ފޮޓޯ ކްރެޑިޓް -- ޖެމިނައި އޭއައި
އެންޑްރޮއިޑް ބޭނުންކުރާ ގިނަ ބަޔަކު އައިފޯނަށް ބަދަލުވަމުންދާކަން ފަހުގެ ދިރާސާއަކުން ހާމަވެއްޖެއެވެ.
ސްމާޓްފޯން ބޭނުންކުރާ މީހުންގެ މެދުގައި ބްރޭންޑްތަކަށް އޮތް ވަފާތެރިކަން ދެނެގަތުމަށް "ސެލްސެލް" (SellCell) އިން އެމެރިކާގައި ދާދިފަހުން ކުރި މި ދިރާސާއިން ދައްކާގޮތުގައި، އައިފޯނުން އެންޑްރޮއިޑަށް ބަދަލުވާ މީހުންނަށްވުރެ، އެންޑްރޮއިޑް ދޫކޮށް އެޕަލްގެ އައިފޯނަށް ބަދަލުވާ މީހުންގެ ނިސްބަތް މިހާރު ވަނީ 3.7 ގުނަ އިތުރުވެފައެވެ.
މިއަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އައިފޯން ބޭނުންކުރާ މީހުންގެ 96.4 އިންސައްތަ މީހުން ތިބީ އެ ބްރޭންޑާ އެކު ކުރިއަށް ދިއުމުގެ ވިސްނުމުގައެވެ. މިއާ ޚިލާފަށް، އެންޑްރޮއިޑް ބޭނުންކުރާ މީހުންގެ ތެރެއިން 13.6 އިންސައްތަ މީހުން ވަނީ ދެން އެމީހުން ބަދަލުވާނީ އައިފޯނަކަށް ކަމަށް ބުނެފައެވެ. މިއީ އައިފޯން ބޭނުންކުރާ މީހުންގެ ތެރެއިން އެންޑްރޮއިޑަށް ބަދަލުވާން ބޭނުންވާ 3.6 އިންސައްތަ މީހުންނާ އަޅާބަލާއިރު ވަރަށް ބޮޑު ނިސްބަތެކެވެ.
އައިފޯން ބްރޭންޑަށް އޮތް ވަފާތެރިކަން 2019 ވަނަ އަހަރު 90.5 އިންސައްތައިގައި ހުރުމަށްފަހު، 2026 ވަނަ އަހަރާ ހަމައަށް އައިއިރު މި އަދަދު ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައެވެ. މި ކުރިއެރުން އެންމެ ބޮޑަށް ފާހަގަވާން ފަށާފައިވަނީ 2021 ވަނަ އަހަރަށް ފަހުގައެވެ.
އައިފޯން ބޭނުންކުރާ ގިނަ ބަޔަކު އެ ބްރޭންޑްގައި ދެމިތިބޭ އެންމެ ބޮޑު ސަބަބަކީ އެޕަލްގެ އޮޕަރޭޓިން ސިސްޓަމް ނުވަތަ އައިއޯއެސް (iOS) ބޭނުންކުރަން ފަސޭހަވުމެވެ. ދިރާސާގައި ބައިވެރިވި 60.8 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުން އައިފޯނު ދޫކޮށްލަން ބޭނުންނުވަނީ ސޮފްޓްވެއާގެ ފުރިހަމަކަމާއި ބޭނުންކުރަން ގެންގުޅޭ ފަސޭހަކަމުން ކަމަށެވެ.
މީގެ އިތުރުން އެޕަލްގެ އިކޯސިސްޓަމްގެ ސަބަބުން، އެޕަލް ވޮޗް، މެކްބުކް އަދި އައިޕެޑް ފަދަ ވަސީލަތްތައް ފޯނާ ގުޅިފައިވާލެއް ފުރިހަމަކަމަކީ ވެސް ގިނަ ބަޔަކު އެހެން ބްރޭންޑަކަށް ބަދަލުނުވާން ދައްކާ ބާރުގަދަ ސަބަބެކެވެ.
ފޯނުގެ "ރީސޭލް ވެލިއު" ނުވަތަ ބޭނުންކުރުމަށްފަހު ވިއްކާލާއިރު އެހެން ފޯނުތަކަށްވުރެ މަތީ އަގެއް ލިބުމަކީ ވެސް އެންޑްރޮއިޑް ދޫކޮށް އައިފޯނަށް މީހުން ބަދަލުވާ އެއް ސަބަބު ކަމުގައި މާކެޓް ތަޖުރިބާކާރުން ފާހަގަކުރެއެވެ.
އައިފޯނުގެ ސެކިއުރިޓީއާއި ޕްރައިވެސީގެ އިތުރުން، ގިނަ އަހަރުތަކެއް ވަންދެން ސޮފްޓްވެއާ އަޕްޑޭޓްތައް ލިބުމަކީ ކަސްޓަމަރުންގެ އިތުބާރު އެޕަލްއަށް ބޮޑުވާ ކަމެކެވެ. އެންޑްރޮއިޑްގެ ބައެއް ބްރޭންޑްތަކާ ޚިލާފަށް، އައިފޯނުގެ ބައެއް ބާ މޮޑެލްތަކަށް ވެސް އާ އަޕްޑޭޓްތައް ލިބުމަކީ ފޯނު ބަދަލުނުކޮށް ގިނަ ދުވަހު ބޭނުންކުރުމުގެ ފުރުސަތު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާ ކަމެކެވެ.
އައިފޯނުން އެންޑްރޮއިޑަށް ބަދަލުވާން ބޭނުންވާ މަދު ބަޔަކު އެންމެ ބޮޑު ސަބަބަކަށް ދައްކަނީ ފޯނުތަކުގެ އަގެވެ. އެންޑްރޮއިޑް މާކެޓުގައި އެކި ފެންވަރުގެ އަދި ހެޔޮ އަގުގައި ލިބޭ ފޯނުތައް ގިނަވުމަކީ، ބައެއް މީހުން އައިފޯނުގެ އަގުބޮޑުކަމުން ސަލާމަތްވުމަށް އެންޑްރޮއިޑަށް ބަދަލުވާން ނިންމާ މައިގަނޑު ސަބަބެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.