ދުނިޔޭގެ އެންމެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް ކަމަށްވާ މައިކްރޯސޮފްޓް، މެޓާ، ގޫގުލް (އަލްފަބެޓް)، އެޕަލް އަދި އެމެޒޯން ފަދަ ކުންފުނިތަކުގެ ފަހުގެ މާލީ ނަތީޖާތަކުން ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްގީކުރުމަށްޓަކައި އެ ކުންފުނިތަކުން ކުރަމުންދާ ބޮޑެތި ހޭދަތައް އަދިވެސް ހުއްޓުމެއްނެތި ކުރިއަށްގެންދަން ރާވަމުންދާކަން ހާމަވެފައެވެ. ނަމަވެސް، އިންވެސްޓަރުން ދަނީ މިހާތަނަށް ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތަކުން ލިބޭ އަމަލީ ނަތީޖާއަށް ވަރަށް ބޮޑަށް އެދެމުންނެވެ. މާލީ ރިޕޯޓުތަކުން އޭއައިއާ މެދު ފާހަގަކުރެވުނު މުހިންމު 3 ކަމެއް ވެއެވެ.
އޯޕަންއޭއައިގެ ޗެޓްޖީޕީޓީއާއެކު ފެށުނު އޭއައި ވާދަވެރިކަމުގައި މެޓާގެ "މެޓާ އޭއައި"، ގޫގުލްގެ "ޖެމިނައި"، އެމެޒޯންގެ "ރޫފަސް" އަދި އެޕަލްގެ "ސިރީ" ފަދަ އަމިއްލަ ޗެޓްބޮޓްތައް ނެރުނު ނަމަވެސް، ސީދާ މި ޓޫލްތަކުން އެކަށީގެންވާ ބޮޑު އާމްދަނީއެއް އަދި ލިބެމުންނެއް ނުދެއެވެ.
މި ފަހަރުގެ މާލީ ރިޕޯޓުތަކުން ސާފުވި ގޮތުގައި ގޫގުލް އަދި މެޓާ ފަދަ ކުންފުނިތަކުން އޭއައިއަށް ކުރާ ހަރަދު އެ ކުންފުނިތަކަށް ލިބޭ އާމްދަނީއަށްވުރެ މާ ބޮޑެވެ. އޭއައިއަށް ކުރި ބޮޑު ހޭދައިގެ ސަބަބުން ކުންފުނީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގޫގުލްގެ ފްރީ ކޭޝް ފްލޯ ވަނީ ނެގެޓިވް ވެފައެވެ. އެއީ 118 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ނަމަވެސް، ލިބުނު އާމްދަނީއަށްވުރެ ކުރި ހަރަދު ބޮޑުވުމުންނެވެ.
މީގެ އިތުރުން މެޓާގެ އޭއައި މަސައްކަތްތައް ކުރާ "ރިއަލިޓީ ލެބްސް" އިން ވަނީ މި އަހަރުގެ ފުރަތަމަ ބައިގައި އެކަނިވެސް 9 ބިލިއަން ޑޮލަރާ ގާތްކުރާ ބޮޑު ގެއްލުމެއް ތަހައްމަލުކޮށްފައެވެ.
ވޯލް ސްޓްރީޓްގެ އިންވެސްޓަރުން މިހާރު ހަމައެކަނި މުސްތަގުބަލުގައި ލިބޭނެ ފައިދާގެ ވާހަކަތަކުން ހިތްހަމައެއް ނުޖެހެއެވެ. މެޓާގެ ސީއީއޯ މާކް ޒަކަބާގް އޭއައި އެޖެންޓުންނާއި އެހެން ކުންފުނިތަކަށް އޭއައި ޓޫލްތައް ވިއްކައިގެން އާމްދަނީ ހޯދުމުގެ އާ ޚިޔާލުތަކާއެކު އިތުރު 140 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކުރާނެ ކަމަށް އިއުލާނު ކުރި ނަމަވެސް، ސީދާ އާމްދަނީ ލިބޭނެ ތާވަލެއް ނެތުމުން މެޓާގެ ހިއްސާގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.
އަނެއްކޮޅުން، މައިކްރޯސޮފްޓާއި އެމެޒޯންގެ ހިއްސާގެ އަގުތައް ވަނީ މައްޗަށް ގޮސްފައެވެ. މައިކްރޯސޮފްޓުން ވަނީ އެ ކުންފުނީގެ އޭއައި އިންވެސްޓްމަންޓްތަކުގެ ނަތީޖާ އާމްދަނީން ފެންނަން ފެށިކަން ސާބިތުކޮށްދީފައެވެ. އެމެޒޯންއިން ވެސް އޭއައިއަށް 220 ބިލިއަން ޑޮލަރު ހޭދަކުރަން ރާވާފައިވީ ނަމަވެސް، އެ ކުންފުނީގެ އެހެން ވިޔަފާރިތަކުން ލިބުނު ކުރިއެރުމާއެކު ހިއްސާގެ އަގު ވަނީ މައްޗަށް ގޮސްފައެވެ.
އޭއައި އިންގިލާބެއްގެ ގޮތުގައި އަދި މުޅިން ސާބިތުނުވި ނަމަވެސް، އާ ޓެކްނޮލޮޖީ ބޭނުންކުރުމަށް އާންމުންގެ ބޮޑު ތަރުހީބެއް އެބައޮތެވެ. ގޫގުލްގެ ޖެމިނައި ޗެޓްބޮޓް މަހަކު ބޭނުންކުރާ މީހުންގެ އަދަދު 950 މިލިއަނަށް އަރާފައިވާއިރު، މީގެ އަހަރެއް ކުރިއާ އަޅާބަލާއިރު މިއީ ތިންގުނަ އިތުރުވުމެކެވެ. އަދި އެޕަލްއިން ވަނީ އެ ކުންފުނީގެ މެކް، އައިފޯން އަދި އައިޕެޑްގެ އެންމެ ފަހުގެ މޮޑެލްތަކަށް އުންމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ހާމަކޮށްފައެވެ. މީގެއިތުރުން، ގޫގުލްގެ ޖެމިނައިގެ އެހީގައި އެޕަލްގެ "ސިރީ" އޯވަރހޯލްކޮށް އިތުރަށް ފުރިހަމަކުރަމުންދާއިރު، އާ ފީޗާތަކާއެކު ސިރީގެ ބޭނުން ބޮޑަށް ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަށް ވެސް އެޕަލްއިން ދަނީ ރާވަމުންނެވެ.
ޖުމްލަކޮށް ބަލާއިރު، ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން އޭއައިގެ މުސްތަގުބަލަށް އިންތިހާއަށް ޚަރަދުކުރަމުންދާއިރު، ދެން އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ މި ކުރާ ބޮޑެތި ހޭދަތަކުން ސީދާ މާލީ ފައިދާ ނެރެދެވޭނެ ގޮތްތަކެއް ސާބިތުކޮށްދިނުމެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.