ކަމެއް ފެށުމަކީ އެއްކަމެކެވެ. އެކަން ދަމަހައްޓައި ކުރިއަށް ގެންދިއުމަކީ މުޅިން އެހެން ކަމެކެވެ.
ސްޕާކްހަބް ހަޑްލް – ފިންޓެކް އެޑިޝަން އިން ލިބުނު އެންމެ މުހިންމު ފިލާވަޅަކީ ފަހަރުގައި މިއީ ކަމަށް ވެދާނެއެވެ. ޚިޔާލެއް ޙަޤީޤަތަކަށް ހަދައި، އެކަން އިތުރަށް ފުރިހަމަކޮށް، ކުރިމަތީގައި އޮތީ ކޮންފަދަ މަގެއްކަން ޔަޤީންނުވާ ޙާލަތްތަކުގައި ވެސް ހިތްވަރާއެކު ކުރިއަށް ދިއުމަށް ބޭނުންވާ ސާބިތުކަމެވެ.
ފިންޓެކް (ފައިނޭންޝަލް ޓެކްނޮލޮޖީގެ ކުރުގޮތް) އަކީ މާލީ ޚިދުމަތްތައް ލުއިފަސޭހަ، ވިސްނުންތެރި، އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ޓެކްނޮލޮޖީ ބޭނުންކުރުމެވެ. މީގެ ތެރޭގައި ޑިޖިޓަލް ޕޭމަންޓްތަކާއި ވޮލެޓްތަކުން ފެށިގެން، އެމްބެޑެޑް ފައިނޭންސް، ބޭންކިންގ ޓޫލްސް، އަދި ފައިސާ ބެލެހެއްޓުމުގެ އާ ގޮތްތައް ހިމެނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އަދި މާސްޓަރކާޑް ގެ އެހީތެރިކަމާއެކު ސްޕާކްހަބުން ބޭއްވި މި 'ހަޑްލް' ގައި، ރާއްޖޭގެ ފިންޓެކް ވެށި ބައްޓަންކުރަމުންދާ އެކި ފަރާތްތައް އެއްތަނަކަށް ޖަމާވިއެވެ. މީގެ ތެރޭގައި ސްޓާޓްއަޕްތަކާއި ވިޔަފާރިވެރިން ފެށިގެން، މާލީ އިދާރާތަކާއި، ޓެކްނޮލޮޖީ ކުންފުނިތައް އަދި ސިޔާސަތު އެކަށައަޅާ ފަރާތްތައް ހިމެނެއެވެ.
މި މަޝްވަރާތަކުގެ މައިގަނޑު އަސާސަކަށްވީ، މިހާރުވެސް މިދާއިރާގައި ޢަމަލީ ގޮތުން މަސައްކަތްކުރަމުންދާ ފަރާތްތަކެވެ.
މި އިވެންޓުގައި ވާހަކަދެއްކެވި ފައުންޑަރުންގެ ތެރޭގައި ފަހިޕޭގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޢާރިފް، އީޒެޕް ގެ ސީއީއޯ އަދި ސީއެފްއޯ ޢަބްދުﷲ މިއުވާން ޝަރީފް، ޕޭޔަރގެ ކޯ-ފައުންޑަރ ޢަލީ ޙާރިޘް، ހަބިޓްސް (ފުޑްއޮޕްސް) ގެ ކޯ-ފައުންޑަރ ޙަސަން ފަހުމީ، އަދި އަވަސް އެޕްގެ ފައުންޑަރ އަދި ޗެއަރޕާސަން ޙަސަން ރަމީޒް ހިމެނެއެވެ.
މި އިވެންޓުގައި، ފައުންޑަރުން ވަނީ ވިޔަފާރި ފެށުމަށް ކުރި ދަތުރާއި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ޚުލާޞާއެއް ހިއްސާކުރައްވާފައެވެ. އަދި އެއަށްވުރެ ވެސް ޝައުޤުވެރި ކަމަކަށްވީ، ކުރިއަށް އޮތްތަނުގައި މި ޚިދުމަތްތައް ގެންދަން ބޭނުންވާ މިސްރާބާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކެވެ.
ފަހިޕޭ އަކީ ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް އެކި ފައިސާ ދެއްކުމުގެ ޚިދުމަތްތަކާއި ދުވަހުދިރިއުޅުމުގެ އެހެނިހެން ޚިދުމަތްތައް އެއްތަނަކުން ފޯރުކޮށްދޭ ދިވެހި ޑިޖިޓަލް ޕޭމަންޓް އެޕެކެވެ. އީޒެޕް އިން ގެންގުޅެނީ މިއަށްވުރެ ފުޅާ ވިސްނުމެކެވެ. އެއީ ޓެކްސީ ދަތުރުތަކާއި، ކާބޯތަކެތި ޑެލިވަރީކުރުމާއި، ގްރޮސަރީ އަދި ބޭނުންވާ ވަގުތު ލިބޭ އެހެނިހެން (އޮން-ޑިމާންޑް) ޚިދުމަތްތައް އެއްކޮށްލައިގެން ފޯރުކޮށްދޭ މަލްޓި-ސަރވިސް ޕްލެޓްފޯމެކެވެ. ދަތުރުފަތުރުގެ ޚިދުމަތުން ފެށި އަވަސްއެޕް ވެސް މިހާރު ދަނީ ދުވަހުދިރިއުޅުމުގެ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ޕްލެޓްފޯމަކަށް ބަދަލުވަމުންނެވެ.
މި ކުރިއެރުން ހަޑްލްގެ ތެރެއިން ވެސް ފެނިގެންދިޔައެވެ. އެގޮތުން، މި އިވެންޓުގެ ތެރޭގައި އަވަސް އެޕްގެ އާ 'ޕިކްއަޕް އެންޑް ޑެލިވަރީ' ފީޗަރ ވަނީ އިފްތިތާޙުކޮށްފައެވެ. މިއީ ހަމައެކަނި ދަތުރުފަތުރުގެ ޚިދުމަތުން ބޭރަށް ނުކުމެ، ބޭނުންކުރާ ފަރާތްތަކުގެ ދުވަހިދިރިއުޅުމުގެ ބޭނުންތަކާ ގުޅޭ އިތުރު ޚިދުމަތްތައް ޕްލެޓްފޯމަށް އިތުރުކުރަމުންދާ ކަމުގެ ޢަމަލީ މިސާލެކެވެ.
ވަކިން ޚާއްޞަކޮށް ފާހަގަކޮށްލެވުނު ކަމަކީ، އީޒެޕް، އަވަސް އެޕް އަދި ފަހިޕޭ އިން ވެސް މިހާރު ފޯރުކޮށްދޭ ވަކިވަކި ޚިދުމަތްތަކަށް ވުރެ ދުރަށް ވިސްނައި، ބޮޑު 'ސުޕަރ-އެޕް' ތަޞައްވުރަކަށް މަސައްކަތް ކުރަމުންދާ ކަމެވެ. މި ދަތުރުން ދައްކުވައިދެނީ، މީހުންގެ ދުވަހުދިރިއުޅުމުގެ ގިނަ ބޭނުންތަކެއް އެއް ޑިޖިޓަލް ޕްލެޓްފޯމަކުން ފުއްދައިދެވޭނެ ފަދަ ވަޞީލަތްތައް ބިނާކުރުމަށް ދިވެހި ފައުންޑަރުންގެ މެދުގައި އޮތް ބޮޑު އުންމީދެވެ.
މިއާ ޚިލާފަށް، މި ދަނޑިވަޅުގައި، ފުޑްއޮޕްސް މަސައްކަތް ކުރަމުންދަނީ މުޅިން ތަފާތު ގޮންޖެހުމަކާ ކުރިމަތިލުމަށެވެ. އާދައިގެ ޕީއޯއެސް ސިސްޓަމަކަށްވުރެ ފުޅާ ދާއިރާއެއްގައި ރެސްޓޯރެންޓް ޕްލެޓްފޯމެއްގެ ގޮތުގައި ފަރުމާކޮށްފައިވާ މި ސިސްޓަމުން، ރެސްޓޯރެންޓް ހިންގުމުގެ އެކި ބައިތައް އެއް ނިޒާމެއްގެ ދަށަށް ގެނެސްދެއެވެ. މީގެ ތެރޭގައި ކައުންޓަރާއި ބަދިގެ ބެލެހެއްޓުމުން ފެށިގެން، ވެއިޓަރުންނާއި ޑެލިވަރީއަށް ބޭނުންވާ ވަސީލަތްތަކާއި، އޮންލައިން އޯޑަރިންގ، އިންވެންޓްރީ، ކާބޯތަކެތީގެ އަގު ކަނޑައެޅުން (ފުޑް ކޮސްޓިންގ) އަދި މާލީ މައުލޫމާތުތައް ހިމެނެއެވެ.
މީގެ އިތުރުން، މި ޚިދުމަތް ފެށުމުގައި އޮތް ފަސޭހަކަން ފާހަގަކުރަމުން އެ ޓީމުން ބުނެފައިވަނީ، އެންމެ ފަސް މިނެޓުގެ ތެރޭގައި ރެސްޓޯރެންޓަކަށް މި ޕްލެޓްފޯމް ބޭނުންކުރަން ފެށޭނެ ކަމަށެވެ. އެ ޓީމުގެ އަމާޒަކީ ހަމައެކަނި ހުރިހާ މަސައްކަތްތަކެއް އެއްތަނަކަށް ގެނައުން އެކަންޏެއް ނޫނެވެ މި ޕްލެޓްފޯމް ބޭނުންކުރަން ފެށުމުގައި ދިމާވާ ދަތިތައް ވީހާވެސް ކުޑަކުރުން ވެސް މެއެވެ.މި ހަޑްލްގެ ތެރެއިން ފާހަގަކޮށްލެވުނު އެންމެ ޝައުގުވެރި އެއް މައުލޫމާތަކީ، ފުޑްއޮޕްސް ޓީމުން އެމީހުންގެ ހިދުމަތްތައް ޓެސްޓުކޮށް، ފެންވަރު މެދުކެނޑުމެއްނެތި ރަނގަޅުކުރުމަށް އޭއައި އެޖެންޓުންބޭނުންކުރަމުންދާ ގޮތެވެ. މިއީ އޭއައި އަކީ ހަމައެކަނި ކަސްޓަމަރުންނަށް ފެންނަން ހުންނަ ފީޗާއެއްގެ ގޮތުގައި ނޫން ގޮތަކަށް، ޓެކްނޮލޮޖީ އުފެއްދުމެއް ޓެސްޓުކޮށް، ބަލަހައްޓައި، އަދި އިތުރަށް ތަރައްގީކުރުމުގައި ފަރުދާގެ ފުރަގަހުގައި އަމަލީ ގޮތުން ބޭނުންކުރެވިދާނެ ގޮތުގެ ފުރިހަމަ މިސާލެކެވެ.
ދެން އޮތީ، ޕޭމަންޓް ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން ފުޅާ މާލީ ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗާއެއް ބިނާކުރުމަށް މަސައްކަތްކުރަމުން އަންނަ ދިވެހި ޑިޖިޓަލް ވޮލެޓެއް ކަމަށްވާ ޕޭޔަރ އެވެ.
އެ ކުންފުނީގެ ތަސައްވުރު އާދައިގެ ޕޭމަންޓް ހައްލުތަކަށް ވުރެ ފުޅާވެ، ވޮލެޓްތަކާއި، އެމްބެޑެޑް ޕޭމަންޓްތަކާއި، އަދި އެހެން ނިޒާމުތަކާ ފުންކޮށް ގުޅުވާލުމަށް އަމާޒު ހިފާފައިވެއެވެ. މީގެ އިތުރުން، ބޭނުންކުރާ މީހުންނަށް މާލީ ކަންކަން ދެނެގަނެ، ބެލެހެއްޓުމަށް އޭއައިގެ އެހީގައި ފަހި ފުރުސަތުތަކެއް ހުޅުވިގެންދެއެވެ. މިއީ ފައިސާ ދެއްކުމަކީ ވަކިން ކުރާ މުޢާމަލާތަކަށް ވުމުގެ ބަދަލުގައި، މީހުން މިހާރުވެސް ބޭނުންކުރަމުންދާ ޓޫލްތަކާއި ޚިދުމަތްތަކުގެ ތެރެއަށް ފުންކޮށް ވަދެލައިގެންދާނެ މުސްތަޤްބަލެއްގެ ކުޑަ މަންޒަރެކެވެ.
އުފެއްދުންތައް ތަފާތެވެ. ގެންގުޅޭ އުސޫލުތައް ތަފާތެވެ. ނަމަވެސް އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް ފެނިގެންދިޔަ އެއްގޮތް ކަމެއް އެބައޮތެވެ: އެއީ ހިތްވަރާއި ސާބިތުކަމެވެ.
ރާއްޖެ ފަދަ ކުޑަ މާކެޓެއްގައި ސްޓާޓްއަޕް ބިނާކުރާ ފައުންޑަރުންނަށް ކަންކަން ދަނީ އަބަދު އެއް މިސްރާބަކަށް، ސީދަލަކަށް ނޫނެވެ. ޕްރޮޑަކްޓްތައް ބަދަލުވެއެވެ، ލަފާކުރާ ކަންކަން ބަދަލުވެއެވެ، ޓެކްނޮލޮޖީ ހަލުވިކަމާއެކު ކުރިއަރައެވެ، އަދި ކަސްޓަމަރުންގެ އުއްމީދުތައް އަބަދުވެސް އަންނަނީ މަތިވަމުންނެވެ. މި ހަޑްލް އިން އެންމެ ބޮޑަށް ފާހަގަވީ، ހާލަތާ އެއްގޮތަށް ބަދަލުވަމުން ކުރިއަށްދިއުމަށާއި، އެމީހުންގެ އުފެއްދުންތައް މިއަދު އޮތް ހިސާބަށް ވުރެ ދުރަށް ވިސްނުމަށް މި ފައުންޑަރުންގެ ކިބައިގައި ހުރި ޝައުގުވެރިކަމެވެ.
ހަޑްލްގެ ތެރެއިން ތަކުރާރުކޮށް ފާހަގަކުރެވުނު އެއް ގޮންޖެހުމަކީ، އީޖާދުތައް ކުރިއަރަމުންދާ ދުވެލީގައި އޭގެ ވަށައިގެންވާ ނިޒާމުތައް އަބަދު ކުރިއަށް ނުދާ ކަމެވެ. ބައެއް ހާލަތްތަކުގައި އެތައް އަހަރަކަށް ދެމިގެންދާ ގަވާއިދުތަކާއި ހުއްދަތައް ހޯދުމުގެ ދިގު މަރުހަލާތަކުގެވާހަކައާއި، އިދާރާތަކުން ހުއްދަ ހޯދުމުގައާއި އެހެނިހެން ހިދުމަތްދޭ ފަރާތްތަކާ ގުޅުވާލުމުގައި ދިމާވާ އަމަލީ ދަތިތަކުގެ ވާހަކަ ފައުންޑަރުން ހިއްސާކުރިއެވެ.
ހާއްސަކޮށް ފިންޓެކް ކުންފުނިތަކަށް ބަލާއިރު، މިފަދަ ބަރޯސާތަކުގެ ސަބަބުން ޚިޔާލަކުން ފެށިގެން ގޮސް ކަސްޓަމަރުންނަށް ހަގީގަތުގައި ބޭނުންކުރެވޭ އެއްޗަކަށް ޕްރޮޑަކްޓް ބަދަލުވުމުގެ ދުވެއްޔަށް ވަރަށް ބޮޑު ނުފޫޒެއް ފޯރައެވެ. ބޭންކުތަކާއި، ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކާއި، ސަރުކާރުގެ ނިޒާމުތަކާއި، އެހެނިހެން ޕްލެޓްފޯމްތަކާ ގުޅުވާލުމުގައި ޓެކްނިކަލް ގޮތުންނާއި އިދާރީ ގޮތުން ވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ.
ފައުންޑަރުންގެ ސާބިތުކަމަކީ ހަމައެކަނި ޕްރޮޑަކްޓެއް ރަނގަޅުކުރުންމަތީ ދެމިތިބުމެއް ނޫނެވެ. އެއީ އުފެއްދުންތައް ބިނާކުރަމުންދާއިރު ގަވާއިދުތަކާއި، ބައިވެރިވުންތަކާއި، އަދި އޮޅުންބޮޅުން ބޮޑު ގުޅުވާލުންތަކުގެ ތެރެއިން ވެސް މަގުކޮށައިގެން ކުރިއަށްދިއުމެވެ.
މި މަޝްވަރާ ރާއްޖޭގެ ސްޓާޓްއަޕް މާހައުލުން ބޭރަށް ފުޅާވެގެންދިޔައީ މާސްޓަރކާޑުގެ އިނޮވޭޝަން ލީޑް، ސައުތު އޭޝިއާ، ޝޯބިތު އަރޯރާއާއެކުގައެވެ. އޭނާ ވާހަކަދެއްކެވީޕޭމަންޓްތަކުގެ މުސްތަގުބަލާއިމިހާރުގެ ފިންޓެކް މާހައުލާ ގުޅޭގޮތުންނެވެ. އޭނާ ވަނީ މި ދާއިރާއިން މާސްޓަރކާޑުން ކުރަމުން އަންނަ މަސައްކަތްތަކާއި މަސައްކަތުގެ ތަޖުރިބާ ހިއްސާކުރައްވައި، ތަރައްގީވަމުން އަންނަ ޕޭމަންޓް ވެއްޓެއްގެ ތެރޭގައި ސްޓާޓްއަޕްތަކަށް ހުރި ފުރުސަތުތައް ބައްލަވާލައްވައި، އަދި ފައުންޑަރުންގެ ހައްލުތައް ތަރައްގީކޮށް ފުޅާކުރަމުންދާއިރު މާސްޓަރކާޑާ ގުޅިގެން މަސައްކަތްކޮށް އެހީތެރިކަން ހޯދިދާނެ ގޮތްތަކާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ.
މިކަމުގެ ސަބަބުން އެ ބައްދަލުވުމަށް މުހިންމު، ފުޅާ ތަސައްވުރެއް ގެނެސްދިނެވެ. އެއީ ދިވެހި ފައުންޑަރުން ރާއްޖޭގައި ތިބެގެން މައްސަލަތަކަށް ހައްލު ހޯދަމުން ދިޔަ ނަމަވެސް، އެ ފަރާތްތަކަށް ގުޅާލެވިދާނެ ޓެކްނޮލޮޖީތަކާއި، ނެޓްވޯކްތަކާއި އަދި ފުރުސަތުތައް ރާއްޖޭގެ ބާޒާރަށް ވުރެ އެތައް ގުނައެއް ބޭރަށް ފުޅާވެގެންދާ ކަމެވެ.
ނަމަވެސް "ހަޑްލް" އަކީ ދުވަހަކުވެސް ހަމައެކަނި އުފެއްދުންތައް ދައްކާލުމަށް އޮންނަ ހަރަކާތެއް ނޫނެވެ.
"ހަޑްލް ފިންޓެކް އެޑިޝަން އިން އަޅުގަނޑުމެންގެ މަޤްޞަދަކީ ވަރަށް ސާދާ ކަމެކެވެ. އެއީ ފިންޓެކް އިކޯސިސްޓަމް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ސްޓާޓްއަޕްތަކާއި މުއައްސަސާތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން އެހެނިހެން ބައިވެރިންނަށް ފާޅުކަން ބޮޑު ގޮތެއްގައި މަޝްވަރާކުރެވޭނެ މާހައުލެއް ޤާއިމުކުރުމެވެ. އަދި ހަމައެއާއެކު، އަޅުގަނޑުމެންގެ ކުޑަ އިކޯސިސްޓަމުން ބޭރުގައި ހުރި ފުރުޞަތުތައް ރާއްޖޭގެ ސްޓާޓްއަޕްތަކަށް ދައްކުވައިދީ، މާސްޓަރކާޑު ފަދަ ބައިނަލްއަޤްވާމީ ޓެކްނޮލޮޖީ ޕާޓްނަރަކާއެކު މަސައްކަތްކޮށްގެން ލިބިދާނެ ފައިދާތައް އެފަރާތްތަކަށް އޮޅުންފިލުވައިދިނުމަކީވެސް އަޅުގަނޑުމެން ބޭނުންވި ކަމެކެވެ. އަޅުގަނޑުމެން ފަދަ ކުޑަ އިކޯސިސްޓަމަކަށް މިފަދަ ގުޅުންތައް ޤާއިމުކޮށްދިނުމަކީ، ވަކިވަކި ސްޓާޓްއަޕްތަކަށް އަމިއްލައަށް ހޯދަން ދަތި ފުރުޞަތުތަކަކަށް މަގުފަހިވެގެންދާނެ ކަމެކެވެ." ޙުސައިން ޖިނާން، ކޯ-ފައުންޑަރ އަދި ސީއީއޯ، ސްޕާރކްހަބް
މިއީ އެ އުފެއްދުންތަކުގެ ފަހަތުގައި ހިނގާ ކަންކަމުގެ އަޑުއެހުމެވެ. އާންމުކޮށް އުފެއްދުމެއް ތައާރަފުކުރާ އިރު ހާމަނުކުރެވޭ ނިންމުންތަކާއި، ކުރެވޭ ތަޖުރިބާތަކާއި، ކުރިމަތިވާ ގޮންޖެހުންތަކާއި އަދި ދައްކުވައިދޭ ސާބިތުކަމުގެ ވާހަކަތަކެވެ.
އަދި މި ފަހަރުގެ ހަރަކާތުން އެއްވެސް ކަމެއް ހާމަވެގެން ދިޔަނަމަ، އެއީ ރާއްޖޭގެ ފިންޓެކްގެ ކުރިއަށް އޮތް ބާބަކީ ހަމައެކަނި އިތުރު ޕޭމަންޓް އެޕްތަކެއް ނެރުން ނޫން ކަމެވެ.
އެއީ ސުޕަ އެޕްސް، އިންޓެލިޖެންޓް އޮޓޮމޭޝަން، އެމްބެޑެޑް ފައިނޭންސް، އޯޕަން އިންޓަގްރޭޝަންސް، އޭއައިގެ އެހީގައި ފޯރުކޮށްދޭ ޚިދުމަތްތައް އަދި އެ ޚިޔާލުތައް ހަގީގަތަކަށް ވަންދެން ހުއްޓުމެއްނެތި މަސައްކަތްކުރާނެ ހިތްވަރާއި އަޒުމު ހުރި ފައުންޑަރުންނަށް ވެދާނެއެވެ.
ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.
އަޙްމަދު އަޙްސަން
އަޙްމަދު ދާއޫދު
އަޙްމަދު ދާއޫދު
އަޙްމަދު ދާއޫދު
ހިންދު ޢަލީ