބެކަޕް ނުކުރުމަށް ސަމާލުވާންޖެހެއެވެ. އެހެންނޫންނަމަ ވައިރަސް އަލުން ފޯނަށް އައުމުގެ ފުރުސަތު އޮވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.