2023 ވަނަ އަހަރު ވެސް ނިމުމަކަށް އަންނަނީއެވެ. އަހަރުގެ ފަހު ކޮޅު ރާއްޖޭގައި ފާހަގަކޮށްލެވެނީ ސިޔާސީ މައިދާނުގެ ބިޒީ ދުވަސްކޮޅެއްގެ ގޮތުގައެވެ. މިއަހަރުގެ ފަހު 3 މަސް ދިޔައީ ރިޔާސީ އިންތިހާބުގެ ކެމްޕޭނާއި، ވޯޓުގެ ފޯރީގައެވެ. ނޮވެމްބަރު މަހު އައު ސަރުކާރަކަށް މަރުހަބާ ކިޔުނުތާ މާގިނަދުވަސްތަކެއް ނުވެ އައު އަހަރަކަށް ވެސް މަރުހަބާ ކިޔަން މިދަނީ ތައްޔާރުވަމުންނެވެ.
މިހަރުގެ ތެރޭގައިވެސް ރާއްޖޭގެ ޓެކް ދާއިރާގައި މުހިއްމު ގިނަ ކަންތައްތަކެއް ވަނީ ކުރެވިފައެވެ. ކަނެކްޓިވިޓީގެ މަޝްރޫއުތަކުން ފެށިގެން ގައުމުގެ ހިންގުން ހަރުދަނާކުރުމަށް އުފެއްދުނު ލޯކަލް އިނޮވޭޝަންތަކާއި ހަމައަށް، ޓެކްނޮލޮޖީގެ ދާއިރާއިން ފާހަގަކޮށްލެވޭ ބަދަލުތަކެއް މިއަހަރު ތެރޭގައި ރާއްޖެ ދެކެފިއެވެ. ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ޓެކް ލޭންޑްސްކޭޕް ބައްޓަން ކުރި އެކިއެކި ޚަބަރުތަކުގެ މައްޗަށް މިއާޓިކަލްގައި އަލިއަޅުވާލާނަމެވެ.
ރާއްޖޭގެ ގައުމީ ޑިޖިޓަލް އައިޑީ (އީފާސް) ސިސްޓަމުގެ މައްޗަށް އުފެއްދި މޯބައިލް އެޕްލިކޭޝަން މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ތައާރަފް ކުރެވުނެވެ. މިހާތަނަށް މިއެޕް ބޭނުންކުރަން 100,000 އަށް ވުރެ ގިނަ ޔޫސަރުން ރަޖިސްޓްރީ ކޮށްފައިވާކަމަށް އީފާސްގެ ވެބްސައިޓްގައިވާ މައުލޫމާތުން ހާމަވެއެވެ. މިއީ ޑިޖިޓަލް އައިޑެންޓިޓީ މެނޭޖްމަންޓްގެ އޭރިއާއިން ރާއްޖެއަށް ލިބުނު ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެކެވެ. މިހިދުމަތުގެ ސަބަބުން ސަރުކާރުން އުފައްދާފައިވާ އަދި ޕްރައިވެޓް އެކި އިދާރާތަކުގެ އޮންލައިން ޕްލެޓްފޯމްތަކަށް ވަދެވޭނެ ގޮތް ފަސޭހަކޮށްދިނެވެ. އަދި މިއީ އޮންލައިން ހިދުމަތް ބޭނުންކުރުމުގައި ރައްކާތެރިކަމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.
ރާއްޖޭގެ ފުރަތަމަ "އިންޓަރނެޓް ގަވަރނެންސް ފޯރަމް (އައި.ޖީ.އެފް)" ބޭއްވުނީ މިއަހަރުގެ ޖޫން މަހުގައެވެ. އައިޖީއެފް މޯލްޑިވްސް ރާވައިފައިވަނީ ވިމެން އިން ޓެކް މޯލްޑިވްސްއިން ޔޫއެސްއެއިޑް، ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އެހީތެރިކަމާއެކުގައެވެ.
އައިޖީއެފްގެ މަގުސަދަކީ އިންޓަނެޓް ގަވަރނަންސްއާއި ބެހޭ ގޮތުން އެކި ފަންތީގެ މީހުންގެ މެދުގައި މަޝްވަރާ ކުރުމާއި، ބެސްޓްޕްރެކްޓިސް ހިއްސާކުރުން، ޚިޔާލު ހޯދުމުގެ އިތުރުން، ބިނާކުރަނިވި މަޝްވަރާތަކަށް މަގުހުޅުވާލުމެވެ. އަދި ޑިޖިޓަލް ދުނިޔޭގައި އުފެދިފައިވާ މައްސަލަތަކަށް އެއްބާރުލުން ދިނުމާއި ހޭލުންތެރިކަން އިތުރުކުރުމުގައި ބޭނުމުގައެވެ. 2 ދުވަހަށް ކުރިއަށް ދިޔަ މޯލްޑިވްސް އައިޖީއެފްގައި އިންޓަރނެޓް ގަވަރނަންސްއާއި ގުޅުން ހުރި އެކި މައުލޫތަކަށް 13 ސެޝަނެއް ކުރިއަށް ގެންދެވުނެވެ.
ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ވަން.ގަވް ޕްލެޓްފޯމް އިފްތިތާހު ކުރެވުނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މިއީ ސަރުކާރުގެ ހިދުމަތްތައް ރައްޔިތުންނަށް އެއް ތަނަކުން ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މިޕްލެޓްފޯމް މެދުވެރިވެ ސަރުކާރުގެ ހިދުމަތް ހޯދުމަށް ކިޔުގައި ޖެހުންފަދަ ދަތިތައް ނައްތާލާ، ހިދުމަތަށް އެދުމަށް ހޭދަވާ ވަގުތު ސަލާމަތްކުރެވޭނެއެވެ. މި ޕްލެޓްފޯމުގެ މަގުސަދަކީ އެއް ވިއުގައެއްގެ ދަށުން ސަރުކާރުގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ފޯރުކޮށްދިނުމެވެ.
ރާއްޖޭގެ އިންޓަރނެޓް ކަނެކްޓިވިޓީ އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން އޯސީއެމް-އައިއެކްސް ސަބްމެރިން ފައިބަރ ކޭބަލް ރާއްޖެއާއި ގުލާލެވުނީ މިއަހަރުގެ އޯގަސްޓަ މަހުގެ ތެރޭގައެވެ. ރާއްޖޭގައި އިންޓަރނެޓް ހިދުމަތްދިނުން އިތުރަށް ތަރައްގީ ކުރުމަށް އޯޝަންކަނެކްޓް މޯލްޑިވްސް އިން ކުރި މިމަސައްކަތަކީ، ރާއްޖޭގައި އިންޓަރނެޓް ފޯރުކޮށްދެވޭ ދުވެލި ރަނގަޅު ކުރުމަށާއި އެހިދުމަތުގެ އަގު އެތައްތަނެއް ހެޔޮ ކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން މިކޭބަލްގެ ސަބަބުން މުސްތަގުބަލުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެއް މިންގަނޑެއްގައި އިންޓަރނެޓް ފުޅާކުރުމަށް ހަރުދަނާ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ކަށަވަރުކޮށްދެއެވެ.
ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އަރބަންކޯއިން ހުޅުމާލޭގައި އައިއޯޓީ ސެންސަރ ނެޓްވޯރކް އިންފްރާސްޓަކްޗަރ ގާއިމްކޮށް ލޯންޗުކުރީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. މި ނެޓްވޯކް ގާއިމްކުރީ ލޯ ރޭންޖް ވައިޑް އޭރިއާ ނެޓްވޯކް (LoRaWAN) ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. މިފަދަ ނެޓްވޯކަކީ ސިޓީތަކުގައި ހިމެނޭ ބިލްޑިންގތަކާއި އައިއޯޓީ ޑިވައިސްތައް އެއް ނެޓްވޯކަކުން ގުޅުވައިދީ ސިޓީއެއްގައި ހިމެނޭ އެކި ކަންތައްތައް ސްމާޓް ކުރުމަށް ބޭނުންކުރެވޭނެ ވިއުގައެކެވެ. އެއް ވިއުގައަކުން ގުޅުވައިދީ ސްމާޓް ސިޓީއެއްގައި ބޭނުންކުރެވޭ އެކި އެކި އެޕްލިކޭޝަންތައް މިފަދަ ނެޓްވޯކެއް މެދުވެރިވެ ތަރައްގީ ކުރުމަށް އަރބަންކޯއިން ދަނީ މަގުފަހިކޮށްދެމުންނެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިންސްޓަންޓް ޕޭމަންޓް ހިދުމަތް ފަވަރަ އިފްތިތާހު ކުރީ މިއަހަރުގެ 26 އޯގަސްޓްމަހުއެވެ. ފަވަރަ އަކީ ފަސޭހަކަމާއެކު ރާއްޖޭގެ އެތެރޭގެ ބޭންކުތަކުގައި އެއް ބޭންކުން އަނެއް ބޭންކަށް ރިއަލްޓައިމްކޮށް ފައިސާ ޓްރާންސްފަރ ކުރުމަށް ބޭނުންކުރެވޭ ސިސްޓަމެކެވެ. އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް އެފަރާތްތަކުގެ ފައިސާގެ މުއާމަލާތްތައް ވަގުތުން އަދި ރައްކާތެރިކަމާއެކު ކުރުމަށް ފަވަރައިން މަގުފަހިކޮށްދެއެވެ.
އިންސްޓަންޓް ޕޭމެންޓް ސިސްޓަމް، ފަވަރަ ޑިވެލޮޕްކުރެވުނީ އެމްއެމްއޭއިން 2020 ވަނަ އަހަރު ފެށި މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް (އެމްޕީއެސްޑީ) ޕްރޮޖެކްޓްގެ ދަށުންނެވެ.
އިންޓަރނޭޝަނަލް ފަރސްޓް ކޮމިޓީ އޮސޯސިއޭޝަން (އައިއެފްސީއޭ) އިން ކޮންމެ އަހަރަކު ބާއްވާ މަޝްހޫރު ފަސްޓް ގްލޯބަލް ރޮބޮޓިކްސް ޗެލެންޖް 2023 ގައި ބައިވެރިވުމަށް ރާއްޖޭގެ ދަރިވަރުންގެ ޓީމެއް ސިންގަޕޫރަށް ދިޔައީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. މިއީ އޮލިމްޕިކްސް ސްޓައިލްގެ، ބައިނަލްއަގުވާމީ ރޮބޮޓިކްސް މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގެ ޝިއާރަކީ "އިނޮވޭޓިން ފޯ އަ ސަސްޓެއިނަބަލް ފިއުޗަރ" ނުވަތަ ދެމެހެއްޓެނިވި މުސްތަގުބަލަކަށްޓަކައި އީޖާދު ކުރުމެވެ. ދިވެހިރާއްޖެ ތަމްސީލުކުރަން ދިޔަ ޓީމުގައި ހިމެނުނީ އައްޑޫ ސިޓީގެ ހިރާ ސްކޫލްގެ ނުވަ ދަރިވަރެކެވެ. ރާއްޖޭގެ ޓީމުން ބައިވެރިކުރި ޕްރޮޖެކްޓްގެ ނަމަކީ "ޕްރޮޖެކްޓް ކަޅުއޮއްފުންމި" އެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން އިންތިޒާމުކޮށްގެން މޯލްޑިވްސް އޯޝަން ހެކަތޯންގެ ނަމުގައި 48 ގަޑިއިރުގެ ހެކަތޯންއެއް މިއަހަރުގެ އޮކްޓޯބަރ މަހު ބޭއްވުނެވެ. ތިމާވެށީގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ފަރާތްތަކާއި ޓެކް އަށް ލޯބިކުރާ މީހުން އެއްތަނަކަށް ޖަމާވެ، ރާއްޖޭގެ ތިމާވެއްޓަށް ދިމާވާ އެކިއެކި މައްސަލަތައް އުފެއްދުންތެރި ހައްލުތަކެއް ހޯދުމަށް މިހެކަތޯންގައި މަސައްކަތް ކުރެވުނެވެ. މިހެކަތޯންގައި ކަނޑާއި ގުޅުންހުރި އެކި ޑޭޓާތައް ބޭނުންކޮށްގެން ކަޑުގެ ޕޮލިޔުޝަން ހުއްޓުވުމާއި، ކަނޑުތައް ބޭނުންކޮށްގެން އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި، ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމާއި ގުޅޭ އެކިއެކި އުފެއްދުންތަކެއް ތައްޔާރުކޮށް ހުށަހެޅުނެވެ.
ރާއްޖެ އުފެދިފައިވާ ގޮތުން ހުރިހާ ރަށްތަކަކަށް އެއް ފެންވަރެއްގައި ހެޔޮއަގުގައި ހައި ސްޕީޑް އިންޓަނެޓް ހިދުމަތް ފޯރުކޮށްދިނުމަކީ ދިމާވާ ގޮންޖެހުމެކެވެ. އެހެން ނަމަވެސް 2023 ވަނަ އަހަރު މިކަމަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ސްޕޭސް އެކްސްގެ ސްޓާލިންކްއިން ފޯރުކޮށްދޭ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ރާއްޖެއަށް ތައާރަފް ކުރެވުނީ އަހަރުގެ ފަހުކޮޅު، ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ރާއްޖެ އަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ސްޓާލިންކްގެ ޚިދުމަތް ދިނުމުގެ ލައިސަންސް ލިބުނު އެންމެ ފުރަތަމަ ގައުމެވެ. ރާއްޖޭގައި ސްޓާރލިންކުގެ ހިދުމަތް ތައާރްފުކުރުމަށް ބޭނުންވާ ލައިސަންސް ދޫކުރީ 25 އޮގަސްޓް ގައި، ސްޓާލިންކް ސަރވިސަސް މޯލްޑިވްސްއަށް ކުންފުންޏަށެވެ. ސްޓާލިންކް ސަރވިސް މޯލްޑިވްސްއަކީ ސްޕޭސްއެކްސް ކުންފުނީގެ ސްޓާލިންކް ހިދުމަތް ރާއްޖެއަށް ދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.
އަހަރު ނިމުމަކާއި ގާތްވެފައިވަނިކޮށް ނޮވެމްބަރު މަހު، އައު ސަރުކާރުގެ ދަށުން ގައުމުގެ ޓެކްނޮލޮޖީ މެންޑޭޓް ހިމެނޭ އެކި އިދާރާތައް ކުރީގައި ހިނގަމުން ދިޔަ ގޮތްތަކަށް ވަނީ ކޮންމެވެސް މިންވަރެއްގެ ބަދަލުތަކެއް ގެނެސްފައެވެ. ކުރީގައި ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުގައި ހިމެނުނު ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ މެންޑޭޓް މިސަރުކާރުގައި ހިމެނުނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ދަށުންނެވެ. ކުރީގައި ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިމެނުނު އެންސީއައިޓީ މިފަހަރުވެސް ހިމެނިފައިވަނީ ޓެކް މެންޑޭޓް ހަވާލުކުރެވިފައިވާ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުންނެވެ. މީގެ އިތުރުން ކުރީ ސަރުކާރެކޭ އެއްފަދައިން ސަރުކާރުގެ ހިދުމަތްތައް ޑިޖިޓައިޒް ކުރުމުގެ މަސައްކަތް (ވަން.ގަވް) މިސަރުކާރުގައިވެސް ހަވާލު ކުރެވިފައިވާ އެސް.އޯ.އީ ޓްރޭޑްނެޓް މޯލްޑިވްސްއަށެވެ.
އެންސީއައިޓީގެ މެންޑޭޓް ހޯމްލޭންޑް ސެކިޔުރިޓީ ވުޒާރާއާއި ހަވާލުކުރެވުނީ، ގައުމީ ސަލާމަތީ ނަޒަރަކުން ސައިބަރ ސެކިޔުރިޓީ އާއި ގުޅުން ހުރި ވިސްނުމެއްގައި ކަމަށްވުން އެކަށީގެންވެއެވެ. އެހެން ނަމަވެސް ކޭމް، ލޯކަލް ގަވަރނަންސް ވުޒާރާގެ ދަށަށްލުމުގެ ފަހަތުގައިވާ ހިކުމަތެއް ސާފެއްނުވެއެވެ. މިހާތަނަށް އަދި ޓްރޭޑްނެޓްގެ ގާނޫނެއް އެކުލަވާލާފައި ނެތްކަމުން އެއިދާރާގެ އިމަކީ މުޅި ސަރުކާރުގެ ޑިޖިޓައިޒޭޝަން މަސައްކަތް ކަމެއް ނޭގެއެވެ. ދައުލަތުގެ ހިދުމަތް ހަލުވިކޮށް އިލެކްޓްރޯނިކް ގަވަރަމަންޓް ޕްލޭން އެކުލަވާލުމާއި ހިންގުމުގެ މަސައްކަތަކީ އެންސީއައިޓީގެ މެންޑޭޓުގައި ވެސް ހިމެނޭ ކަމެކެވެ. އެހެން ކަމުން މިގެނެވުނު ބަދަލުގެ ފަހަތުގައިވާ ވިސްނުންތަކެއް އަދި މުޅިން ސާފެއް ނުވެއެވެ.
ކުރީ ސަރުކާރުގައި ޓެކްނޮލޮޖީއާއި ގުޅުން ހުރި މަސައްކަތް ކުރުމުގައި ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ މެންޑޭޓް ފުށުއަރާ ގިނަ އިދާރާތަކެއް ހުރުމެވެ. އޭރު ވެސް އެންސީއައިޓީއާއި ޓްރޭޑްނެޓާއި ސީޓީއޯގެ އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި ފުށުއަރާ މަސައްކަތްތަކެއް ހިމެނުނެވެ. އަލަށް އެކުލަވާލެވުނު ސަރުކާރުގައި ޓެކްނޮލޮޖީ މެންޑޭޓް ހިމެނޭ އިދާރާތައް ސްޓްރަކްޗަރ ކުރެވިފައިވާ ގޮތުން އަދިވެސް ފުށުއަރާ މެންޑޭޓްތައް ހިމެނޭ އިދާރާތައް އެއްކޮށްލުމުގެ ނުވަތަ ފުށުއެރުން ކުޑަވާގޮތަށް މަސައްކަތްތައް ބާހާލުމުގެ ވިސްނުމެއް އަދި ނެތްކަން ފާހަގަކުރަމެވެ.
ކޮންމެ އަހަރަކުވެސް ބައިނަލްއަގްވާމީ ލެވެލްގައި ފާހަގަކުރާ ކޮމްޕިޔުޓަރ ސައިންސް އެޑިޔުކޭޝަން ހަފްތާގެ ދަށުން ހިންގާ އަވަރ އޮފް ކޯޑް ޕްރޮގްރާމް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔައެވެ. މިއަހަރުގެ ޕްރޮގްރާމް އިންތިޒާމްކުރީ ދިރާގާއި ކޯޑް.އޯގްގެ ބައިނަލްއަޤްވާމީ ޕާރޓްނަރެއް ކަމުގައިވާ ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެންނެވެ. ޕްރޮގްރާމްގެ ހަރާކާތްތައް ވަރޗުއަލްކޮށް އަދި ފިޒިކަލްކޮށް ކުރިއަށް ގެންދެވުނެވެ. މިއަހަރުގެ ޕްރޮގްރާމް ކުރިއަށް ދިޔައީ 'އަވަރ އޮފް ކޯޑް އެޓް ލެޓްސް ކޯޑް އެމްވީ' ގެ ނަމުގައެވެ. ޕްރޮގްރާމްގެ މައިގަނޑު އިވެންޓް ކުރިއަށް ގެންދިޔައީ 16 ޑިސެންބަރު ގައެވެ. މި ޕްރޮގްރާމަކީ އެއްގަޑިއިރު ތެރޭގައި ކޮމްޕިއުޓަރ ޕްރޮގްރާމިންގއާއި ބެހޭ މައުލޫމާތާއި ހަރަކާތްތައް ކުދިންނަށް ތައާރަފްކޮށްދޭ ޕްރޮގްރާމެކެވެ.
މިއީ ރާއްޖޭގައި އެންމެ ފަހުން އެންމެ ގިނަ ބަޔަކު އެވާހަކައެއް ދެއްކި އެއް ހަބަރެވެ. މިނިންމުމަކީ ސިޔާސީ ނިންމުމެއްކަމުގައި ވީނަމަވެސް، މިކަމަކީ ޓެކްނޮލޮޖީއާއި ގުޅުން ހުރި ކަމެއް ކަމަށްވާތީ މިލިސްޓުގައި މިހަބަރުވެސް ހިމަނާލީމެވެ. ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި ފުރަތަމަ ފަހަރަށް ޕޯނޮގްރަފީ ބްލޮކްކުރުމަކީ ދީނީ އަދި ސަގާފީ ނަޒަރަކުން ބަލައިފިނަމަ ކުރިއަށް އެޅުނު ރަނގަޅު ފިޔަވަޅެކެވެ. ސަރުކާރުގެ މިނިންމުމާއި ގުޅިގެން އާންމުންގެ ވަރަށް ގިނަ ބަޔަކު މިކަމަށް މަރުހަބާ ކިޔާ ތައުރީފު ކުރިއެވެ.
އެހެން ނަމަވެސް އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ސަރުކާރުގެ މިމަސައްކަތާއި ގުޅުވައިގެން، ރަޖިސްޓަރ ނުކުރާކަމަށާއި ދޮގު މައުލޫމާތު ފަތުރާކަމަށް ފާހަގަކޮށް، ސަރުކާރާއި ދެކޮޅަށް ހިޔާލު ފާޅުކުރާ ދެ ވެބްސައިޓެއްވެސް ބްލޮކްކުރިއެވެ. ޕޯން ބްލޮކް ކުރުމާއި ގުޅިގެން، އިތުރު ބާވަތުގެ ސައިޓްތައް ބްލޮކް ކުރުމަށް ނުވަތަ އިންޓަރނެޓް ސެންސަރޝިޕްއަށް މަގުފަހިވެދާނެކަމަށް ކަމަށް އެއްބަޔަކު ސޯޝަލް މީޑިއާގައި ފާހަގަކުރިއެވެ. މިހާ ހިސާބުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިންޓަރނެޓް ސެންސަރޝިޕްގެ ކަންބޮޑުވުންތައްވެސް ގިނަބަޔަކު ހިއްސާކުރަމުން ދިޔައެވެ. ރަނގަޅު އުސޫލެއްގެ ދަށުން ނުކުރެވިއްޖެނަމަ، މިކަމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ މިނިވަންކަމަށް އަސަރުކުރުވާނެ ކަމެކެވެ. އިންޓަރނެޓުގެ އަސާސީ އުސޫލުތަކުގެ ތެރޭގައި ވީހާވެސް ގިނަބަޔަކަށް އެކްސެސް ކުރަން ލިބުމާއި، ވީހާވެސް ހުޅުވިފައިވާ ގިނަ ހިޔާލުތައް ބަދަލުކުރެވޭ ތަނަކަށް ވުމާއި، ވީހާވެސް ގިނަބައެއްގެ ބައިވެރިވުން އެކުލެވުން ހިމެނެއެވެ. ޕޯން ބްލޮކްކުރުމުގެ މުހިއްމު މަސައްކަތުގައި ކުރިއަށް ދާއިރު ރާއްޖޭގެ ސަރުކާރުން، އިންޓަރނެޓްގެ މިފަދަ އަސާސީ އުސޫލުތައް ދަމަހައްޓައިގެން ޓެކްނޮލޮޖީ ބޭނުންކުރުމަށް ރައްޔިތުންނަށް ބާރު އަޅާނޭ ކަމަށް އުންމީދުކުރަމެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް