އޮނަރ ގެ ލައިޓްނިންގ ހިއުމަނޮއިޑް ރޮބޮޓެއް ނިމޭ ސަރަހައްދު ހުރަސްކުރަނީ --- ފޮޓޯ: ރޮއިޓާސް
ޗައިނާގެ ވެރިރަށް ބެއިޖިންގްގައި މިހާރު ކުރިއަށްދާ ވޯލްޑް ހިއުމަނޮއިޑް ރޮބޮޓް ގޭމްސްގައި، އިންސާނުންގެ ސިފައަށް ހަދާފައިވާ ރޮބޮޓެއް 100 މީޓަރުގެ ދުވުން 9.39 ސިކުންތުން ނިންމައި، ދުނިޔޭގެ މަޝްހޫރު ދުވުންތެރިޔާ ޔުސެއިން ބޯލްޓްގެ ރެކޯޑް މުގުރާލައިފިއެވެ.
މި ރޭހުގައި ވާދަކޮށް ބޯލްޓްގެ ރެކޯޑަށްވުރެ އަވަހަށް ރޭސް ނިންމާފައިވަނީ "ޓިއާންގޮންގް އަލްޓްރާ" (Tiangong Ultra) އަދި "ލައިޓްނިންގް" (Lightning) ކިޔާ ދެ ރޮބޮޓެކެވެ. ޖެމެއިކާގެ ދުވުންތެރިޔާ ޔުސެއިން ބޯލްޓް 2009 ވަނަ އަހަރު ޖަރުމަނުގެ ބާލިންގައި ބޭއްވި ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 100 މީޓަރުގެ ރޭސް ނިންމާފައިވަނީ 9.58 ސިކުންތުންނެވެ.
ބެއިޖިން ހިއުމަނޮއިޑް ރޮބޮޓް އިނޮވޭޝަން ސެންޓަރުން އުފައްދާފައިވާ ޓިއާންގޮންގް އަލްޓްރާ ވަނީ ރޭހުގެ ކުރީކޮޅު ފަހަތުގައި އޮތުމަށްފަހު، ނިމެން ކައިރިވެފައި ވަނިކޮށް ސްމާޓްފޯން އުފައްދާ އޮނާ (Honor) ކުންފުނީގެ ލައިޓްނިންގް ރޮބޮޓް ފަހަތަށް ޖައްސާލައި، 9.39 ސިކުންތުން ރޭސް ކާމިޔާބުކޮށްފައެވެ. ދެވަނައަށް ދިޔަ ލައިޓްނިންގް ރޮބޮޓް ރޭސް ނިންމީ 9.47 ސިކުންތުން ކަމަށްވުމާއެކު، މި ދެ ރޮބޮޓް ވެސް ވަނީ ބޯލްޓްގެ ދުނިޔޭގެ ރެކޯޑަށްވުރެ އަވަހަށް ދުވެފައެވެ.
މި ރޭހުގައި އިންސާނުންގެ ހުނަރުވެރި ހަރަކާތްތައް ފެނިގެން ނުދިޔަ ނަމަވެސް، ފިނިޝިން ލައިން ހުރަސްކޮށް ދެ ރޮބޮޓް ވެސް ވަނީ ހުއްޓުވުމަށްޓަކައި އަޅާފައިވާ ބޯ ގޮދަޑިތަކުގައި ވަރަށް ބާރަށް ޖެހިފައެވެ. މި ހާދިސާގައި ޓިއާންގޮންގް އަލްޓްރާ ޓްރެކުން ބޭރަށް ކަހާލައިގެން ދިއުމުން ބަލަން ތިބި މީހުން ދުރަށް ޖެހެން ޖެހުނުއިރު، ލައިޓްނިންގް ރޮބޮޓް ބިންމައްޗަށް ވެއްޓުމުން އެ އެތި ގެންދަން ޖެހުނީ ސްޓްރެޗަރެއްގައެވެ.
މި ނަތީޖާއަކީ މިދިޔަ އަހަރު ބޭއްވި ފުރަތަމަ މުބާރާތާ އަޅާބަލާއިރު ލިބުނު ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މުބާރާތުގައި 100 މީޓަރުގެ ރޭސް ޓިއާންގޮންގް އަލްޓްރާ ކާމިޔާބުކުރީ 21.50 ސިކުންތުންނެވެ. މީގެއިތުރުން، މިދިޔަ އަހަރު ބެއިޖިންގްގައި ބޭއްވި ދުނިޔޭގެ ފުރަތަމަ ހިއުމަނޮއިޑް ރޮބޮޓް ހާފް މެރަތަން ޓިއާންގޮންގް ކާމިޔާބުކުރިއިރު، މިއަހަރުގެ ހާފް މެރަތަން 50 މިނެޓާއި 26 ސިކުންތުން ކާމިޔާބުކުރީ ލައިޓްނިންގް ރޮބޮޓެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޭހުގެ ކުރިން ހެދި ޓެސްޓެއްގައި ލައިޓްނިންގް ވަނީ ސިކުންތަކު 14.5 މީޓަރުގެ ބާރުމިނުގައި ދުވެ، 100 މީޓަރު 9.32 ސިކުންތުން ނިންމައިފައެވެ. މި ރޮބޮޓްގެ އިސްކޮޅުގައި 169 ސެންޓިމީޓަރު ހުންނައިރު، މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އޭގެ ފައިގެ ދިގުމިން ވަނީ 10 ސެންޓިމީޓަރު އިތުރުކޮށް، 1.05 މީޓަރަށް ދިގުކޮށްފައެވެ.
ހިއުމަނޮއިޑް ރޮބޮޓް ޓެކްނޮލޮޖީއަކީ ޗައިނާގެ އިގްތިސާދީ އަދި ސިނާއީ ކުރިމަގަށް މުހިންމު ސްޓްރެޓެޖިކް ދާއިރާއެއްގެ ގޮތުގައި އެގައުމުގެ ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ހާޑްވެއާގެ ކުރިއެރުންތަކާއެކު އުފެއްދުންތެރިކަމާއި، މުދާ އުފުލުމާއި، އަދި އާންމު ދިރިއުޅުމުގެ ބޭނުންތަކަށް ރޮބޮޓްތައް ބޭނުންކުރުން އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ދާއިރާއަށް އިންވެސްޓަރުންގެ ބޮޑު ތަރުހީބެއް އޮތްކަން ހާމަވެގެން ދިޔައީ، މި ހަފްތާގައި ޗައިނާގެ މަޝްހޫރު ރޮބޮޓް ކުންފުންޏެއް ކަމަށްވާ ޔުނިޓްރީ (Unitree) ޝަންހާއީ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކުރުމާއެކު އެ ކުންފުނީގެ ހިއްސާގެ އަގު ފަސް ގުނައަށް އުފުލި، ކުންފުނީގެ އަގު ގާތްގަނޑަކަށް 50 ބިލިއަން ޑޮލަރަށް އެރުމުންނެވެ.
ބެއިޖިންގްގެ ނޭޝަނަލް ސްޕީޑް ސްކޭޓިން އޯވަލްގައި ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 16 ގައުމަކުން 666 ޓީމަކުން ޖުމްލަ 2،056 ރޮބޮޓް ވާދަކުރެއެވެ. މިއީ ފުރަތަމަ މުބާރާތުގައި ބައިވެރިވި 280 ޓީމާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
މި މުބާރާތުގައި ދުވުމުގެ އިތުރުން ފުޓްބޯޅަ، ނެށުން، އަދި ސިނާއީ އެކި މަސައްކަތްތައް ހިމެނޭހެން ޖުމްލަ 51 ހަރަކާތެއް ކުރިއަށްދެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.