2021 ރިވިއު: ރާއްޖޭގެ ޓެކް ޚަބަރުގެ ގަދަ 12

ހިންދު ޢަލީ 30 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަނެއްކާވެސް އަހަރެއް ނިމެން ގާތްވަނީ އެވެ. ވޭތުވެދިޔަ 2 އަހަރަށް ދިގުލައިގެން ދިޔަ ކޮވިޑް ޕެންޑެމިކްގެ ނަންބަރުތައް ދަށަށް ގޮސް، ހާލަތު ރަނގަޅުވާނެ ކަމަށް އުންމީދު ކުރެވުނު ނަމަވެސް 2022 ވަނަ އަހަރާ ކުރިމަތިލާން މިޖެހެނީ އައު ވޭރިއަންޓް އޮމިކްރޯންގެ ބިރުވެރިކަން ބޯމަތިވެފައި އޮތް ހާލަތެއްގައެވެ.

ކޮންމެ ގޮތެއް ވިޔަސް އައު އާންމު ހާލަތަކަށް މަޑުމަޑުން ހަމަޖެހި-ނުޖެހި ދާ ފައްތަރެއްގެ ތެރޭގައި 2021 ވަނަ އަހަރުގެ ތެރޭގައިވެސް ރާއްޖޭގެ ޓެކް ދާއިރާގައި މުހިއްމު ކަންތައްތަކެއް ވެގެން ހިނގައްޖެއެވެ. މިލިޔުމުގައި ބަލާލާނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި ހިނގި ޓެކާއި ގުޅުންހުރި ނުވަތަ ރާއްޖޭގެ ޓެކް ދާއިރާ ހިމެނޭ އެކިއެކި ޚަބަރުތަކުގެ ހެޑްލައިންތަކަށެވެ.


1. ލޮޓީފައިލްސްއަށް މައިކްރޯސޮފްޓުން 9 މިލިއަން ޑޮލަރުގެ ފަންޑު ލިބުން

ދިވެހި ޑިވެލޮޕަރ ނަސްރުﷲ އަދުނާނު (ނައްޓު) އަދި ޝިޓިޖް މިންގަލްނީ ގުޅިގެން އުފައްދާފައިވާ ސްޓާޓްއަޕް ކުންފުނި ލޮޓީފައިލްސްއަކީ ޖޭސަން ސްކްރިޕްޓްގެ މައްޗައް ބިނާކުރެވިފައިވާ ލޮޓީ އެނީމޭޝަންތަކަށް ޙާއްސަ ޕްލެޓްފޯރމެކެވެ. މައިކްރޯސޮފްޓްގެ ވެންޗަރ ކެޕިޓަލް ފަންޑު އެމް12 އިން 9 މިލިއަން އެމެރިކާ ޑޮލަރުގެ ސީރީސް އޭ ފަންޑިންގް ލިބުނު ޚަބަރަކީ އަހަރު ފެށުމާއެކު ޖެނުއަރީ މަހު އިވިގެން ދިޔަ ޚަބަރެކެވެ.

2. އިނޯޕްރިނިއަރސް 2021 ގެ ގަދަ 100 ގައި ދިވެހި 2 ސްޓަރޓްއަޕް ހިމެނުން

އިންޑިޔާގައި ސްޓާރޓްއަޕްތަކަށް އެހީވުމަށް މަސައްކަތްކުރާ ކުންފުނި ލެމަން އައިޑިއާސް އިން އިންތިޒާމް ކޮށްގެން ހިންގި ސްޓާޓްއަޕް ކޮންޓެސްޓް އިނޯޕްރިނިއަރސް 2021 ގައި ޝޯޓްލިސް ކުރެވުނު 100 ސްޓާޓްއަޕް ތެރޭގައި ދިވެހި ދެ ސްޓާޓްއަޕެއް ހިމެނުނެވެ.

ސަޕްލައި އެމްވީ ޕްލެޓްފޯރމް އަދި އިންސްޓިޓިއުޓް އޮފް ޔޯގާ ސެންޓަރ ހިމެނުނީ މި މުބާރާތުގެ ސައުތު އޭޝިޔާ ސަރަހައްދުން ބައިވެރިވި 500 އަށް ވުރެ ގިނަ ސްޓާޓްއަޕްތަކުގެ ތެރެއިން ހޮވާލެވިގެންނެވެ. މީގެ އިތުރުން ސަޕްލައި އެމްވީ ޕްލެޓްފޯމް ދެވަނަ ބުރަށް ދަތުރުކޮށް ގަދަ 10 ސްޓާޓްއަޕްގެ ތެރޭގައިވެސް ހިމެނުނެވެ. މިއީ 2021 ގެ ފެބްރުއަރީ މަހުގެ ތެރޭގައި ލިބުނު ޚަބަރެކެވެ.


3. ޓެކްނޮލޮޖީ މިނިސްޓްރީ އުވާލާ، މަސްއޫލިއްޔަތު އެންވަޔަރަމަންޓް މިނިސްޓަރ ޝައުނާއަށް ހަވާލުކުރުން

1 މާރޗް 2021 ގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއެވެ. އެއަށްފަހު މެއި މަހާއި ހަމައަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ހަވާލުވެ ހުރުމަށްފަހު، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އުވާލައި އެ މިނިސްޓްރީގެ މަސްއޫލިއްޔަތުތައް މިނިސްޓްރީ އޮފް އެންވަޔަރުމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ދަށަށް ބަދަލު ކުރިއެވެ.

އަދި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އައިމިނަތު ޝައުނާ މިނިސްޓަރ އޮފް އެންވަޔަރުމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީގެ މަގާމަށް ހަމަޖެއްސިއެވެ. މިބަދަލާއިއެކު ޓެކްނޮލޮޖީ މިނިސްޓްރީއިން ކުރަމުން އައި ހުރިހާ މަސައްކަތެއް ތިމާވެށި މިނިސްޓްރީގެ ދަށަށް ބަދަލުވީއެވެ.


4. ޓެކްނިއުސް އެމްވީ އިފްތިތާހު ކުރުން

ޓެކްނޮލޮޖީއާއި ސައެންސް އަދި ޖައްވީ ހަބަރުތަކަށް ހާއްސަކޮށްގެން ދިވެހިރާއްޖޭގައި ނެރެވޭ ފުރަތަމަ އޮންލައިން ނޫސް ޓެކްނިއުސް.އެމްވީ އިފްތިތާހު ކުރެވުނީ އެޕްރީލް 2021ގައެވެ. މިޕްލެޓްފޯމް ހާއްސަވެގެން ދިޔައީ، ދިވެހި ބަހުން ޓެކްނޮލޮޖީ، ސައިންސް އަދި ސްޕޭސްއާއި ގުޅުން ހުރި ޚަބަރާއި މަޢުލޫމާތަށް ހާއްސަކުރެވޭ ފުރަތަމަ ޕްލެޓްފޯމަށްވުމާއެކު، ޓެކްސްޓް-ޓު-ސްޕީޗް ފީޗަރއާއި އެކު ރާއްޖޭގައި ތައާރަފްކުރެވުނު ފުރަތަމަ އޮންލައިން ޚަބަރު ޕްލެޓްފޯމަށް ވީމައެވެ.


5. ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ބައިވެރިންނަށް ހުޅުވާލުން

ދިވެހި ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގައި ބައިވެރިވާން އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ހުޅުވާލީ މެއި 2021 ގެ ތެރޭގައެވެ. އައިޖީއެސް އިން ފުރަތަމަ ފަހަރަށް ސްޕޭސް ޕްރޮގްރާމެއް ރާއްޖޭގައި ލޯންޗުކުރީ ނޮވެމްބަރ 2020 ގައެވެ. މިމިޝަންގެ ޑިރެކްޓަރަކަށް ޑރ. ސްރީމަތީ ކޭސަން ހަމަޖެއްސީ މިއަަހަރުގެ މާރޗް މަހުއެވެ. މިމިޝަން ހުޅުވާލީ އޭރޯސްޕޭސް އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިން ފަދަ ދާއިރާއިން ތައުލީމަ ހާސިލުކޮށްފައިވާ 12 ދިވެހިންނަށް އަމާޒުކޮށްގެންނެވެ. މުޅިން ހިލޭ ކުރިއަށް ގެންދާ މިތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް 'ނެނޯ ސެޓެލައިޓް އިންޖިނިއަރިންގ ޕްރޮފެޝަނަލް' ސެޓްފިކެޓް ލިބޭނެއެވެ.


6. އިންޓަރނެޓް އަގުހެޔޮ ކުރުން

ގިނަ ދުވަސްތަކެއްގެ އިންތިޒާރަށް ފަހު އިންޓަރނެޓްގެ އަގަށް ބަދަލުތަކެއް ގެނެސް ޢާންމު ކުރީ 2021 ގެ މެއި މަހުގެ ތެރޭގައެވެ. ނެޓުހެޔޮ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ފުރަތަމަ ބައެއްގެ ގޮތުން ޖުލައި 1 އިން ފެށިގެން ފިކްސް ބްރޯޑްބޭންޑްގެ ޕެކޭޖްތަކުގެ އަގުތައް ބަދަލު ކުރެވިގެން ދިޔައެވެ. އަދި އޮކްޓޯބަރ 2021 އިން ފެށިގެން މޯބައިލް އިންޓަރނެޓް ޕެކޭޖްތަކުގެ އަގުތައް ތިރިކޮށް، ޕެކޭޖުތަކުގެ ޑޭޓާގެ އަދަދުތަކަށް ރަނގަޅު ބަދަލުތަކެއް ގެނެސް އާންމުކުރެވުނެވެ.


7. ބީއެމްއެލް މޯބައިލް އެޕް އައު ފީޗާރތަކާއި އެކު ތަޢާރަފުކުރުން

ބީއެމްއެލްގެ މޯބައިލް ބޭންކިންގ އެޕްލިކޭޝަން އައު ވަރޝަން އިތުރު ފީޗާރސް ތަކާއެކު ތައާރަފްކުރެވިގެން ދިޔައީ ޖޫން 2021 ގައެވެ. އެޕް އަޕްގްރޭޑް ކުރެވުމުގެ މަގުސަދަކީ ކަސްޓަމަރުންނަށް ބޭންކުގެ ޚިދުމަތް އޮންލައިންކޮށް ކުރިއަށްވުރެ ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުނެއެވެ. ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ފާހަގަކުރި ގޮތުގައި އައު އެޕަކީ ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބޭންކުގެ ޑިޖިޓަލް މަގުޗާޓުގައި ހިމެނުނު މުހިއްމު މަސައްކަތެކެވެ. މިއެޕަކީ ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ އެޕެކެވެ.


8. އާސިލްސްގެ ތަކުރުވޯސްއަށް އެޕިކް ގޭމްސްގެ މެގަ ގްރާންޓް ލިބުން

ދިވެހި ކުންފުނި އާރސިލްސް ޕްރައިވެޓް ލިމިޓެޑްއިން އުފައްދާފައިވާ ތަކުރުވޯސް ގޭމަށް އެޕިކް ގޭމްސްއިން މެގަ ގްރާންޓް ލިބުނު ހަބަރު ފެނުނީ 2021 ގެ ޖޫން މަހުއެވެ. މިއީ ރާއްޖޭގެ ޓެކް ކުންފުންޏަކަށް ލިބުނު މިފަދަ ފުރަތަމަ ގްރާންޓެވެ. އެޕިކް ގޭމްސްއިން ހުޅުވާލި އެޕިކް މެގަ ގްރާންޓަކީ ގޭމް ޑިވެލޮޕްކުރާ ފަރާތްތަކާއި، ވިޝުއަލައިޒޭޝަން އަދި މުނިފޫހިފިލުވުމަށް އެކިއެކި މީޑިއާ ކޮންޓެންޓް އުފައްދާ ފަރާތްތަކާއި، މިފަދަ ކަންކަން ކިޔަވާ ދަރިވަރުންނާއި ޓީޗަރުންނަށް އެހީތެރިވުމުގެ ގޮތުން ހުޅުވާލި ފުރުސަތެކެވެ. އާސިލްސްއަށް މި ގްރާންޓް ލިބުނީ އެޕްލިކޭޝަން ހުށަހަޅައިގެން ގިނަ ރައުންޑްތަކެއްގެ އިންޓަރވިއު އަދި ވެލިޑޭޝަނުން ރައުންޑްތަކުން ކަމިޔާބީ ލިބިގެންނެވެ.


9. ރާއްޖޭގައި ކްލަބްހައުސް ވައިގައި ހިފުން

2021 ގެ ޖޫން މަހުގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރެވިގެން ދިޔަ އެއް އެޕަކީ ކްލަބްހައުސްއެވެ. އެޕްރީލް 2020ގައި ތައާރަފް ކުރެވުނު ކްލަބްހައުސް އެޕަކީ ހަމައެކަނި ވޮއިސް ބޭނުންކޮށްގެން އެއްބަޔަކު އަނެއްބަޔަކާއި ގުޅުވައިދޭ، ސޯޝަލް މީޑިއާ އެޕެކެވެ. މިއެޕް ރާއްޖޭގައި ވައިގައި ހިފާލީ އެޕް ލޯންޗުކުރިތާ އަހަރެއްހާ ދުވަސް ފަހުންނެވެ. 2021 ގެ ކުރީ ކޮޅުން ފެށިގެން ވެސް އެޕް މަދު މަދުން ބޭނުންކުރެވެމުން ދިޔައެވެ. ކްލަބްހައުސްގައި އެންމެ ފުރަތަމަ ފެނުނު ދިވެހި ޗެނަލްތަކުގެ ތެރޭގައި މޯލްޑިވިއަންސް ލިންކްއަޕް އަދި އައްޑޫ ސިޓީ ޗެނަލް ފާހަގަކޮށްލެވެއެވެ. އެއަށްފަހު އެކިއެކި ރަށްތަކަށް ނިސްބަތްވާ ޗެނަލްތައް އުފައްދާ، ރަށްރަށުގެ ކައުންސިލްތަކާއި، ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުންދޭ ޚިދުމަތުގެ މަޢުލޫމާތު ހިއްސާކުރެވިގެން ދިޔަ މަންސައަކަށް ވެގެން ދިޔައެވެ.

ޖޫން މަހާއި އޭގެ ފަހުން ދެތިން މަސް ވަންދެން ވަރަށް ފޯރި ހިފާލި ދަނޑިވަޅު ވަރަށް ގިނަ ޕޮލިޓިކަލް އަދި އެކިއެކި ދާއިރާގައި މަޝްހޫރު ބޭފުޅުން މިޕްލެޓްފޯމް ބޭނުންކުރަން ފެށިތަން ފެނިގެން ދިޔައެވެ. އަދި އެކިއެކި މަޢުލޫތަކަށް މުހިއްމު ވާހަކަތައް ދެކެވި، މަޢުލޫމާތު ބަދަލުކޮށް ޚިޔާލުފާޅުކުރެވިގެން ދިޔައެވެ. ނަމަވެސް އޭގެ ފަހުން އެޕްގެ ބޭނުންކުރާ ފަރާތްތައް މަދުވެ، އެޕްގެ ޝައުގުވެރިކަން ވަނީ ދަށަށްގޮސްފައެވެ.


10. ރާއްޖޭގެ ކޮވިޑްސޭފް ޑިޖިޓަލް ޕާސްޕޯޓުގެ ޚިދުމަތް ތައާރަފްކުރުން

ދިވެހިރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ސެޕްޓެމްބަރ 2021 ކޮވިޑްސޭފްގެ ނަމުގައި ކޮވިޑް-19 ޑިޖިޓަލް ސޭފްޓީ ސްޓޭޓަސް ބެލުމަށް ޕޯޓަލެއް ތަޢާރަފްކުރިއެވެ. މިއީ ދުނިޔޭގެ ލެވެލްގައި ބަލައިގަންނަ، މިނިސްޓްރީ އޮފް ހެލްތުގެ ރަސްމީ ކޯވިޑް-19 ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ޖެނެރޭޓްކޮށްދޭ ޕޯޓަލެވެ. މި ޕޯޓަލް މެދުވެރިކޮށް މީހާގެ ކޮވިޑް ވެކްސިނާއި ބެހޭ މަޢުލޫމާތާއި، ޕޮސިޓިވްވެފައިވާ މީހެއްނަމަ، މީހާގެ ކޯވިޑް-19ގެ ސިއްޙީ ހާލަތާއި، ކަރަންޓީނު ކުރެވިފައިވާ މީހެއްނަމަ، މީހާގެ ކަރަންޓީނު ހާލަތާއި ކޮވިޑް ޓެސްޓްތަކުގެ ނަތީޖާ ބަލާލެވެން ހުރެއެވެ.


11. މައިކްރޮސޮފްޓް ޓްރާންސްލޭޓަރގައި ދިވެހި ބަސް ހިމެނުން

އޮކްޓޯބަރ މަސް ތެރޭގައި މައިކްރޮސޮފްޓްގެ ބިންގް ޓްރާންސްލޭޓަރގައި އިތުރު 12 ބަހެއް ހިމަނާ އާންމު ކުރެވުނުއިރު ދިވެހި ބަސް ވެސް ހިމެނުނެވެ. މައިކްރޮސޮފްޓްގެ އެކްސްވައިޒީ ކޯޑް އިނީޝިއޭޓިވްގެ ދަށުން ކުރެވުނު މިމަސައްކަތަކީ، ލިޔުންތަކާއި، އޯޑިއޯ އަދި އެކި ބަސްތައް ބޭނުންކޮށްގެން ވާހަކަ ދައްކާ، އަޑުއިވޭ އަދި ފެންނަ އާޓިފިޝަލް އިންޓެލިޖެންސް ނިޒާމުތަކެއް އުފެއްދުމަށް އެކުންފުނިން ކުރަމުންދިޔަ މަސައްކަތުގެ ބައެކެވެ. ޓްރާންސްލޭޓަރގައި ހިމެނިފައިވާ ދިވެހި ޑޭޓާސެޓާއި މެދު ގިނަ ފާޑުކިޔުންތަކެއް ވެސް މިޚަބަރާއެކު އާންމުވިއެވެ. އަދި މީގައި ހިމެނޭ ޑޭޓާ ސެޓް ފުރިހަމަ ކުރުމަށް އިތުރު ބަދަލުތަކެއް ގެނައުމަށް ޓެކް ކޮމިޔުނިޓީގެ ބައެއް ފަރާތްތަކުން މިހާރު މަސައްކަތް ކުރެއެވެ.


12. ބީއެމްއެލްގެ އޮންލައިން ޚިދުމަތްތައް މެދުކެނޑުން

އަހަރު ނިމުމަކާ ހަމައަށް އަންނަނިކޮށް ރާއްޖޭގެ މައި ބޭންކު ބީއެމްއެލްގެ ހުރިހާ އޮންލައިން ޚިދުމަތްތަކަށް ބުރޫއެރުން ވެގެން ދިޔައީ ގިނަ ދިވެހިންނަށް އެކި މިންވަރަކަށް ދަތިތަކާއި ކުރިމަތިލާން ޖެހުނު ކަމަކަށެވެ. މިހާދިސާ ދިމާވީ ނޮވެމްބަރު 21 ގައި ބީއެމްއެލްގެ ކޯ ބޭންކިން ސިސްޓަމްއަށް ގެނައި ބޮޑު އަޕްގްރޭޑަކާއި ގުޅިގެންނެވެ. 1 ދުވަހަށް ވުރެ ދިގުލައިގެން ދިޔަ މިހާދިސާގައި ދޭތެރެއަކުން ހިދުމަތް ލިބޭ ފަހަރާއި އެއްގޮތަކަށްވެސް ނުލިބޭ ފަހަރު ފެނިގެން ދިޔައެވެ. ބޭންކުން ލިބެމުން ދިޔަ ހުރިހާ އޮންލައިން ޚިދުމަތަކަށް މިހާދިސާގައި ބުރޫއެރިއެވެ. އޭގެ ތެރޭގައި އޭޓީއެމް ޚިދުމަތާއި، ފިހާރަތަކުގައި ބޭނުންކުރެވޭ ޕޮއިންޓް އޮފް ސޭލްސް ސިސްޓަމާއި ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ޚިދުމަތްތަކާއި، މޯބައިލް އެޕުން ލިބޭ ޚިދުމަތްތަކާއި، ޕޭމަންޓް ގޭޓްވޭގެ ޚިދުމަތްތައް މެދުކެނޑިގެން ދިޔައެވެ. މިއީ ފަހުގެ ތާރީޚެއްގައި މިހާ ދިގުމުއްދަތަކަށް ޒަރޫރީ ޚިދުމަތެއް މެދުކެނޑިގެން ދިމާވި އެންމެ ބޮޑު އެއްމައްސަލައެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.